ފިނިޕޭޖް

"ބްލެކް ޕެންތަ: ވަކަންޑާ ފޯއެވަ" ނޮވެމްބަރުގައި ސިނަމާތަކަށް

މާވެލް ސްޓޫޑިއޯސްގެ ހެޑް، ކެވިން ފައިގީ ޑީ23 އެކްސްޕޯގައި ގިނަ ފިލްމްތަކެއް އިއުލާންކުރި އެވެ.

މީގެތެރޭގައި މާވެލް ސިނަމެޓިކް ޔުނިވާސްގެ ފޭސް ހަތަރެއްގެ ފަހު ފިލްމެއްގެ ގޮތުން އިއުލާން ކުރީ "ބްލެކް ޕެންތަ" ފިލްމްގެ ދެވަނަ ފިލްމް، "ބްލެކް ޕެންތަ: ވަކަންޑާ ފޯއެވަ" އެވެ.

އެއާއެކު މި ފިލްމްގެ އައު ޓްރޭލާ ވެސް ވަނީ އާންމުކޮށްފަ އެވެ. މި ޓްރޭލާގައި ފެންނަނީ އެންޖެލާ ބެސެޓް އަދާކުރާ ކުއީން ރަމޮންޑާގެ ރޯލްގައި ތަހުތުގެ މަތީގައި އިށީދެނގެން، ސަރުކާރުގެ އޮފިޝަލުންނާ ބައްދަލުކުރާ ތަނެވެ.

ދެން ފެންނަނީ ވަކަންޑާގެ ވައިބްރޭނިއަމް އަށް ބަޔަކު ހަމަލާދޭ ތަނާއި ވަކަންޑާގެ އަންހެން ވޮރިއަރުން އެ ކަންތައް ހުއްޓުވައި، އެމީހުން ކަކުލަށް ތިރިކުރާ ތަނެވެ.

މި ފިލްމު ޑައިރެކްޓް ކޮށްފައިވަނީ ރަޔާން ކޫގްލަ އެވެ. އަދި މި ފިލްމްގައި މައި ރޯލަކަށް ވެގެންދާނީ ޝޫރީ (ލެޓީޝިއާ ރައިޓް)ގެ ރޯލެވެ.

މި ފިލްމް ސިނަމާތަކުގައި ރިލީޒްކުރާނީ މިއަހަރުގެ ނޮވެމްބަރުުު 11 ގައެވެ.

"ބްލެކް ޕެންތަ"ގެ ރޯލް އަދާކުރި ޗެޑްވިކް ބޯޒްމަން ވަނީ އޮގަސްޓް 28، 2020 ގައި ކޮލޯން ކެންސަރުގެ ބަލީގައި ނިޔާވެފަ އެވެ.