މުސްތަގުބަލަށް އަމާޒުކޮށްގެން ގައުމީ ތަރައްގީގެ ސިޔާސަތުތައް ކަނޑައެޅުމަށްޓަކައި ބޭނުންވާ އެންމެ މުހިއްމު މައުލޫމާތު ޖަމާކޮށްދެނީ ބޯހިމެނުމުގެ ތެރެއިންނެވެ. އެހެންކަމުން ބޯހިމެނުމަކީ ތަފާސްހިސާބުގެ އެންމެ ބޮޑު ހަރަކާތެވެ.
މުޅި ރާއްޖޭގައި މިއަދު ރަސްމީކޮށް ބޯހިމެނަން މިވަނީ ފަށާފަ އެވެ. މީހުން ދިރިއުޅޭ ރަށްތަކާއި ރިސޯޓްތަކާއި ސިނާއީ މަސައްކަތްތައް ހިނގާ ރަށްތަކާއި ތަންތަނުގައިވެސް ބޯހިމެނުމުގެ މަސައްކަތް ކުރިއަށްދާނެ އެވެ. ބޯހިމެނުމުގެ ތަފާސްހިސާބު ތަކަކީ ވީހާވެސް ސައްހަ އަދަދުތަކަށް ހަދަންޖެހެ އެވެ. އެކަން ހާސިލްކުރެވޭނީ ރައްޔިތުންގެ ފަރާތުން ތެދު މައުލޫމާތު ހިއްސާކޮށްގެންނެވެ.
ތަފާސް ހިސާބު ބަލަހައްޓާ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ އެންމެ ބޮޑު އެދުމަކީ މައުލޫމާތު ހިއްސާކުރުމުގައި ފަސް ނުޖެހުމާއި ސައްހަ މައުލޫމާތު ހިއްސާކުރުމެވެ. ބޯހިމެން ކުރިއަށްދާއިރު މިކަމުގައި ހަރަކާތްތެރިވާ އެނިއުމަރޭޓަރުންނަށް ތަންތަނަށް ފަސޭހައިން ވަދެވޭނެ ގޮތް ހަދައިދިނުމަކީ ވެސް ސްޓެޓިސްޓިކްސް އޮފީހުގެ މުހިއްމު އެދުމެވެ.
"ދެން އަޅުގަނޑުމެން އެންމެ ބޮޑަށް ބޭނުންވަނީ ސެޕްޓެމްބަރު 13 އާއި 14 އާއި މި ދެ ދުވަހު ޓީމުތަކުން ދާއިރު ތަންތަނަށް ވަދެވޭނެ ގޮތްތައްވުން. މިހާރު މައުލޫމާތު [ނެގުމަށްޓަކައި] ދާއިރު ތަޅުލާފައި ހުންނަ ބިލްޑިންތަކަށް އެކްސަސް ލިބިގެން މައުލޫމާތު ނަގަން ފުރަތަމަ ފެށޭނީ. އެހެންވީމާ މި ދެ ދުވަހުގެ މަސައްކަތުގައި އެނިއުމަރޭޓަރުންނަށް ބޭނުންވޭ ތަންތަނަށް ވަދެ ސުވާލުކޮށްގެން މައުލޫމާތު ހޯދަން. ފުރަތަމަ ދެ ދުވަހު ނަގާނީ ވަރަށް ކުޑަ މައުލޫމާތު ކޮޅެއް. ދެން މީހަކާ ދިމާނުވެއްޖިއްޔާ ވެސް އަޅުގަނޑުމެން ހަމަ ކުޑަކުޑަ ފްލެއާ އެއްވެސް އެ ގެއަކަށް ލާފަ އަންނާނީ. އެހެންވީމާ އޭރަށް އަޅުގަނޑުމެންގެ ޓީމުތަކާ ގުޅޭނެ ނަންބަރެއްވެސް ޖަހާލާފައި އިންނާނެ. ދެން ސެޕްޓެމްބަރު 17 ވަނަ ދުވަހުން ފެށިގެން ތަފްސީލް މައުލޫމާތުތައް ނަގަން ފަށާއިރުގައި ހަމަ ތައްޔާރުވެލައްވައިގެން ތިއްބަވާ،" މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޗީފް ސްޓެޓިސްޓިޝަން އައިޝަތު ޝަހްދާ ވިދާޅުވި އެވެ.
