ހޮލީވުޑް

ބްރީ ލާސަން "ކެޕްޓަން މާވެލް" އަލުން ކުޅޭނެތަ؟

"ދަ މާވެލްސް" އަށް ފަހު މާވެލް ސިނަމެޓިކް ޔުނިވާސްއަށް އެނބުރި އައުމާ މެދު ޔަގީންކަން ނެތް ކަމަށް ބްރީ ލާސަން ބުނެފި އެވެ.

ބްރީ ލާސަން އިންޓަވިއުއެއްގައި ހާމަކޮށްފައިވަނީ އެންމެ ބާރުގަދަ އެއް އެވެންޖަ "ކެޕްޓަން މާވެލް"ގެ ރޯލުގައި އޭނާގެ މުސްތަގްބަލް އޮތްކަމާމެދު ޝައްކު އުފެދޭ ކަމަށެވެ.

ބްރީ ލާސަން "ކެޕްޓަން މާވެލް"ގެ ގޮތުގައި ތައާރަފްވެފައިވަނީ 2019 ގައި އެ ނަން ކިޔާ ފިލްމުންނެވެ.

މި ފިލްމް ރިލީޒްކުރުމާއެކު ބްރީ ލާސަންއަށާއި ފިލްމަށް ބެލުންތެރިންގެ ނަފްރަތާއި ނެގެޓިވް ކޮމެންޓްސް އަދި މަލާމާތްކުރުން ވަނީ ރައްދުކޮށްފަ އެވެ.

ރޮޓަން ޓޮމާޓޯޒްގައި މި ފިލްމްގެ ކްރިޓިކްސް ސްކޯ 79 ޕަސަންޓްގައި ހުރިއިރު، އޯޑިއަންސް ރޭޓިން ހުރީ 45 ޕަސަންޓް ގައެވެ.

މާވެލް ފިލްމްތަކާ މެދު ސުވާލުކުރުމުން ބްރީ ވަނީ މާވެލް ސިނަމެޓިކް ޔުނިވާސްއަށް އެނބުރި އައުމާ މެދު ޔަގީންކަން ނެތް ކަމަށް ބުނެފަ އެވެ.

"ނޭނގެ. އެއްވެސް މީހަކު އަހަރެން އެ ރޯލް އަނެއްކާ އަދާކުރަން ބޭނުންވޭތަ؟ އަހަރެންނަކަށް ހަމަ އަސްލުވެސް ނޭނގޭ، ތި ސުވާލުގެ ޖަވާބެއް ނެތް".

ބްރީ "ކެޕްޓަން މާވެލް"ގެ ގޮތުގައި އެންމެ ފަހުން ފެނިފައިވަނީ "މީޒް މާވެލް" ސީރީޒްގެ ކްރެޑިޓްތަކަށް ފަހު އަންނަ ސީންގަ އެވެ.

ބްރީ "ދަ މާވެލްސް" ގައި ކެރޯލް ޑެންވަސްގެ ރޯލް އަދާކުރާނެ އެވެ. މި ފިލްމްގައި "މީޒް މާވެލް"ގެ ރޯލްގައި އީމާން ވެލާނީ ބްރީ އާއެކު ފެނިގެންދާނެ އެވެ.

ބްރީ ލާސަން ވަނީ 2015 ގައި "ރޫމް" ގައި އަދާކުރި ރޯލަށް "ބެސްޓް އެކްޓްރެސް"ގެ އޮސްކާ އެވޯޑް ހޯދާފަ އެވެ.