އަފްޣާނިސްތާންގެ ސަރުކާރު ޖަހައިގަނެގެން ތިބި ތާލިބާނުން އަސްކަރީ ތަމްރީން ތަކެއްގައި ބޭނުންކުރި ބްލެކް ހޯކް ހެލިކޮޕްޓަރެއް ވެއްޓިއްޖެ އެވެ.
ޑިފެންސް މިނިސްޓްރީގެ ތަރުޖަމާން އައިނާޔަތުﷲ ޚުރުޒަމީ ވިދާޅުވި ގޮތުގައި މި ހާދިސާގައި ތިން މީހަކު މަރުވެ ފަސް މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވެ އެވެ.
ބްލެކް ހޯކް ހެލިކޮޕްޓަރަކީ އެމެރިކާގެ އަސްކަރިއްޔާގައި ބޭނުންކުރާ އިތުބާރު ބޮޑު މަރުކާ އެކެވެ. ބްލެކް ހޯލް ހެލިކޮޕްޓަރު ތާލިބާނުންގެ އަތުގައި ޖެހުނީ އެމެރިކާ ސިފައިން އަފްޣާނުން ފައިބައިގެން ދަމުން ހެލިކޮޕްޓަރުން ދޫކޮށްލާފައި ދިއުމުންނެވެ.
އެމެރިކާގެ ޝަރަފާއި ބާރުވެރި ކަމަށް ބަލާއިރު ބްލެކް ހޯކް ހެލިކޮޕްޓަރަކީ ތާލިބާނުންގެ އަތުގައި ޖެހިގެން ފަރުޖެއްސެން ނެތް ވަރުގެ އުޅަނދެކެވެ.
ބައެއް މީހުން ގަބޫލުކުރާ ގޮތުގައި އެމެރިކާ ސިފައިން ބްލެކް ހޯކް ހެލިކޮޕްޓަރުތައް ތާލިބާނުންނަށް ދޫކޮށްލީ ކުރިން ހަދާފައި އޮތް ޑީލެއްގެ ދަށުންނެވެ.
އަފްޣާންގައި އެމެރިކާ ސިފައިން ތިބިއިރު ބޭނުންކުރި ޖިމްތަކާއި ކުޅޭ ދަނޑުތައް އަދި އަސްކަރީ ޒަމާނީ ހަތިޔާރާއި އެއްގަމު އުޅަނދުތައް ވެސް ތާލިބާނުންނަށް ވަނީ ދޫކޮށްލާފަ އެވެ.
އެމެރިކާގައި އުފައްދާފައި ހުރި އަސްކަރީ ދަރަޖައިގެ ވަރަށް ގިނަ ސާމާނު ތާލިބާނުންނަށް ވަނީ ލިބިފަ އެވެ. އެކަމަކު ތާލިބާނުންގެ އަތްދަށުގައި ހުރީ ކިހާ ހަތިޔާރެއް އަދި ކިތައް ހެލިކޮޕްޓަރު ކަމެއް ނޭނގެ އެވެ.
ޚަބަރުތައް ބުނާ ގޮތުން މިފަދަ ބައެއް އުޅަނދު ތަކުގައި ތާލިބާނުން އަވަށްޓެރި މެދުތެރޭ އޭޝިއާގެ ގައުމުތަކަށް ވެސް ވަނީ ދަތުރުކޮށްފަ އެވެ.
ތާލިބާނުން އަފްޣާންގައި ވެރިކަން ކުރަން ފެށި ފަހުން އިގުތިސާދު އަރިއަޅާލައި ގައުމުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.
އަނެއްކޮޅުން އަންހެނުންގެ ހައްގުތައް ހިމާޔަތްކުރުމުގައި، އަންހެން ކުދިން ސްކޫލަށް ނުފޮނުވާ މައްސަލާގައި އަފްޣާނަށް އެހީދޭ ގައުމުތަކުން ވެސް ތިބީ ރުޅިއަރައިގެންފަ އެވެ.
ޗައިނާ، ރަޝިއާ އަދި ތުރުކީ ވެސް ވަނީ ބައިނަލްއަގްވާމީ ސިޔާސަތުތަކަށް އިހުތިރާމްކުރަން ތާލިބާނުންނަށް ގޮވާލާފަ އެވެ. އެކަމަކު ވެސް އެފަދަ ކަމެއް ހަރުދަނާ ގޮތުގައި އަދި ނުފެނެ އެެވެ.