ހޮލީވުޑް

"ސީކްރެޓް އިންވޭޝަން" މިނީ ސީރީޒްގެ ޓްރެއިލާ ނެރެފި

މާވެލް ސްޓޫޑިއޯޒް އިން ތައްޔާރު ކުރަމުންދާ "ސީކްރެޓް އިންވޭޝަން" މިނީ ސީރީޒްގެ ޓްރެއިލާ ނެރެފި އެވެ.

"ސީކްރެޓް އިންވޭޝަން"ގައި ނިކް ފިއުރީގެ ގޮތުގައި ސެމިއުލް އެލް ޖެކްސަން، ތާލޮސްގެ ގޮތުގައި ބެން މެންޑެލްސޯން، މަރަޔާ ހިމްގެ ގޮތުގައި ކޯބީ ސްމަލްޑަސް އަދި ޖޭމްސް ރޯޑްސްގެ ގޮތުގައި ޑޮން ޗީޑަލް އަލުން ފެނިގެންދާއިރު، "ގޭމް އޮފް ތްރޯންސް"ގެ އެމީލިއާ ކްލާކް އާއި "ދަ ކްރައުން" ގައި ރާނީ އެލިޒަބަތް 11ގެ ރޯލް އަދާކުރި އޮލީވިއާ ކޯލްމަން އައު ދެ ކެރެކްޓަރުންގެ ގޮތުގައި ފެނިގެންދާނެ އެވެ.

މި ޓްރެއިލާގައި ފެންނަނީ ނިކް ފިއުރީ ސްކްރަލްސްގެ ބައެއް ދުނިޔެ ހިފުމުން ހުއްޓުވަން މަސައްކަތް ކުރަނިކޮށެވެ.

ރޯޑްސް އާއި އެހެން ކެރެކްޓާތައް ފެނިގެންދާއިރު، އެއީ އަސްލު އެ ކެރެކްޓާތައް ކަމެއް ނޫނީ ސްކްރަލް އިން އެމީހުންގެ ސިފައަށް ބަދަލުވެފައި ހުރީ ކަމެއް ނޭނގެ އެވެ.

ކޯލްމަންގެ ކެރެކްޓާ ފިއުރީއަށް ކުރިއަށް އޮތް ހަނގުރާމައިގެ އިންޒާރުދޭއިރު، އެމީލިއާ ކްލާކް ނުފެނި "މިއީ އަދި ފެށުން" ކަމަށް ބުނާ އަޑުއިވެ އެވެ.

2023 ގައި ޑިޒްނީ ޕްލަސްގައި ސްޓްރީމް ކުރަން ފެށުމަށް ހަމަޖެހިފައިވާ މި މިނީ ސީރީޒަކީ މާވެލް ސިނެމެޓިކް ޔުނިވާސްގެ ފޭޒް ފަހެއްގެ ބައެކެވެ.

ހަ ޕާޓްގެ މައްޗަށް އެކުލެވޭ މި މިނީ ސިރީޒް ޑައިރެކްޓްކުރުމަށް ހަމަޖެހިފައިވަނީ ތޯމަސް ބެޒޫކާ އާއި އަލި ސަލީމް އެވެ.

މި މިނީ ސީރީޒްގެ ޝޫޓިން ފެށިފައިވަނީ މިމަހު އެއްވަނަ ދުވަހު އިނގިރޭސިވިލާތުގެ ލަންޑަންގަ އެވެ.