މީރާ

މީރާއަށް އޮގަސްޓްގައި ލިބުނީ 1.3 ބިލިއަން ރުފިޔާ

Sep 9, 2022

ދައުލަތުގެ ޓެކްސް އިދާރާ -- މީރާ އަށް މިދިޔަ އޮގަސްޓް މަހު އާމްދަނީގެ ގޮތުގައި 1.32 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އެއީ މިދިޔަ އަހަރުގެ އޮގަސްޓް މަހު ލިބުނު އާމްދަނީއާ އަޅާބަލާއިރު 46.7 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހު ލިބިފައިވަނީ 1.28 މިލިއަން ރުފިޔާ އެވެ.

މީރާ އަށް މިދިޔަ އޮގަސްޓް މަހު ބަލައިގަނެފައިވާ 1.32 ބިލިއަން ރުފިޔާގެ އާމްދަނީގެ ތެރޭގައި 46.1 މިލިއަން އެމެރިކާ ޑޮލަރު ވެސް ހިމެނެ އެވެ.

އޮގަސްޓް މަހު މީރާ އަށް ލިބުނު އާމްދަނީ އަކީ އެ މަހު ލިބޭނެ ކަމަށް މީރާ އިން ކުރިން ލަފާ ކުރި އަދަދަށް ވުރެ 5.9 ޕަސަންޓް އިތުރު އަދަދެކެވެ.

މިދިޔަ އޮގަސްޓް މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އެވެ. އެއީ ލިބުނު އާމްދަނީގެ 48.7 ޕަސަންޓް ނުވަތަ 645.8 މިލިއަން ރުފިޔާ އެވެ. ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކްސްއިންނެވެ. އެއީ 19.9 ޕަސަންޓް ނުވަތަ 263.9 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ގްރީން ޓެކްސްގެ ގޮތުގަ އެވެ. އެއީ 5.5 ޕަސަންޓް ނުވަތަ 73.1 މިލިއަން ރުފިޔާ އެވެ.

ނިމިގެން ދިޔަ 2021 ވަނަ އަހަރު މީރާ އަށް އާމްދަނީގެ ގޮތުގައި 15.7 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ 2020 ވަނަ އަހަރު މީރާ އަށް ލިބުނު އާމްދަނީއާ އަޅާބަލާއިރު 5.2 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މީރާ އަށް 2020 ވަނަ އަހަރު ލިބުނީ 10.5 ބިލިއަން ރުފިޔާ އެވެ.

މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިދިޔަ އޮގަސްޓް މަހުގެ ނިޔަލަށް މީރާ އަށް ޖުމްލަ އާމްދަނީގެ ގޮތުގައި 15.3 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ މިމުއްދަތުގައި މީރާ އަށް ލިބުނު އާމްދަނީއާ އަޅާބަލާއިރު 5.8 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.