އީޕީއޭ

މަގުތަކަށް ކުނި ޖަމާކޮށްގެން ކުނި ނުނަގަން އެދިއްޖެ

Aug 30, 2022
2

މަގުތަކާއި ދުވާރުމަތީގައި ކުނި ޖަމާނުކުރުމަށާއި މަގުތަކަކީ ކުނި ޖަމާކޮށްގެން ކުނި ނަގާ ތަނަކަށް ނުހެދުމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އިލްތިމާސް ކޮށްފި އެވެ.

އީޕީއޭ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މަގުތަކަށް ކުނި ނެރެގެން ކުނި ޖަމާކުރަން އެ އެޖެންސީން ހުއްދަދިނީ ކޮވިޑް 19ގެ ދުވަސްވަރަށް އެކަނި ކަމަށެވެ.

ކޮވިޑްގެ ހާލަތު ނެތި ގޮސްފައިވާތީ އާއި ކުނި މެނޭޖުކުރާ ފަރާތްތަކުން އިމާރާތްތަކުގެ ދޮރުމަތިން ކުނި ނަގަން މިހާރު ފަށާފައިވާތީ އެއްވެސް ފަރާތަކުން މަގުމައްޗާއި ދުވާރު މައްޗަށް ކުނި ނޭޅުމަށްވެސް އީޕީއޭ އިން އެދިފައިވެ އެވެ.

އީޕީއޭ އިން ބުނީ ކުނި މެނޭޖުކުރުމުގެ ހިދުމަތްދޭ ފަރާތްތަކުންވެސް ކުނި އެއްކޮށް ޖަމާކުރުމަށްފަހު މަގުމައްޗާއި ދުވާރުމަތީގައި ކުނިފުނިޖަހައި ކަލެކްޝަން ޕޮއިންޓުގެ ގޮތުގައި ބޭނުންކުރަމުންދާ ކަން އެ އެޖެންސީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންވެ ކުނި މެނޭޖުކުރާ ފަރާތްތަކުން ވެސް އެގޮތަށް އަމަލުނުކުރުމަށް އީޕީއޭ އިން އެދިފައިވެ އެވެ.

އީޕީއޭ އިން ވަނީ އާންމު ރައްޔިތުންގެ ސިއްހީ ރައްކާތެރިކަމަށްޓަކައި މަގުމަތި ސާފުކޮށް ބޭއްވުމަށްވެސް ހުރިހާ ފަރާތްތަކަށް އިލްތިމާސްކޮށްފަ އެވެ.