ހަބަރުތަކުގެ މަސްދަރު ހާމަ ކުރަން ޖެހޭ ގޮތަށް ހެއްކާ ބެހޭ ބިލުގައި ހިމަނައިފައިވާ މާއްދާ މުރާޖާ ކުރަން ވެރިކަން ކުރާ އެމްޑީޕީގެ ބައެއް މެމްބަރުން ގޮވާލައްވައިފި އެވެ.
ސަރުކާރުން ސްޕޮންސާ ކޮށްގެން ހުޅަހެޅި ހެއްކާ ބެހޭ ބިލުގެ 136 ވަނަ މާއްދާގައިވާ ގޮތުން ބައެއް ހާލަތްތަކުގައި ކޯޓުން ކަނޑައަޅައިފި ނަަމަ ހަބަރުތަކުގެ މަސްދަރު ހާމަ ކުރަން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ. އެ މާއްދާގެ (ހ) ގައި ނޫސްވެރިންނަށް ލިބޭ މަސްދަރު ހިމާޔަތް ކުރުމުގެ ހައްގު ކަށަވަރު ކޮށްދިން ނަމަވެސް އެ މާއްދާގެ (ށ) ގައި ނޫސްވެރިންނަށް މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވިދާނެ ދެ ހާލަތެއް ބަޔާން ކޮށްފައިވެ އެވެ.
ބިލު މިހާރު އޮތް ގޮތުން އެ ދެ ހާލަތުގައި ކޯޓަށް ފެނިއްޖެ ނަމަ ނޫސްވެރިއެއް ބޭނުންކުރި މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭނެ އެވެ.
އެ ބިލާ ގުޅޭ ގޮތުން މިއަދު މަޖިލީހުގައި ކުރިއަށް ދިޔަ ބަހުސްގައި ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވީ މަސްދަރު ހާމަކުރަން ޖެހޭ ގޮތަށް އޮތުމުން ރާއްޖޭގެ މީޑިއާ ކައުންސިލުން ކަންބޮޑުވުން ފާޅު ކޮށްފައިވާ އިރު އެކަމާމެދު އޭނާ ވެސް ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ.
މީގެ ކުރިން ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް ހާލަތަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ ކުރީގެ ސަރުކާރުން އަބުރާ ބެހޭ ގާނޫނެއް ގެނެސް ނޫސްވެރިންނަށް ދަތިކުރި ކަމަށާއި މި ސަރުކާރުން އެކަން ބަދަލުކޮށް ނޫސްވެރިކަމުގެ މިނިވަންކަމަށް ޖާގަ ދިން ކަަމަށެވެ.
"މި މާއްދާަ މިހެން އޮތީމަ ނޫސްވެރިންގެ ކަންބޮޑުވުން އޮވެ އެކަން ފާހަގަކުރަން ފެށީމަ އަޅުގަނޑުމެންނަށް އެބަ އިވިގެންދޭ އެ މާއްދާ އިސްލާހު ކުރާނެ ވާހަކަ. އަޅުގަނޑު ގަބޫލުކުރަނީ ގާނޫނު އަސާސީގެ 28 ވަނަ މާއްދާގެ ނޫސްވެރިކަމުގެ މިނިވަންކަން އޮތް މާއްދާއާ މި ހެއްކާ ބެހޭ ބިލުގައި އޮތް މާއްދާއާ ހިލާފު ކަމަށް،" ޝަފީގު ވިދާޅުވި އެވެ.
މަސްދަރުގެ މާއްދާ އިސްލާހު ކުރާނެ ކަމުގެ އިޝާރާތެއް އެޓާނީ ޖެެނެރަލް އޮފީހުން ދީފައިވާއިރު އެ މާއްދާ ކޮމިޓީ މަރުހަލާގައި އިސްލާހު ކުރާނެ ކަަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ޝަފީގު ވިދާޅުވި އެވެ.
ގާނޫނު އަސާސީގައިވާ ގޮތުން ނޫސްވެރިކަން ކުރުމާއި ނޫސްވެރިކަމުގެ ވަސީލަތައް ބޭނުން ކުރުން ކޮންމެ މީހަކަށްމެ ލިބިގެން ވެއެވެ. މީގެ ތެރޭގައި ހަބަރާއި މައުލޫމާތާއި ފެންނަ ގޮތްތަކާއި ހިޔާލު ފާޅު ކުރުމާއި ޝާއިއުކުރުމާއި ފެތުރުމުގެ މިނިވަންކަން ހިމެނެ އެވެ. މިގޮތުން ޝާއިއުކުރާ ނުވަތަ ފަތުރާ ފާޅުކުރާ މައުލޫމާތެއްގެ މަސްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރު ކޮށްގެން ނުވާނެ އެވެ.
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ ޑިމޮކްރަސީގެ އެންމެ ކުރިއަރާފައިވާ އެމެރިކާގެ ބައެއް ސްޓޭޓްތަކުގައި ވެސް މަސްދަރު ހާމަކުރަން ޖެހޭ ކަމަށާއި ހަމަ އެގޮތަށް އިނގިރޭސިވިލާތުގައި ވެސް އަމަަލު ކުރާ ކަމަށެވެ. ނަމަވެސް ރާއްޖޭގެ ކޯޓުތަކުގެ ހާލަތު މިވަގުތު އޮތް ގޮތުން މަސްދަރު ހާމަކުރަން ޖެހޭ ގޮތަށް ހުށަހެޅުމުން މިނިވަން ނޫސްވެރިކަަމަށް އަސަރު ކޮށްފާނެ ކަމަށެވެ. އެ ހުށަހެޅުމާމެދު ދެވަނަ ވިސްނުމަކަށް ދާން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
"މި މާއްދާއާ މެދު އޮތް ކަންބޮޑުވުންތަކެއް ނޫސްވެރިން ވެސް ފާހަގަ ކުރައްވާކަން އަޅުގަނޑު ވެސް ފާހަގަ ކުރަން. އަޅުގަނޑު ގަބޫލުކުރާ ގޮތައި މި ބިލަށް ފުޅާމިނެއްގައި މަޝްވަރާ ކުރެވިގެން ކޮމިޓީ މަރުހަލާ ދިޔައިމާ ރަނގަޅު ވާނެ" އިންތި ވިދާޅުވި އެވެ.