ނޫސްވެރިން

ޖާނަލިޒަމް ފެލޯޝިޕެއްގައި ބައިވެރިވާން އެމްޑީއެފްއެމުން ނޫސްވެރިންނަށް ހުޅުވާލައިފި

Jan 11, 2016
1

ސިންގަޕޫރުގައި މި އަހަރު ބާއްވާ ޖާނަލިޒަމް ފެލޯޝިޕް ޕްރޮގްރާމެއްގައި ބައިވެރި ވުމުގެ ފުރުސަރެއް އަލަށް އުފެއްދި މީޑިއާ ޑިވެލޮޕްމަންޓް ފައުނޑޭޝަން އޮފް މޯލްޑިވްސް (އެމްޑީއެފްއެމް) ރާއްޖޭގެ ނޫސްވެރިންނަށް ހުޅުވާލައިފި އެވެ.

މި ފެލޯޝިޕް ޕްރޮގްރާމް ކުރިޔަށްދަނީ އަންނަ ޖުލައި 18 އިން އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހަށެވެ.

އެމްޑީއެފްއެމްުން މިއަދު ބުނީ ފެލޯޝިޕްގައި ފުރުސަތު ދެނީ ނޫސްވެރިކަމުގެ ދާއިރާގައި މަދުވެގެން ފަސް ދުވަހު މަސައްކަތް ކޮށްފައިވާ ނުވަތަ މިހާރުވެސް ނޫސްވެރިކަމުގައި ތިބި ނޫސްވެރިންނަށް ކަމަށާއި މި ފެލޯޝިޕް ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ހޮވޭ ފަރާތްތަކުގެ ކޯހުގެ މުއްދަތުގެ ހުރިހާ ޚަރަދެއް ދޭނެ ކަމަށެވެ.

ފެލޯޝިޕްގެ މުއްދަތުގައި ސިންގަޕޫރުގެ އެކިއެކި މީޑިއާގައި ހިމެނޭ މީޑިއާ ހައުސްތަކާ ބައްދަލުކޮށް މަސައްކަތުގެ ތަޖުރިބާ ހިއްސާކުރުމާއި ނޫސްވެރިކަމުގެ ދާއިރާ އިން ތަޖުރިބާކާރު ފަރާތްތަކާ ބައްދަލުވުމުގެ ފުރުސަތު ހޯދައިދެ އެވެ.

ފެލޯޝިޕްގައި ބައިވެރިވުމުގެ ސުންގަޑިއަކީ އަންނަ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުގެ ހަވީރު 5:00 ޖެހުމާ ހަމަށެވެ. ފެލޯޝިޕްގައި ބައިވެރިވާން ބޭނުންވާ ނޫސްވެރިން އެމްޑީއެފްއެމަށް ސިޓީއެއް ފޮނުވާށެވެ.