ފިނިޕޭޖް

"ޕިނޯކިއޯ" މޮޅު އެނިމޭޝަނެއް، އަސަރެއްނެތް ސްކްރިޕްޓެއް

ޑިޒްނީގެ ދެވަނަ އެނިމޭޓަޑް ފިލްމް ކަމުގައިވާ 1940ގެ "ޕިނޯކިއޯ"ގެ ލައިވް-އެކްޝަން އަދި އެނިމޭޝަން އެއްކޮށްގެން މި މަހު ނެރުނު "ޕިނޯކިއޯ" ފިލްމަށް ކްރިޓިކްސްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

"ޕިނޯކިއޯ" ޑައިރެކްޓްކޮށްފައިވަނީ މިފިލްމްގައި ޖެޕޭޓޯގެ ރޯލް އަދާކުރާ ޓޮމް ހޭންކްސްގެ "ފޮރަސްޓް ގަމްޕް"، "ކާސްޓް އަވޭ"، "ޕޯލަ އެކްސްޕްރެސް" އާއި މައިކަލް ޖޭ. ފޮކްސްގެ މަޝްހޫރު "ބެކް ޓު ދަ ފިއުޗަ" ފިލްމް ސީރީޒް ޑައިރެކްޓްކޮށް އަދި އެތައް އެވޯޑެއް ލިބިފައިވާ ތަޖުރިބާކާރެއް ކަމުގައިވާ ރޮބަޓް ޒެމެކިސް އެވެ.

ޒެމެކިސްގެ ތަސައްވަރުގެ ދަށުން "ޕިނޯކިއޯ"ގެ އެނިމޭޝަންގެ އަސްލުކަމާއި މޮޅުކަމަށް ކްރިޓިކްސްއިން ތައުރީފްކޮށްފައިވާއިރު، ޒެމެކިސްއާއި ކްރިސް ވެއިޓްސް ލިޔުނު މި ފިލްމްގެ ސްކްރިޕްޓާއި ފިލްމުގެ ޕޭސް ލަސްކަމާއި އަމާޒު ކަމުނުދާ ކަމަށް ގިނަ ކްރިޓިކްސް އިން ބުނެފައިވެ އެވެ.

ރޮޓަން ޓޮމާޓޯޒްގައިވެސް މި ފިލްމަށް މިހާތަނަށް ލިބިފައިވަނީ 100 އަކުން 29ގެ ސްކޯ އެކެވެ.

ކުރީގެ ފިލްމާއި ރީމޭކްގެ ތަފާތު

މި ފިލްމްގައި ވަނީ ކުރީގެ ފިލްމާ އަޅާބަލާއިރު ބައެއް ކަންތައްތައް ބަދަލުކޮށްފަ އެވެ. މިގޮތުން "ޕިނޯކިއޯ"ގެ 1940ގެ ކާޓޫނުގައި ޖިމިނީ ކްރިކެޓް ކިޔާ "ވިޝް އަޕޮން އަ ސްޓާ" އަށް ވަނީ އެކަޑަމީ އެވޯޑް ލިބި، ޑިޒްނީގެ ތީމް ލަވައަށް ވެފަ އެވެ.

މި ފިލްމްގައި އެ ލަވަ ކިޔާފައިވަނީ ޖިމިނީ ކްރިކެޓްގެ ބަދަލުގައި ބްލޫ ފެއަރީ އެވެ. މީގެއިތުރުން މި ފިލްމްގައި އައު ހަތަރު ލަވައެއް ހިމެނުމުގެ އިތުރުން އައު ދެ ކެރެކްޓާ ވެސް ހިމަނާފައިވެ އެވެ.

ކުރީގެ ފިލްމްގައި ޕްލެޝަ އައިލެންޑް ދައްކާއިރު، ބަސް ނާހާ ފިރިހެން ކުދިން ސުއްޓާ އާއި ބިއަރު ބޮއެ، ޕޫލް ކުޅެ ހަދާތަން ދައްކަ އެވެ. މިއީ ކުޑަކުދިންގެ ކާޓޫނަކަށް އެކަށީގެންވާ މަންޒަރުތަކެއް ނޫން ކަމަށް ގިނަ ބަޔަކު ދެކެ އެވެ.

"ޕިނޯކިއޯ"ގެ ރީމޭކްގައި ސުއްޓާގެ ބައި ކަނޑާލާފައި އެ ކުދިން ބޮމުންދަނީ ރޫޓް ބިއަރު ކަމުގައި ދައްކަ އެވެ.

ބްލޫ ފެއަރީގެ ރޯލް އަދާކުރަނީ ދޮން ދިގު، ނޫކުލައިގެ އިސްތަށިގަނޑެއް ލާފައިވާ އަންހެނެއްގެ ބަދަލުގައި ކަޅު ނަސްލުގެ ތަލަ އަންހެނެކެވެ. އަދި މިފިލްމްގެ އެންމެ ބޮޑު ތަފާތަކީ މި ފިލްމް ނިމޭ ގޮތެވެ.

ޖުމްލަކޮށް ބަލާއިރު މި ފިލްމްގައި އެނިމޭޝަނާއި ބައެއް ކަންތައްތައް މޮޅަށް ހިމަނާފައިވާއިރު، ގިނަ ކްރިޓިކްސް އިން ދެކެނީ މި ފިލްމްގެ ސްކްރިޕްޓާއި ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން މި ރީމޭކްގެ އަސަރު ކުޑަވެ، ދިގުދައްމާ ކަމަށެވެ.