ރިޕޯޓް

ސަރުކާރު ދުވެލި ބަލާނީ ނަމްބަރުން!

ސަރުކާރުގެ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގައި ހިމެނޭ ޕްރޮޖެކްޓްތައް މިއަހަރު ކުރިޔަށްދާ ގޮތް ދައްކުވައިދޭ ވިޑިއޯއެއް | އަވަސް ވީޑިއޯ

ބައެއް މީހުންގެ ސުވާލަކީ މިއީ އެވެ؛ ސަރުކާރަށް އަހަރެއް ވެގެންދާއިރު ތަރައްގީގެ މަސައްކަތެއް ނުފެށެ އެވެ. ސަރުކާރުގެ ސްޕީޑް ސްލޯ އެވެ. އަހަރު ނިމެން ދާއިރު ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް (ޕީއެސްއައިޕީ) ބަޖެޓުގެ ބޮޑު ބައިގައި އޮތީ އަދި އަތް ނުލަ އެވެ. މިއީ ރަނގަޅު ވާހަކަ އެއް ހެއްޔެވެ؟

ފިނޭންސް މިނިސްޓްރީން މިހާރު އާއްމުކޮށްފައިވާ މައުލޫމާތު ތަކަށް ބަލާއިރު ސަރުކާރުން ވަނީ މަސައްކަތްތަކެއް ފަށައިގެންފަ އެވެ. މަޝްރޫއުތައް ދަނީ ކުންފުނިތަކާ ހަވާލު ކުރަމުންނެވެ. ޓެންޑަ ބޯޑުން މަސައްކަތް ހަވާލުކޮށް ލިސްޓު އާއްމު ކުރަން ފެށުމާއެކު، ސަރުކާރުގެ ދުވެލި މިހާރު ރައްޔިތުންނަށް ވަނީ ފެންނަން ފަށާފަ އެވެ. ސަރުކާރުގެ ދުވެލި އެނގެނީ ނަމްބަރުން ބަލައިގެނެވެ.

ފިނޭންސް މިނިސްޓްރީގެ "އެވޯޑެޑް ޕްރޮޖެކްޓް" އަޅާ ކިޔާލިއިރު މުޅި ރާއްޖޭގައި މިހާރު ޖުމްލަ 107 މަޝްރޫއެއް ހިންގަމުންދާކަން އެނގެ އެވެ. މިހާރު އާއްމު ކޮށްފައިވާ ލިސްޓުގައި މުޅިން ވެސް ހިމެނެނީ މި އަހަރު ހަވާލުކުރި މަސައްކަތްތަކެވެ. އެކަމަކު އޭގެ މާނައަކީ މި ހުރިހާ މަޝްރޫއުތަކަކީ މި ސަރުކާރުގެ މަޝްރޫއު ތަކެކޭ އެއް ވެސް ނޫނެވެ.

އޭގެ ތެރޭގައި ކުރީ ސަރުކާރުން ހަވާލު ކުރަން ނިންމާފައިވާ ބައެއް މަސައްކަތްތައް ހުރިކަން ވެސް ލިސްޓަށް ބަލައިލުމުން އެނގެ އެވެ. އެ މަސައްކަތް ތަކުގެ އަގު ގާތްގަނޑަކަށް 2.6 ބިލިއަން ރުފިޔާ އަށް އަރަ އެވެ. އޭގެތެރޭގައި މި ސަރުކާރުން އިއުލާނު ކުރި ގުޅީފަޅު ޕޯޓު ބަދަލު ކުރުމުގެ ބައެއް މަސައްކަތްތައް ވެސް ހިމެނެ އެވެ.

އެންމެ ބިޒީކޮށް އޮތީ އެމްޓީސީސީ

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް އެންމެ ގިނަ މަޝްރޫއުތަކެއް ނެގި ކުންފުންޏަކީ އެމްޓީސީސީ އެވެ. މި ވެރިކަމުގައި ވެސް އެކަން އޮތީ ހަމަ އެގޮތުގަ އެވެ. އެންމެ ގިނަ މަޝްރޫއު ހިންގާ ދިވެހި ކުންފުންޏަކީ ސަރުކާރާއި ރައްޔިތުން ހިއްސާވާ އެމްޓީސީސީ އެވެ. އެ ކުންފުންޏާ 40 އަށް ވުރެ ގިނަ މަޝްރޫއު މިހާރު ވެސް ހަވާލު ކޮށްފައިވެ އެވެ. އެމްޓީސީސީއާ ހަވާލު ކޮށްފައިވާ އެންމެ ބޮޑު އެއް މަޝްރޫއަކީ ފުވައްމުލަކު މަގު ހެދުމުގެ މަސައްކަތެވެ.

