ރައްޔިތުންގެ މަޖިލިސް

ރާނީ އަވަހާރަވުމުން ތައުޒިޔާ ވިދާޅުވުން މަޖިލީހުގައި

Sep 12, 2022

އިނގިރޭސިވިލާތގެ ރާނީ އެލިޒަބަތު || އަވަހާރަވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި ތަމްސީލް ކުރާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް މަޖިލީހުގެ ތަޅުމުގައި ތައުޒިޔާ ވިދާޅުވުމަށް ފުރުސަތެއް ދެއްވުމަށް ނިންމަވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ އެޖެންޑާގެ ހަވަނަ އައިޓަމެއްގެ ގޮތުގައި ހިމަނާފައިވަނީ ރާނީ އެލިޒަބަތު އަވަހާރަވުމާ ގުޅިގެން މަޖިލީހުގައި ތަމްސީލް ކުރާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް މަޖިލީހުގެ ތަޅުމުގައި ތައުޒިޔާގެ ބަސްފުޅެއް ވިދާޅުވުމަށް ފުރުސަތު ދެއްވުމަށެވެ.

އެޖެންޑާގައި މި އައިޓަމް ހިމަނާފައިވަނީ މަޖިލީހުގެ ރިޔާސަތުން ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވާ ކަމެއްގެ ގޮތުގަ އެވެ.

ރާނީގެ ހަނދާނުގައި މަޖިލީހުގައި މިއަދު ސުކޫތެއް ގެނައުމަށްވެސް ހަމަޖެހިފައިވެ އެވެ.

ރާނީ އެލިޒަބަތު އުމުރުފުޅުން 96 އަހަރުގައި އަވަހާރަވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެކަމަނާގެ ޖަނާޒާ އޮންނާނީ މިމަހުގެ 19 ވަނަ ދުވަހު އެވެ.

އެލިޒަބަތު ދޭއް އަކީ އިނގިރޭސި ތަޚުތުގައި އެންމެ ގިނަ ދުވަސް ވަންދެން ރަނިކަން ކުރެއްވި ރާނީ އެވެ. އެ ކަމަނާ ވަނީ ރަނިކަމަށް 70 އަހަރު ފުރުން ވެސް ފާހަގަކުރައްވާފަ އެވެ.

އެލިޒަބަތަށް ރާނީގެ ތަޚުތު ލިބިވަޑައިގަތީ އުމުރުފުޅުން 27 އަހަރުގައި ޖޫން 1953 ގަ އެވެ. އެކަމަނާ އުފަންވެ ވަޑައިގަތީ އޭޕްރީލް 21، 1926 ވަނަ އަހަރު އެވެ.

ރާނީ އަވަހާރަވުމާ އެކު އެ ކަމަނާގެ ދޮށީ ދަރިކަލުން ޗާލްސް، 73، މިހާރު ވަނީ ރަސްކަމާ ހަވާލުވެވަޑައިގެންފަ އެވެ.

އިނގިރޭސި ދައުލަތުގެ ވެރިޔާގެ ހައިސިއްޔަތުން ރާނީ އެލިޒަބަތު 15 ބޮޑުވަޒީރަކަށް ރުހުން ދެއްވި އެވެ. އަދި އިތުބާރު ކުރައްވައި އިނގިރޭސި ސަރުކާރު ހިންގުން ހަވާލުކުރެއްވި އެވެ.