ބޯހިމެނުމުގައި މައުލޫމާތު އެއްކުރުމުގެ ހަރަކާތް މިމަހު 25 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ. ބޯހިމެނުމުގެ ތެރެއިން ތަފާސްހިސާބު އެއްކުރުމުގެ މައުލޫމާތު މިއަހަރު ކުރިއަށް ގެންދަނީ ޑިޖިޓަލްކޮށެވެ. ބޯހިމެނުމަށް ބޭނުންވާ ސުވާލު ކަރުދާސް ދުރާލައި ޓެސްޓްކޮށް، ޑިޖިޓަލްކޮށް މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ބޭނުންވާ 800 އަށް ވުރެ ގިނަ ޓެބްލެޓް ރާއްޖޭގެ ހުރިހާ ހިސާބަކަށް ދުރާލައި ފޮނުވާފައިވެ އެވެ.
ބޯހިމެނުމުގައި ތަފާސްހިސާބު އެއްކުރުމަށް މުޅި ރާއްޖޭގައި 4،300 އެނިއުމަރޭޓަރުން ހަރަކާތްތެރިވެ އެވެ. ބޯހިމެނުމުގެ މަސައްކަތްތަކަށް ފަސޭހަ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި ކޮންމެ ރަށެއްގައި ވަނީ ސްޓެޓިސްޓިކްސްގެ އޮފީހެއް ވެސް ގާއިމުކޮށްފަ އެވެ.
"މުޅި ރާއްޖެއަށް ބަލައިފި ކަމަށްވަންޔާ އަތޮޅު ތަކުގައި 2000 އާ ގާތްކުރާ އަދަދަށް އެނިއުމަރޭޓަރުން ހަރަކާތްތެރިވަމުންދާނެ. ކޮންމެ ރަށަކުން އަޅުގަނޑުމެން ވަކި އަދަދަކަށް ޓީމުތައް ނަގައިގެން ތަމްރީންކޮށްފައި އެ ކުދިން މި ފީލްޑްގައި ހަރަކާތްތެރި އެވަނީ. މާލެއަށް ބަލައިފި ކަމަށްވަންޔާ އަޅުގަނޑުމެންގެ ސެންޓާޒް ގާއިމުކުރެވިފައި ހުންނާނީ މެއިން ސެންޓަރު ހުންނާނީ ދަރުބާރުގޭގައި. ހުޅުމާލޭގައި އަޅުގަނޑުމެންގެ ސެންޓައެއް ހުންނާނެ. އަދި ވިލިމާލޭގައި ސެންޓައެއް ހުންނާނެ." އެނިއުމަރޭޓަރުން ހަރަކާތްތެރިވާނެ ގޮތާއި ބޯހިމެނުމުގެ ސެންޓަރުތައް ގާއިމުކޮށްފައިވާ ގޮސް އަވަސްއާ ހިއްސާކުރައްވަމުން ސްޓެޓިސްޓިޝަން ފާތިމަތު ރިޔާޒާ ވިދާޅުވި އެވެ.
ރިޔާޒާ ވަނީ ބޯހިމެނުމުގެ މަސައްކަތް އަވަސް ކުރުމަށް އަދި ވީހާވެސް ގިނަ މައުލޫމާތު އެއްކުރުމަށް މާލެ ސަަރަހައްދުގައި އެ ނިއުމޭޓަރުން ހަރަކާތްތެރިވާނެ ގޮތްތައް ވެސް ހިއްސާކުރައްވާފަ އެވެ. އަދި ބޯހިމެނުމުގެ މަސައްކަތުގައި އެނިއުމަރޭޓުން ހޭދަކުރާނެ ވަގުތުތައް ވެސް އޭނާ ހިއްސާކުރެއްވި އެވެ.
