މާލެ އަދި ވިލިމާލޭގައި ގާއިމުކުރަމުންދާ ޒަމާނީ އާ ވޭސްޓް ޓްރާންސްފާ ސްޓޭޝަނަށް ބޭނުންވާ އިކުއިޕްމަންޓް ރާއްޖެ ގެނެސްފި އެވެ.
މިއީ މިސްޓޭޝަން ތަކުގެ މަސައްކަތް މިއަހަރުގެ ތިންވަނަ ކުއާޓަރުގެ ނިޔަލަށް ނިންމާ، ހިދުމަތް ދިނުމަށް އެންމެ ފަހުގެ ތައްޔާރީތައްވުމުގެ ގޮތުން ނެސްފައިވާ އިކުއިޕްމަންޓްތަކެކެވެ. ރާއްޖެ ގެނެސްފައިވާ އިކުއިޕްމަންޓްތައް މިމަހުގެ 10 ވަނަ ދުވަހު ވަނީ ތިލަފުއްޓަށް ގެންގޮސްފަ އެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ މި އިކުއިޕްމަންޓްތަކަކީ ކުނި މެނޭޖްކުރުމަށާއި، ކުނި ތިލަފުއްޓަށް އުފުލުމަށް ހުރި ދަތިތައް ނައްތާލުމަށްޓަކައި ބޭރުގެ ފަންނީ މާހިރުންގެ ލަފާއާއި އެކު ތައްޔާރުކޮށްފައިވާ "ގްރޭޓާ މާލޭ ވޭސްޓް ކަލެކްޝަން ސްޓްރެޓަޖީ"ގައި ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތަށް ކުނި މެނޭޖުކުރުމަށް ބޭނުންވާ، އެކަމަށް ހާއްސަ އިކުއިޕްމަންޓް ތަކެއް ކަމަށެވެ.
ވޭސްޓް ޓްރާންސްފާ ސްޓޭޝަންތައް ފަރުމާކޮށްފައިވަނީ ކޮމްޕެކްޓް ނުވަތަ ފިއްތާލެވިފައިވާ ކުނި ތިލަފުއްޓަށް ކޮންޓޭނަރުގައި އުފުލޭ ގޮތަށެވެ. މިގޮތުން މާލެ އަދި ވިލިމާލޭގައި ގާއިމުކުރަމުންދާ ޓްރާންސްފާ ސްޓޭޝަންގައި ބޭނުންކުރުމަށްޓަކައި މުޅިން އާ ކޮންޓޭނަރު ތަކާއި، ކޮންޓޭނަރު އުފުލުމަށް ބޭނުންވާ "އާމް ރޯލް ޓްރަކް" ވެހިކަލްތަކާއި އާއި ކޮންޓޭނަރުގައި ހުންނަ ކުނީގެ ވޮލިއުމް ދަށްކުރުމަށް ހާއްސަ "ރޯލް ޕެކަރ" ތައް ވެސް ވަނީ އެތެރެކޮށްފަ އެވެ.
މީގެ ސަބަބުން ބަރު އަދި ބޮޑެތި ކުނި (ސީއެންޑީ) ފިޔަވައި އެހެނިހެން ކުނި އުކާލުމަށް، ކުނި އުފުލާ ބާޖަށް ވެހިކަލް އެރުން ހުއްޓުމަކަށް ގެނެވޭނެ އެވެ. މީގެ ބަދަލުގައި ކުނި އުފުލާ ވެހިކަލްގައި ހުރި ކުނި ކިރުމަށް ހާއްސަ 'ވެއި ބްރިޖަކުން' ކިރާލުމަށްފަހު ފަހު ޓްރާންސްފާ ސްޓޭޝަންގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ވޭސްޓް ޓިޕިން ޕްލެޓްފޯމް މެދެވެރިކޮށް ތިރީގައި ހުންނަ ކޮންޓޭނަރަށް ކުނި އުކާލެވޭނެ އެވެ. އަދި ހުރިހާ ވެހިކަލަކުން ވެސް ޓިޕިން ޕްލެޓްފޯމުން ކުނި އުކާލާނީ ސްޓޭންޑަޑް ކޮންޓެއިނަރުތަކަށެވެ. އަދި ވަކިކުރެވިފައިވާ (ސެގްރިގޭޓް) ކުނި އުކާލުމަށް ބޭނުންކުރާ މިކޮންޓޭނަރުގެ ސްޓޮކްވެސް މިހާރު ހަމަކޮށްފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.
