ބޮލީވުޑް

ކްރިޝްނާ އާއި ޗަންދަން ކަޕިލް ޝޯ ދޫކޮށްލައިފި

ކޮމޭޑިއަން ކަޕިލް ޝަރުމާ އޭނާގެ މަޝްހޫރު ޝޯ "ދަ ކަޕިލް ޝަރުމާ ޝޯ"ގެ މުޅިން އާ ސީޒަނަކާއެކު އެނބުރި އަންނައިރު ޝޯގެ މުހިއްމު ބައެއް ބައިވެރިން ވަނީ ޝޯ އަށް އަލްވަދާއު ކިޔާފަ އެވެ.

މިފަހަރުގެ ސީޒަންގައި ނުފެންނާނެ ކުޅަދާނަ ކޮމޭޑިއަނުންގެ ތެރެއިން އެކަކީ ސަޕްނާގެ ރޯލު ކުޅޭ ކްރިޝްނާ އަބީޝޭކް އެވެ.

ފާއިތުވީ ދެ ސީޒަންގައި ވެސް ކްރިޝްނާ ވަނީ އޭނާގެ ހުނަރާއި މަޖާ ކަމުން ބެލުންތެރިންގެ މުނިފޫހިފިލުވާ ދީފަ އެވެ. ނަމަވެސް މިފަހަރުގެ ސީޒަންގައި ކްރިޝްނާ ބައިވެރިނުވާނެކަން ޚުދް އޭނާ ވަނީ ޔަގީންކޮށްދީފަ އެވެ.

ކްރިޝްނާ ޝޯ އިން ވަކިވީ ކަޕިލްއާ މައްސަލައެއް ޖެހިގެނެއް ނޫން ކަމަށް އޭނާ ބުނެފައިވެ އެވެ. އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައިވަނީ ކްރިޝްނާ މިފަހަރުގެ ސީޒަންގައި ބައިވެރިނުވަނީ އޭނާގެ ފީ ބޮޑުކުރަން އެދުނު އެދުން ޝޯގެ ޕްރޮޑިއުސަރުން ގަބޫލު ނުކުރީމަ އެވެ.

ދާދިފަހުން އިންޑިއާ ނޫހަކަށް ދީފައިވާ އިންޓަވިއު އެއްގައި ކްރިޝްނާ ބުނީ މިފަހަރުގެ ސީޒަންގައި ކަޕިލްގެ ޝޯ އިން އޭނާ ނުފެނުނަސް އަދި ފަހުން އެ ޝޯގައި ބައިވެރިވުމުގެ ވިސްނުން ގެންގުޅޭ ކަމަށެވެ.

ކަޕިލް ޝޯ އިން މިފަހަރު ނުފެންނާނެ އަނެއް ކޮމޭޑިއަން އަކީ ޗަންދަން ޕްރަބާކަރް (ޗަންދޫ ޗައިވާލާ) އެވެ. މި ޝޯގެ ޕްރޮމޯގައި ޗަންދަން ފެނުނު ނަމަވެސް އެޕިސޯޑުތަކުގައި ޗަންދަން ބައިވެރިނުވާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ޗަންދަން ބުނި ގޮތުގައި އޭނާ ޝޯގައި ބައިވެރިނުވަނީ ވަކި ސަބަބަކާ ހެދިއެއް ނޫނެވެ. ކުޑަ ބްރޭކެއް ނަގަން ބޭނުންވާތީ މިފަހަރުގެ ސީޒަން ދޫކޮށްލީ އެވެ.

ކޮމޭޑިއަނުންގެ ގޮތުގައި ޓީވީ ކެރިއަރު ފެށީއްސުރެ ކަޕިލް އާއި ޗަންދަން އެކުގައި ޝޯތަކުގައި ބައިވެރިވަމުން އައިސްފައި ވެއެވެ. އަދި ދެ މީހުންނަކީ ވަރަށް ކުޑައިރުއްސުރެ ގާތް ދެ އެކުވެރިންނެވެ.

މި ދެ ކޮމޭޑިއަނުންގެ އިތުރުން ޝޯގެ މުހިއްމު ބައިވެރިއެއް ކަމަށްވާ ބާރްތީ ސިންގް ވެސް މިފަހަރުގެ ސީޒަނުގައި މާގިނައިން ނުފެންނާނެ އެވެ.

ބާރްތީ ބުނެފައިވާ ގޮތުގައި ކަޕިލްގެ ޝޯ އިން އޭނާ ވަތްކެއް ނުވެ އެވެ. މިހާރު ކުޑަ ކުޑަ ކުއްޖެއް އޮތުމާއި ޒީ ޓީވީގެ ސިންގިން ރިއަލިޓީ ޝޯ "ސާރޭގާމާޕާ ލިޓްލް ޗޭމްޕްސް"ގެ މިފަހަރުގެ ސީޒަން ހޯސްޓް ކުރަނީ އޭނާ ކަމަށް ވާތީ ކަޕިލްގެ ޝޯ އަށް ވަގުތު ދޭން އުނދަގޫ ކަމަށް ބާރްތީ ބުންޏެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި ވަގުތުވާ ވަރަކުން އޭނާ ކަޕިލް ޝޯގެ ޝޫޓިންގައި ބައިވެރިވާނެ އެވެ.

"އަހަރެން ފެންނާނެ. އެކަމަކު ފެންނާނީ މަދުމަދުން،" ބާރްތީ ބުންޏެވެ.

ކަޕިލް ޝަރުމާ ޝޯގެ ޕްރޮމޯގައި ބުނާ ގޮތުން މިފަހަރުގެ ސީޒަންގައި ވަރަށް އާ މޫނުތަކެއް ތައާރަފް ވާނެ އެވެ.