ދަރުބާރުގެއިން އަޅުގަނޑުމެން ގާތްގަނޑަކަށް 1،500 ކުދިން ކޮންމެ ދުވަހު ފީލްޑަށް ނެރޭނެ. ހުޅުމާލޭގައި 200 އާ ގާތްކުރާ އަދަދަކަށް އަދި ވިލިމާލޭގައި 80 އާ އަދަދަަކަށް ކުދިން ފީލްޑަށް ނިކުމެ ހަދާނެ. ދެން ކޮންމެ ދުވަހަކު އަޅުގަނޑުމެންގެ ފީލްޑް މަސައްކަތް ކުރިއަށް ދާނެ 13 ސެޕްޓެމްބަރުން ފެށިގެން ކޮންމެ ދުވަހަކު ހެނދުނު 9:00 ގައި އަޅުގަނޑުމެންގެ ޓީމްސް ތައް ފީލްޑަށް ނިކުންނާނެ. އަދި އިރުއޮއްސި ރޭގަނޑު 6:00 ޖަހަންދެން ފީލްޑްގައި އެކުދިން ހަރަކާތްތެރިވާނެފާތިމަތު ރިޔާޒާ | ސްޓެޓިސްޓިޝަން
ރާއްޖެ އަކީ ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިން ހިމެނޭ ގައުމެކެވެ. އެހެންވެ ރާއްޖޭގެ އާބާދީއާއި އާންމު ގޭބިސީތަކުގެ އިތުރުން އިގްތިސޯދީ މަސައްކަތްތަކުގެ ސައްހަ އަދަދުތައް އެނގޭނީ ރާއްޖޭގައި އުޅޭ ބިދޭސީންގެ މައުލޫމާތު ލިބިގެންނެވެ. ބިދޭސީންގެ މައުލޫމާތު އެއްކުރުމަށްޓަކައި ބިދޭސީންނަށް ވަޒީފާ ދީފައިވާ ފަރާތްތަކުގެ އެއްބާރުލުމާއި އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނެ އެވެ.
ބިދޭސީންގެ މައުލޫމާތު އެއްކުރުމަށްޓަކައި ސްޓެޓިސްޓިކްސް އޮފީހުން ވަނީ އެކި ބަސްބަހުން ވާހަކަދައްކާ ބިދޭސީ އެނިއުމަރޭޓަރުން ހޯދައި އެމީހުން ތަމްރީން ކޮށްފަ އެވެ. ބޯހިމެނުމުގައި މައުލޫމާތު ދިނުމަކީ މުހިއްމު ކަމެއް ކަމަށް ބިދޭސީންނަށް އަންގައިދިނުމަށްޓަކައި ބިދޭސީންގެ ވައިބާ ގުރޫޕްތަކުގައި އެމީހުން ވާހަކަ ދައްކާ އުޅޭ ބަސްބަހުން މައުލޫމާތު ހިއްސާކޮށްފަ އެވެ.
"ގާތްގަނޑަކަށް 40 ވަރަކަށް ބިދޭސީ އެނިއުމަރޭޓަރުން އަޅުގަނޑުމެންނާ އެކީ ހަރަކާތްތެރިވާނެ. ދެން އާންމު ގޮތެއްގައި ބަންގްލަދޭޝީ އަދި ހަމަ އެއާ އެކީގައި އިންޑިއާގެ ޓެމިލް، ސިންހަޅަ އަދި ނޭޕާލީސްއާ އަދި އެހެން ގައުމުތައް ވެސް ހިމެނޭ ގޮތަށް މި ޓްރެއިނިންގައި ބޭފުޅުން ބައިވެރިވާ ގޮތަށް ހަމަޖެހިފައި މިއޮތީ. ދެން އަޅުގަނޑުމެން ދޭން ބޭނުންވާ މެސެޖަކީ ބިދޭސީންގެ ފަރާތުން އަޅުގަނޑުމެން މައުލޫމާތު ނަގާއިރު އެއްވެސް ވަރަކަށް އެބޭފުޅުންގެ އޮފިޝަލް ޑޮކިއުމެންޓެއް އޮތްތޯ ނުއެއް ބަލާނެ. އެބޭފުޅުން އަރިހުގައިވެސް ސުވާލުތައް އަހާފައި އެބޭފުޅުން ވިދާޅުވާ އެއްޗަކަށް ބޭސްކޮށްފައި އަޅުގަނޑުމެން ޖަވާބުތައް ނޯޓް ކުރާނީ،" ސްޓެޓިސްޓިކަލް އޮފިސަރު ރަޝީދާ ނަޖީބް ވިދާޅުވި އެެވެ.
