ރާއްޖޭގެ 140 އަށްވުރެ ގިނަ ރަށުގައި ކުނި މެނޭޖްކުރާ ސެންޓަރުތައް ގާއިމުކުރެވިއްޖެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.
ވެމްކޯގެ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ވެމްކޯ އުފެއްދުމާއިއެކު ރާއްޖޭގައި ކުނި މެނޭޖުކުރާ ގޮތްތައް ވަރަށް ބޮޑަށް ހަރުދަނާ ކުރެވިއްޖެ ކަމަށެވެ. ވެމްކޯއަކީ ކުނި މެނޭޖުކުރުމުގެ ޒަމާނީ އާލާތްތަކާއެކު ފައްކާކުރެވެމުން އަންނަ، ކުނި މެނޭޖުކުރުމަށް އިންގިލާބީ ބަދަލެއް ގެންނާނެ ކުންފުންޏެއް ކަންވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މިގޮތުން މިހާތަނަށް ރާއްޖޭގެ 140 އަށް ވުރެ ގިނަ ރަށެއްގައި ކުނި މެނޭޖުކުރުމަށް ހާއްސަ ސެންޓަރުތައް ގާއިމުކުރެވި، ކުނި މެނޭޖުކުރުމާ ގުޅޭ އިތުރު 88 މަޝްރޫއެއްގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"140އަށް ވުރެ ގިނަ ރަށުގައި ކުނި މެނޭޖުކުރާ ސެންޓަރު ގާއިމުކުރެވިއްޖެ. ވަރަށް ގިނަ ރަށްރަށުގެ ޒަމާންވީ ކުނި ފުނިތައް ރަށުން ބޭރުކުރެވިއްޖެ. އަދި މިހާރު ވެސް ކުނި މެނޭޖުކުރުމާ ގުޅޭ 88 މަޝްރޫއެއްގެ މަސައްކަތް އެބަ ކުރިއަށްދޭ،" މިނިސްޓަރު ވިދާޅުވި އެވެ.
ޝައުނާ އިތުރަށް ވިދާޅުވީ ވެމްކޯއަކީ ހަމައެކަނި ކުނި ނަގައި ސާފުކުރުމުގެ މަސައްކަތްކުރާ ކުންފުންޏަކަށްވުރެ ރައްކާތެރި ގޮތުގައި ކުނި މެނޭޖުކުރުމުގެ މަސައްކަތެއް ކުރާ ފަންނީގޮތުންނާއި މާލީގޮތުން ގާބިލް ކުންފުންޏަކަށް ހެދުމަށް ސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
މިނިސްޓަރު ވަނީ ކުނި މެނޭޖުކުރުމަށްޓަކައި އެންމެ ބޮޑު ހޭދައެއްކޮށްގެން ގާއިމުކުރަމުންދާ "ގްރޭޓާ މާލެ ވޭސްޓު ޓު އެނާޖީ" ޕްރޮޖެކްޓްގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރިއަށްދާކަމާއި ނިޒާމަށް ބޭނުންވާ ކުނި ތިލަފުށްޓަށް ގެންގޮސް ވަކިކޮށް، ޝްރެޑް ކޮށް، ބޭލްކުރުމުގެ މަސައްކަތް ކުރެވެމުން އަންނަކަން ފާހަގަކުރައްވާފަ އެވެ.
މީގެ އިތުރުން ޝައުނާ ވަނީ ކުނި މެނޭޖުކުރުމަކީ ސަރުކާރުން ބޮޑު އަހަމިއްޔަތުކަމެއްދޭ ކަމެއް ކަމަށް ވިދާޅުވެ، ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖުކުރުމުގެ ގޮތްތަކާއި އާދަތަށް ދިވެހިންގެ ކިބައިގައި އަށަގެންނެވުމަށް ވެމްކޯއިން ކުރަމުންދާ މަސައްކަތް ފާހަގަކުރައްވާ ޝުކުރު އަދާކޮށްފަ އެވެ.
ވެމްކޯގެ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.