ހަބަރު

ފިޔަވަޅު އަޅަންޖެހޭ ރާއްޖޭގެ އިސްވެރިންގެ ލިސްޓެއް ވައިޓް ހައުސްއަށް

  • ލިސްޓް ހުށަހެޅީ ނަޝީދުގެ ބޭރުގެ ލޯފާމަކުން
  • އެމެރިކާގެ ސެނެޓަށް ވެސް ލިސްޓް ފޮނުވި
  • މީގެ ކުރިން އިނގިރޭސި ސަރުކާރަށް ވެސް ހުށަހެޅި

ފިޔަވަޅު އަޅަންޖެހޭ ކަމަށް ބުނެ ރާއްޖޭގެ ދައުލަތުގެ އިސްވެރިންގެ ލިސްޓެއް އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްއަށް ފޮނުވައިފިއެވެ. މި ލިސްޓް ވައިޓް ހައުސްއަށް ފޮނުވާފައިވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބައިނަލްއަގްވާމީ ގާނޫނީ ވަކީލުންނެވެ.

ނަޝީދުގެ ބައިނަލްއަގުވާމީ ވަކީލެއް ކަމަށްވާ ޖެރަޑް ޖެންސާގެ އެންޖީއޯ، ފްރީޑަމް ނައު އިން ބުނެފައިވާ ގޮތުގައި އިސްވެރިންގެ ލިސްޓް އެމެރިކާގެ ސަރުކާރާ ހަވާލުކޮށްފައިވަނީ، ރާއްޖެއާ މެދު ފިޔަވަޅު އަޅަންވީ ސަބަބުތައް ބަޔާންކޮށްދޭ ރިޕޯޓަކާއެކު ކަމަށެވެ. "މޫވިން ފްރޮމް ކޮންޑެމްނޭޝަން ޓް އެކްޝަން"ގެ ނަމުގައި ތައްޔާރުކޮށްފައިވާ 30 ސަފުހާގެ މި ރިޕޯޓްގައި ރާއްޖޭގައި އިންސާނީ ހައްގުތަކާ ދެކޮޅަށް ޖަރީމާތައް ހިންގަމުންދާ ފަރާތްތަކާ ދެކޮޅަށް އެމެރިކާ ސަރުކާރުން ޓާގެޓެޑް ސެންކްޝަންސް އަޅަން ޖެހޭ ސަބަބުތައް ބަޔާންކޮށްފައިވެއެވެ.

ވައިޓް ހައުސްގެ ސްޓޭޓް ޑިޕާޓްމަންޓް، ޓެރެޝަރީ ޑިޕާޓްމަންޓްގެ ފޮރިން އެސެޓްސް ކޮންޓްރޯލް އޮފީހަށް މި ރިޕޯޓް ހުށަހަޅާފައިވާއިރު އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ އިސް މެމްބަރުންނަށް ވެސް ރިޕޯޓާއި ލިސްޓް ވަނީ ފޮނުވާފައެވެ. އިސް ފަރާތްތަކުގެ ލިސްޓް ފްރީޑަމް ނައު އިން ވަނީ ސިއްރުކޮށްފައެވެ. އެ ލިސްޓަކީ މީގެކުރިން އިނގިރޭސިވިލާތުގެ ސަރުކާރާ ހިއްސާކުރި ފަދަ ލިސްޓެއް ކަމަށް އެ ފަރާތުން ބުނެއެވެ. އިނިގިރޭސިވިލާތުގެ ސަރުކާރާ ހިއްސާކުރި ލިސްޓްގައި ސަރުކާރުގެ އިސްވެރިންނާއި ސަރުކާރަށް ވާގިވެރިވާ ވިޔަފާރިތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އެދިފައިވެއެވެ.

ފްރީޑަމް ނައު އިން ރާއްޖޭގެ އިސްވެރިންނަށް ފިޔަވަޅު އަޅައިދިނުމަށް އެދިފައިވާއިރު އިސްވެރިންނަށް އެެމެރިކާއަށް ނުދެވޭ ގޮތަށް ހެދުމަށާއި އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމެބްޓްގެ ސްޕެޝަލީ ޑެސިގްނޭޓެޑް ލިސްޓް (ޑީއެސްއެލް)ގައި ރާއްޖޭގެ އިސްވެރިން ހިމެނުމަށް އެދިފައިވެއެވެ. ފިޔަވަޅު އަޅަން އެދިފައިވަނީ އެކަމަށް ބޭނުންވާ ހެއްކާ ވެސް އެއްކޮށް ކަމަށް ފްރީޑަމް ނައު އިން ބުނެއެވެ.

ހެއްކެއްގެ ގޮތުގައި ސިޔާސީ ވާދަވެރިން ނައްތާލުމަށް ސަރުކާރުގެ އިސްވެރިން ކުރަމުންދާ މަސައްކަތްތަކާއި ދައުވާކުރެވޭ ފަރާތްތަކާ ދެކޮޅަށް އިންސާފުވެރި ޝަރީއަތެއް ނުހިންގާކަމާއި އިންސާނީ ހައްގުތަކުގެ ދިފާއުގައި މަސައްކަތްކުރާ މަދަނީ ޖަމިއްޔާތަކަށާއި ސަރުކާރުގެ އަނިޔާވެރިކަން ހާމަކުރާ ނޫސްފަތުރާ ވަސީލަތްތަކަށް އިންޒާރު ދީ، ނުރައްކާތެރި ހަމަލާތައްދޭ ދެމުންގެންދާކަން ފާހަގަކޮށްފައިވެއެވެ.