ރާއްޖޭގައި ކުށުގެ ވެށީގައި އުޅޭ މީހުންގެ އަމަލުތައް ހުންނަ ގޮތުން ދިމާވެދާނެ މައްސަލައަކަށްވެސް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ވަނީ ތައްޔާރުވެފަ އެެވެ. އެގޮތުން ބޯހިމެނުމުގައި ހަރަކާތްތެރިވާ އެނިއުމަރޭޓަރުން ބޭނުންކުރާނީ ސަލާމަތީ ފިޔަވަޅެއްގެ ގޮތުގައި ކިއުއާރް ކޯޑެއް ޖަހާފައިވާ ހާއްސަ ކާޑެކެވެ. މިފަދަ އިންތިޒާމެއް ހަމަޖައްސާފައިވަނީ އެއްވެސް ޖެހިލުމެއް ނެތި މައުލޫމާތު ހިއްސާކުރުމަށް އާންމުންނަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ސްޓެޓިސްޓިޝަން އައިޝަތު ޝަޒުނާ ވިދާޅުވީ ބޯހިމެނުމުގެ މަސައްކަތުގައި އުޅޭ އެނިއުމަރޭޓަރަކު ގެއަކަށް ވަންނަ ވަގުތު އެ މީހަކާ މެދު ސުވާލު އުފެދޭނަމަ ކާޑުގައިވާ ކިއުއާރް ކޯޑް އިންތޯ ބަލައި ސްޓެޓިސްޓިކްސްގެ އޮފީހަށް އެންގުމަށް އެދިވަޑައިގެންފަ އެވެ.
"ކޮންމެ ކުއްޖެއްގެ އައިޑީ ކާޑުގައިވެސް އެ ކުއްޖަކީ ކޮން ކުއްޖެއް ކަމާއި އަޅުގަނޑުމެންގެ ކުއްޖެއް ކަން އެނގޭނެ ފަދަ ގޮތަަކަށް މިކާޑު ވަރަށް ފުރިހަމަކޮށް އިންނާނީ ހަދާފައި. އެހެންވީމާ ކޮންމެ ބޭފުޅަކުވެސް އެއީ ކޮން ކުއްޖެއްތޯ ބަލާލުމުގެ ގޮތުން އަޅުގަނޑުމެންގެ އެ ކާޑު މެދުވެރިކޮށް ބަލާލެވޭނެ އެއީ އަޅުގަނޑުމެން ކިއުއާރް ކޯޑެއް އިންނާނެ އޭގައި އިންކުލޫޑް ކޮށްފައި. އެހެންވީމާ އަަޅުގަނޑުމެންގެ ސިސްޓަމަށް އެ ކިއުއާރް ކޯޑުން ދާނީ ބެލެމުން. އެހެންވީމާ ތިބޭފުޅުންނަށް ފާހަގަކުރެއްވޭނެ އަޅުގަނޑުމެންގެ ކުއްޖަކު ގެއަކަށް ވަދެފައި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއޭ ބުނާއިރު އެއީ އަޅުގަނޑުމެންގެ ކުއްޖެއްކަން،" ޝަޒުނާ ވިދާޅުވި އެވެ.
ބޯހިމެނުމުގައި އެއްކުރާ މައިގަނޑު މައުލޫމާތު
- އަންހެނުން، ދަރިންގެ އަދަދާއި ފުރަތަމަ ދަރިފުޅު ލިބުނު އުމުރު
- އާމްދަނީ ހޯދުމަށް ކުރާ މަސައްކަތް
- ފުރަތަމަ ކައިވެނި ކުރި އުމުރު
- ދިރިއުޅޭ ތަނުގެ މައުލޫމާތު
- ދިރިއުޅޭ ތަނުގެ ބޮޑުމިން
- މީހުންގެ އުފަން ތާރީހު
- މީހުންގެ ތައުލީމީ ފެންވަރު
ބޯހިމެނުމުގެ ބުރާ ބޮޑު މަސައްކަތުގެ ވަގުތީ ނަތީޖާ އިއުލާނު ކުރަން ހަމަޖެހިފައިވަނީ ކުރިއަށް އޮކްޓޫބަރު ހަވަނަ ދުވަހު އެވެ. ދާއިމީ ނަތީޖާ އިއުލާނު ކުރާނީ ގައުމީ ތަފާސްހިސާބުގެ ދުވަސް ކަމަށްވާ އޮކްޓޫބަރު 20 ވަނަ ދުވަހު އެވެ. ރާއްޖޭގައި ރަސްމީ ސިފައެއްގައި އެންމެ ފުރަތަމަ ފުރަތަމަ ބޯހިމަނާފައިވަނީ 1911 ވަނަ އަހަރު އެވެ. ރާއްޖޭގައި އެންމެ ފަހުން ބޯހިމެނީ 2014 ވަނަ އަހަރު އެވެ. އެ އަހަރުގެ ނަތީޖާ ދައްކާ ގޮތުގައި އޭރު ރާއްޖޭގައި ދިރިއުޅޭ މީހުންގެ އާބާދީ އަކީ 420،071 މީހުންނެވެ.