ފުވައްމުލަކު މަގު ހަދައި ފެން ހިންދާ ނިޒާމު ގާއިމްކޮށް މަގުތަކުގައި ތާރު އަޅައި ބައްތި ޖެހުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 279 މިލިއަން ރުފިޔާ އަށެވެ. މިއީ މިހާރު ހިންގާ މަޝްރޫއުތަކުގެ ތެރެއިން އެންމެ ބޮޑު މަޝްރޫ އެވެ.

އިންޑިޔާ ފަސްޓް ޕޮލިސީ

މަޝްރޫއުތަކުގެ ލިސްޓަށް ބަލައިލުމުން އެނގެނީ އިންޑިއާ އާއި މި ސަރުކާރާ އޮތް ގާތް ގުޅުމެވެ. މި ސަރުކާރުން "އިންޑިއާ ފަސްޓް ޕޮލިސީ" އިމްޕްލިމެންޓް ކުރަން ހިފާފައިވާ މިންވަރެވެ.

މަޝްރޫއު ލިސްޓުގައިވާ ގޮތުން ރާއްޖޭގައި އެންމެ ގިނަ މަޝްރޫއު ހިންގާ ބޭރުގެ ކުންފުންޏަކީ އިންޑިއާގެ މޯހަން މުތާ ކުންފުންޏެވެ. ނިމިދިޔަ ސަރުކާރުގައި ވެސް ގިނަ މަސައްކަތްތަކެއް ކުރި، މޯހަން މުތާ ކުންފުނިން މިފަހަރު މަސައްކަތް ކުރަނީ ރާއްޖޭގެ ތްރީ ޕޮއިންޓް ކުންފުންޏާ ޖޮއިންޓް ވެންޗާ (ޖޭވީ) އެއް ހަދައިގެނެވެ. މޯހަން މުތާއަށް ހަވާލު ކޮށްފައިވާ ފާހަގަ ކޮށްލެވޭ މަޝްރޫއުތަކުގެ ތެރޭގައި 15 އެމްބިއުލާންސް ހޯދުން ހިމެނެ އެވެ. މި މަސައްކަތް އެ ކުންފުންޏަށް ދީފައިވަނީ 9.2 މިލިއަން ރުފިޔާ އަށެވެ.

މޯހަން މުތާގެ އިތުރުން އިންޑިއާގެ އަޝޯކް ކުންފުނި އަލް ހަބްސީ ކޮންސްޓްރަކްޝަން ކުންފުންޏާއެކު ޖޭވީ ހަދައިގެން ވެސް މަޝްރޫއެއް ކުރިއަށް ގެންދެ އެވެ. އެ ކުންފުންޏަށް ހއ. މޮޅަދޫ ބަނދަރުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ 26.8 މިލިއަން ރުފިޔާ އަށެވެ.

މޯހަން މުތާގެ އިތުރުން އިންޑިއާގެ އަޝޯކް ކުންފުނި އަލް ހަބްސީ ކޮންސްޓްރަކްޝަން ކުންފުންޏާއެކު ޖޭވީ ހަދައިގެން ވެސް މަޝްރޫއެއް ކުރިއަށް ގެންދެ އެވެ. އެ ކުންފުންޏަށް ހއ. މޮޅަދޫ ބަނދަރުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ 26.8 މިލިއަން ރުފިޔާ އަށެވެ.

"އަމީން" ނޫން ގޮތެއް ނެތިފައި

އަމީން ކޮންސްޓްރަކްޝަން އިން ކުރީގެ ސަރުކާރުގެ މަޝްރޫއުތައް ނަގައިގެން އުޅުނު ވާހަކަ ކުރިން ދައްކަ އެވެ. މި ސަރުކާރު ވެރިކަމަށް އައިފަހުން ވެސް އެންމެ ގިނަ މަޝްރޫއު ހިންގާ ދިވެހި އެއް ކުންފުންޏަކީ އަމީން ކޮންސްޓްރަކްޝަނެވެ.

