ހަބަރު

ފަނޑިޔާރުންނަށް ދެން ޗުއްޓީ ނެގޭނީ ސުޕްރީމް ކޯޓުގެ ހުއްދަ ލިބިގެން

ރާއްޖޭގެ އެއްވެސް ކޯޓެއްގެ ފަނޑިޔާރަކަށް ޗުއްޓީ ހަމަޖައްސަން ވާނީ އެކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅައި، އެކަމަށް ހުއްދަ ލިބުމުން ކަމަށް ސުޕްރީމް ކޯޓުން ނިންމައިފިނއެވެ.

ސުޕްރީމް ކޯޓުން މި އަހަރު ނެރެފައިވާ ފުރަތަމަ އާންމު ސިޓީގައި ވަނީ މިހާރަކަށް އައިސް، އެއްފަހަރަކާ ގިނަ އަދަދެއްގެ ފަނޑިޔާރުން، ޗުއްޓީގައި ތިބޭތީ، ކޯޓުތަކުގައި ޝަރީއަތް ބޭއްވުމަށް ހަމަޖެހިފައިވާ ޖަދުވަލުތަކާ އެއްގޮތަށް ޝަރީއަތް ބޭއްވުމަށް ހުރަސް އެޅެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން މީގެފަހުން ފަނޑިޔާރުންނަށް ޗުއްޓީ ލިބޭނީ އެ ކޯޓުގެ ހުއްދައާއެކު ކަމަށް އެ ސިޓީގައިވެއެވެ.

މީގެއިތުރުން އެ މިހާރަކަށް އައިސް، ގިނަ އަދަދެއްގެ ފަނޑިޔާރުން، މަގުބޫލު ސަބަބެއްނެތި މައްސަލަތައް ބެލުމުން ތަނާޒުލުވަމުން ދިއުމާ ގުޅިގެން، އަވަސްކަމާއެކު ފޯރުކޮށްދޭންޖެހޭ އަދުލު އިންސާފް ގާއިމްކުރުމުގެ މަސައްކަތަށް ހުރަސްތަކެއްކުރިމަތިވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ސުޕްރީމް ކޯޓުން ވަނީ ބުނެފައެވެ. އެ ކޯޓުގެ މި އަހަރުގެ ދެވަނަ އާންމު ސިޓީގައި ވަނީ ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގެ ފަނޑިޔާރަކާ ހަވާލުވެފައިވާ މައްސަލައަކުން ތަނާޒުލުވާން ވާނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 02/2014 އާންމު ސިޓީގައި ބުނެފައިވާ ގޮތުގެމަތިން ސުޕްރީމް ކޯޓުގެ ހުއްދަ ގަވައިދުން ލިބިގެންކަމުގައެވެ.

ސުޕްރީމް ކޯޓުން ވަނީ ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން އުމުރު ބަދަލުކުރުމަށް އެދި ހުށަހަޅާ މައްސަލަތައް އާ އުސޫލެއްވެސް ތައާރަފްކޮށްފައެވެ. މި އަހަރު އެ ކޯޓުން ނެރުނު ތިންވަނަ އާންމު ސިޓީއަށް އަމަލުކުރަން ފެށުމުން، ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން އުމުރު ބަދަލުކުރުމަށް އެދި ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރަން ޖެހޭނީ އާ އުސޫލުގެ ދަށުންނެވެ.

އުމުރު ބަދަލުކުރުމަށް ކަނޑައެޅި އުސޫލު

1. އުފަންތާރީޚް އަންގައިދޭ ރަސްމީ ލިޔުމެއް އޮތްނަމަ، އުފަންދުވަސް ކަނޑައެޅުމުގައި ހެއްކެއްގެ ގޮތުގައި ބަލަންވާނީ (ހެއްކާބެހޭ ގާާނޫނުގެ ފަސް ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން) އުފަންތާރީހު އަންގައިދޭ ރަސްމީ ލިޔުމަކަށެވެ.

