ދުނިޔެ

އެމެރިކާގެ ރަޝިއާ އެމްބެސެޑަރު މުއްދަތު ހަމަކުރައްވައި ގައުމަށް

މޮސްކޯގައި ހުންނަވާ އެމެރިކާ ސަފީރު ޖޯން ސުލިވާން މަގާމުގެ މުއްދަތު ހަމަކުރައްވައި އެނބުރި ވޮޝިންގްޓަނަށް ވަޑައިގެންފި އެވެ. އެމެރިކާގެ މޮސްކޯ އެމްބަސީން ވެސް ވަނީ މިކަން ކަށަވަރުކޮށްދީފަ އެވެ.

ރަޝިއާއަށް އެހެން ސަފީރަކު އެމެރިކާ އިން ހަމަޖައްސަންދެން މޮސްކޯ އެމްބަސީ ބަލަހައްޓަވާނެ ކަމަށް ވަނީ އެލިޒަބަތު ރޫޓް އެވެ.

ރޫޓް އަކީ ޓާކްމެނިސްތާންއަށް އެމެރިކާއިން ހަމަޖެއްސެވި ސަފީރެވެ. ސެނެޓުން ރުހުން ލިބިވަޑައިގެންފައި އަދި ނެތުމުން ރަސްމީ ވަޒީފާއާ ހަވާލުވެވަޑައި ނުގެން ހުންނަވަނީ އެވެ.

ޖޯސް ސުލިވާން މަގާމުގެ މުއްދަތު ހަމަކުރެއްވި ނަމަވެސް އެހާ އަވަހަށް މޮސްކޯ ދޫކުރައްވައި ވަޑައިގަތް ސަބަބު ހާމައެއް ނުކުރެ އެވެ. ޚަބަރުތައް ބުނާ ގޮތުން ކުރިން އޮތީ އެހާ އަވަހަށް މޮސްކޯ ދޫކުރައްވައި ސުލިވާން ވަޑައިގަންނަވާ ގޮތަކަށް ނޫނެވެ.

ސުލިވާން މޮސްކޯ ސަފީރު ކަމަށް ޑިސެމްބަރު 2019 ގައި އައްޔަން ކުރެއްވީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެވެ. އޭނާ ވަނީ މޮސްކޯގައި ތިން އަހަރު މަސައްކަތްކުރައްވައި މުއްދަތު ހަމަކުރައްވާފައި ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ބުނެ އެވެ.

ޖޯ ބައިޑަން ޖެނުއަރީ 2021 ގައި އެމެރިކާގެ ރައީސް ކަމަށް ވަޑައިގެން ގައުމުތަކަށް ސަފީރުން ހަމަޖެއްސެވިއިރު ޖޯން ސުލިވަން މޮސްކޯގައި ދެމިހުންނެވުމަށް ބައިޑަން އޮތީ ދަންނަވާފަ އެވެ.

އެމެރިކާގެ ސަފީރުގެ ގޮތުގައި ސުލިވާން އެންމެ ފަހުން ބައިވެރިވެ ވަޑައިގެންނެވި ރަސްމިއްޔާތަކީ މިޚައިލް ގަރުބަޗޯފްގެ ޖަނާޒާގައި ބައިވެރިވުމެވެ.

ސުލިވާންގެ ސަފީރު ކަމުގައި މޮސްކޯ އާއި ވޮޝިންގްޓަނާ ދެމެދު އޮތް ގުޅުން އުދާސްވެ ހާސްކަން ވަރަށް ބޮޑުވި އެވެ. ދުނިޔޭގައި އެމެރިކާ ކުރަން ބޭނުންހާ ކަމެއް ރަޝިއާއާ ހެދި އޮންނަނީ ވާގޮތް ނުވެފަ އެވެ.

ޔުކްރޭން ހަނގުރާމައިގެ ސަބަބުން ރަޝިއާ އާއި އެމެރިކާއާ ގުޅުން ވަރަށް ބޮޑަށް ގޯސްވެގެން ދިޔަ އެވެ. ދެ ގައުމުގެ ގުޅުން މިހާރު ވެސް އޮތި އެފަދަ ހާލަތެއްގަ އެވެ.