ރާއްޖެ ގެނެސްފައިވާ އިކުއިޕްމަންޓްތަކާއި ވެހިކަލް ތަކަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ދިވެހި ސަރުކާރުން ހަރަދުކޮށްގެން ޒޯން ތިނެއްގެ ސަރަހައްދުގެ ކުނި މެނޭޖުކުރުމުގެ މަސައްކަތް ހަރުދަނާ ކުރުމުގެ ގޮތުން ހިންގަމުންދާ ގްރޭޓާ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ދަށުން، ޖުމްލަ 47.8 މިލިއަން ރުފިޔާ -- 3.2 މިލިއަން އެމެރިކާ ޑޮލަރު ހަރަދުކޮށްގެން ގެނެސްފައިވާ ތަކެއްޗެވެ.
ޗައިނާ އާއި ޖަރުމަނުގެ ސަޕްލަޔަރުން މެދުވެރިކޮށް ހޯދައިފައިވާ މިތަކެތި އިންސްޓޯލް ކުރުމާއި، ކޮމިޝަން ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މާލެ އަދި ވިލިމާލޭގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންގެ މަސައްކަތް ކުރުމަށް ކޮންޓްރެކްޓް ކުރެވިފައިވާ ޗައިނާ ސްޓޭޓް ކޮންސްޓަރަކްޝަން އެންޑް އިނޖިނިއަރިން (ސީއެސްސީއީސީ)އާ އެވެ.
މާލޭ އަދި ވިލިމާލޭގެ އާ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތައް ހުންނާނީ ވެމްކޯގެ އޮޕަރޭޝަން މިވަގުތު ކުރިއަށްދާ ސައިޓުތަކުގަ އެވެ. އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ މި ޓްރާންސްފާ ސްޓޭޝަންތަކަކީ ކުދި އަދި މެދު ސައިޒްގެ ޕިކަޕްގެ އިތުރުން، ޑަމްޕް ޓްރަކް އަދި ބޮޑެތި، ބަރު ކުނި އުފުލާ ޑަމްޕް ޓްރަކްތަކާއި އެކު، ތަފާތު އެކި ސައިޒުގެ ކުނި އުފުލާ ވެހިކަލް ތަކަށް ދަތިކަމެއް ނެތި ހިދުމަތްދެވޭ ގޮތަށް ފަރުމާކޮށްފައިވާ ޖާގަ ތަނަވަސް މަރުކަޒުތަކެއް ކަމަށެވެ.
މީގެ އިތުރުން ވެމްކޯއިން މާލެ ސަރަހައްދުގައި ފޯރުކޮށްދެމުންދާ ކުނި އުކާލުމާއި، ކުނި މެނޭޖްކުރުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށާއި، ކުނި މެނޭޖްކުރުމުގެ ގަވާއިދަށް ގެނެވުނު އިސްލާހުތަކާ އެއްގޮތަށް ކުނި ވަކިކޮށްގެން އުކާލުމަށްޓަކައި، އަލަށް ގެނައި އިކުއިޕްމަންޓްތައް މުހިއްމު ދައުރެއް އަދާކުރާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. މިގޮތުން މިމަހުން ފެށިގެން މިސަރަހައްދުގެ ހުރިހާ ގޭބިސީތަކުން ކުނި އުކާލުމަށް ވެމްކޯ އިން މަސައްކަތް ފަށާފައި ވާތީ، އައު ވެހިކަލްއާއި މެޝިނަރީޒްގެ އެހީގައި ކުނި މެނޭޖްކުރުމަށް ހޭދަވާ ވަގުތު ބޮޑުތަނުން މަދުކުރެވޭނެ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.
މާލޭގެ އާ ވޭސްޓް ޓްރާންސްފާ ސްޓޭޝަނާއި އެޑްމިން ބިލްޑިން އާއި، ވިލިމާލޭގައި ގާއިމުކުރަމުންދާ ވޭސްޓް ޓްރާންސްފާ ސްޓޭޝަނަކީ އޭޑީބީގެ ސޭފްގާޑްސް މިންގަނޑުތަކަށް ފެތޭ ގޮތަށް، ކާރިސީ އަދި މޫސުމީ ހިރާސްތަކުން ރައްކާތެރިވާނޭހެން ފަރުމާކޮށްފައިވާ އިމާރާތްތަކެކެވެ. މީގެ އިތުރުން މިސަރަހައްދުގައި އުފެދޭ ކުނި ރައްކާތެރި ގޮތުގައި ތިލަފުއްޓަށް އުފުލުމަށް މިއާ ޓްރާންސްފާ ސްޓޭޝަންތަކުގެ ދައުރު ވަރަށް ބޮޑެވެ. އަދި މިސަރަހައްދުގެ ކުނި އުކާލުމާއި އުފުލުމުގެ ހުރިހާ މަސައްކަތެއް މިސްޓޭޝަންތަކުގައި ކުރުމަށް ހަމަޖެހިފައިވަނީ ތިމާވެއްޓާއި ރައްޓެހި އަދި ބައިނަލްއަގުވާމީ މިންގަނޑުތަކާއި އެއްގޮތަށް ކަމަށްވެސް މިނިސްޓްރީން ބުނެފައިވެ އެވެ.