އެ ކުންފުންޏަށް އަމާޒުވާ ގޮތަށް ކިތަންމެ ވާހަކައެއް ދެކެވުނަސް އަވަހަށް މަސައްކަތެއް ކުރަން ބޭނުންނަމަ ފުރަތަމަ ވެސް ހޯދަން ޖެހެނީ ހަމަ އަމީނެވެ. އެ ކުންފުނިން މި އަހަރު ކުރި އެންމެ މުހިންމު މަޝްރޫއަކީ ކުރު މުއްދަތެއްގެ ތެރޭގައި އުކުޅަހުގައި ކޮންވެންޝަން ސެންޓަރު އެޅުމެވެ. މީގެ އިތުރުން އެ ކުންފުނިން ކުރާ ގިނަ މަސައްކަތް ތަކަކީ ޓާފް ދަނޑުތައް އެޅުމެވެ. ދެން ގިނަ މަސައްކަތް ކުރާ ދިވެހި ކުންފުންޏަކީ ވޯޓާ ޕާކް މޯލްޑިވްސް އެވެ. އެ ކުންފުނިން ގިނައިން ކުރަމުން ގެންދަނީ ރަށްރަށުގެ ސްކޫލްތަކުގެ ކްލާސް ރޫމްތައް އެޅުމުގެ މަސައްކަތް ތަކެކެވެ.

ގިނަ މަޝްރޫއު ރ. އަތޮޅުގައި

މިއީ މުހިންމު ސުވާލެކެވެ. މަގޭ ރަށުގައި ހިންގަނީ ކޮން މަޝްރޫއެއް ހެއްޔެވެ؟ އެންމެ ގިނަ މަޝްރޫއު ހިންގާ އަތޮޅަކީ ކޮބައި ހެއްޔެވެ؟ މިހާރުގެ ލިސްޓަށް ބަލާއިރު އެންމެ ގިނަ މަޝްރޫއު ހިންގާ އަތޮޅަކީ ރ. އަތޮޅެވެ. އެ އަތޮޅުގައި 10 މަޝްރޫއެއް ކުރިއަށް ގެންދެ އެވެ. އަދި ދެވަނަ އަށް އެންމެ ގިނަ މަސައްކަތް ހަވާލު ކޮށްފައި ވަނީ އައްޑޫ ސިޓީއިންނެވެ.

އުފާވެރި ހަބަރު: އަހަރުގެ ފަހުކޮޅު!

އުފާވެރި ހަބަރަކީ މި އަހަރުގެ ފަހުކޮޅު ބޮޑެތި ގިނަ މަޝްރޫއު ތަކެއް ފަށާނެ ކަމަށް ސަރުކާރުން ބުނާ ބުނުމެވެ. ބެލެވޭ ގޮތުގައި އެ މަޝްރޫއުތައް އަންނާނީ އަންނަ އަހަރުގެ ބަޖެޓު އޮކްޓޫބަރު މަހު ފާސް ކުރުމުންނެވެ. އެ މަޝްރޫއުތައް ފަށާނެކަން އިއުލާނު ކޮށްދެއްވީ ނިމިދިޔަ ހަފުތާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ.

ރައީސް އިއުލާނު ކުރެއްވި ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި 21 ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތާއި 20 ރަށެއްގެ ނަރުދަމާ އެޅުމުގެ މަސައްކަތް އަދި 35 ސްކޫލެއްގައި މަޝްރޫއުތަކާއި މީގެ އިތުރުން ބޯހިޔާވަހި ކަމުގެ ބިޔަ މަޝްރޫއު ތަކެއް ހިމެނެ އެވެ. އެގޮތުން މާލެ ސަަރަހައްދުގައި 4200 ސޯޝަލް ހައުސިން ޔުނިޓު އެޅުމުގެ މަޝްރޫއަކާއި 5000 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ފަށާނެ ކަމަށްވެސް ވަނީ އިއުލާނުކޮށްފަ އެވެ،

އުފާވެރި ހަބަރަކީ އެއީ އެވެ. އަހަރުގެ ފަހުކޮޅު ބޮޑެތި މަޝްރޫއު ތަކެއް ފަށާނެ ކަމަށް ބެލެވުމެވެ. ނަމަވެސް މިހާރު ލިބެން ހުރި މައުލޫމާތު ތަކަށް ބަލާއިރު މިހާރު ވެސް 107 މަޝްރޫއެއް ވަނީ ހިންގަން ކުންފުނިތަކަށް ހަވާލުކޮށްފަ އެވެ. މިކަން އެނގެނީ ނަމްބަރަށް ބަލައިގެނެވެ.