ވެމްކޯ

މާލެ ސާފުކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ވެމްކޯއިން ފަށައިފި

Dec 30, 2022

އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާގެ އެންގެވުމަކަށް ވެމްކޯ އިން މާލެ ސާފުކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.

އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހް ވިދާޅުވީ މާލޭގެ އާންމު ތަންތަނުގައި އުފެދޭ ކުނި މާލެ ސިޓީ ކައުންސިލުން އަމިއްލައަށް އުކާލުމަށް ނިންމި ނަމަވެސް ފާއިތުވި ތިން ދުވަހު ފެނުނީ މާލެ ސިޓީ ކައުންސިލަށް އެކަން ނުވެ ފެއިލްވި މަންޒަރު ކަމަށެވެ.

"އެހެންވެ މިނިސްޓަރު އެންގެވީ މީހެއްގެ އީގޯއަށް ބެލުމެއް ނެތި މާލެ ސާފުކުރަން ހާއްސަ އޮޕަރޭޝަނެއް ފަށައިދިނުމަށް. މިނިސްޓަރުގެ އެދިވަޑައިގަތުމަކަށް ވެމްކޯ އިން މިއަދު ހަވީރު 4:00 ޖެހިއިރު އެވަނީ އޮޕަރޭޝަން ފަށާފައި،" އަލީ ވިދާޅުވި އެެވެ.

އޭނާ ވިދާޅުވީ މާލެ ގޮނޑުވެ އާންމު ސިއްހަތަށް ނުރައްކާވެގެންދާއިރު މާލެ ސިޓީ ކައުންސިލުން މާލެ ސާފު ކުރާނެ ކަމަށް ބަލައިގެން ސަރުކާރަށް ނުތިބެވޭނެ ކަމަށެވެ. އެހެންވެ ވެމްކޯ އިން މިއަދު ހާއްސަ އޮޕަރޭޝަނެއް ފެށީ މާލެ ސިޓީ ކައުންސިލަށް އެފަރާތުގެ ޒިންމާ ނެގިފައި ނުވާތީ ރައްޔިތުންގެ އާންމު ސިއްހަތު ވެސް ރައްކާތެރިކުރަންޖެހިގެން ކަމަށެވެ

ވެމްކޯގެ ހާއްސަ އޮޕަރޭޝަން ކުރިއަށްދާނީ ކިހާ ދުވަހަކަށްތޯ އެހެމުން އަލީ ސޯލިހް ސީދާ އެ ސުވާލަށް ޖަވާބު ދީފައެއް ނުވެ އެވެ.

މާލޭގެ މަގުތަކުގައި ހުންނަ ކުނި ނެގުން ވެމްކޯ އިން ހުއްޓާލީ މާލެ ސިޓީ ކައުންސިލާއި ވެމްކޯ އާއި ދެމެދު ހަދާފައިވާ އެއްބަސްވުން މިމަހުގެ 26 ވަނަ ދުވަހު ހަމަވުމާ ގުޅިގެން އެއްބަސްވުން އާކުރުމަށް މާލެ ސިޓީ ކައުންސިލުން ބޭނުން ނުވުމުންނެވެ. މި އެއްބަސްވުމަކީ މާލޭގެ މަގުތަކާއި އާންމު ތަންތަނުގައި އުފެދޭ ކުނި ނަގައި ސާފުކުރުމަށް ވެމްކޯއާއި އެކު މާލެ ސިޓީ ކައުންސިލުން ހަދާފައި އޮތް އެއްބަސްވުމެކެވެ.

މާލެ ސިޓީ ކައުންސިލުން އެއްބަސްވުން އާނުކޮށް އެ އިދާރާ އިން އަމިއްލަ އަށް ކުނި ނެގުމަށް ނިންމާ އެ މަސައްކަތް ފެށުމާ އެކު ވެމްކޯ އިން ވަނީ މާލޭގެ ގޭބިސީތަކުގެ ދޮރުމަތީގައި ބަހައްޓާފައި ހުންނަ ކުނި ކޮތަޅުތައް ވެސް ނެގުމަށް ދެކޮޅު ހަދާފަ އެވެ. ނަމަވެސް މާލެ ސިޓީ ކައުންސިލުން ބުނީ އެއީ ވެމްކޯއަށް ފައިސާ ދައްކާ ގޭބިސީތަކުން އުކާލުމަށް ގޭދޮރުމައްޗަށް ނެރޭ ކުނި ކަމަށްވާތީ އެގޮތަށް ހުންނަ ކުނި އުކާލުމަކީ ވެމްކޯގެ ޒިންމާއެއް ކަމަށެވެ. އެފަދަ ކުނި އުކާލުމަށްވެސް ވެމްކޯ އިން ދެކޮޅު ހެދުމުން މާލެ ސިޓީ ކައުންސިލުން ބުނީ ވެމްކޯ އިން ކުރަނީ ޖެއްސުމެއް ކަމަށެވެ.