2. އުފަންތާރީހު އަންގައިދޭ އެއް ލިޔުމަށްވުރެ ގިނަ ލިޔުން ހުރެ އަދި އެ ލިޔުންތަކުގައިވާ މައުލޫމާތު ތަފާތުނަމަ، އުފަންތާރީހު ކަނޑައެޅުމުގައި ބަލާނީ އެތަނުން އެންމެ ސައްހަކަން ބޮޑު ލިޔުމަކެށެވެ. ނަމަވެސް، އެތަނުން އެއް ލިޔުމަކީ ގާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން ޝަރީއަތުން އުފަންތާރީހާބެހޭ ގޮތުން ގޮތެއް ކަނޑައަޅާފައިވާ ލިޔުމެއްކަމަށްވާނަމަ، އުފަންތާރީހު ކަނޑައަޅަންވާނީ ޝަރީއަތުން ގޮތެއް ކަނޑައަޅާފައިވާ ލިޔުމުގެ މައްޗަށް ބިނާކޮށެވެ.

3. އުފަންތާރީހު އަންގައިދޭ އެއްވެސް ރަސްމީ ލިޔުމެއް ނެތްކަން ޝަރީއަތަށް ސާބިތުވާ ހާލަތެއްގައި، އުފަންތާރީހާބެހޭ ގޮތުން ގޮތެއް ކަނޑައަޅާނީ ހެކިންގެ ހެކިބަހުންނެވެ.

4. އުމުރު ބަދަލުކުރުމަށް އެދި ހުށަހަޅާ މައްސަލަތަކުގެ ތެރެއިން، ރަސްމީ ލިޔުމެއްގައި އޮތް އުމުރަކީ އަސްލު އުމުރުނޫންކަމަށް ސަލާމަތް ބުއްދިއަށް ޤަބޫލުކުރެވޭނަމަ (މިސާލަކަށް ބޭބެއަށްވުރެ ކޮއްކޮގެ ޢުމުރު ދޮށިވުން ނުވަތަ މައިންބަފައިންނާ ދަރިފުޅުގެ ޢުމުރު ދާދި އެއްވަރުވުން) އެފަދަ މައްސަލަތައް މި އުސޫލުގެ އެއްވަނަ ނަންބަރުން އިސްތިސްނާވާނެއެވެ. އަދި އެފަދަ މައްސަލައެއްގައި ޢުމުރާބެހޭ ގޮތުން ގޮތެއް ނިންމާނީ އުމުރު ބަދަލުކުރަން ހުށަހަޅާފައިވާ ސަބަބަށް ރިއާޔަތްކުރުމަށްފަހު ހެކިންގެ ހެކިބަހުންނެވެ.

5. އުމުރު ބަދަލުކުރުމަށް އެދި ހުށަހަޅާ މައްސަލަތަކުގައި ޝަރީއަތުން ގޮތެއް ކަނޑައަޅަންވާނީ، އެ މައްސަލައެއްގެ ބާވަތާށާއި ހުށަހަޅާފައިވާ ލިޔުންތަކަށް އަދި މި އުސޫލުގެ 1،2،3 އަދި ހަތަރު ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ރިއާޔަތްކުރުމަށްފަހު އޭނާ ރަށްވެހިވެފައިވާ ރަށެއްގެ ރަށު ކައުންސިލަށް ނުވަތަ މާލޭ ސިޓީ ކައުންސިލަށް، ނުވަތަ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނަށް ނުވަތަ މިނޫނަސް މިފަދަ މައުލޫމާތު ރައްކާތެރިކޮށް ބެލެހެއްޓުމަށް ހާއްސަކުރެވިފައިވާ އިދާރާތަކަށް އުމުރާބެހޭ ގޮތުން ލިޔެ އިތުރަށް މައުލޫމާތު ސާފުކޮށް ކަށަވަރުކުރުމަށްފަހު އެ ލިބުނު މައުލޫމާތަކަށާއި އަދި މިނޫނަސް ކޯޓުން ގަބޫލުކުރާ، ރަސްމީ ލިޔުންތަކަށް ރިއާޔަތްކުރުމަށްފަހުއެވެ.