ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސްވެރިކަން ކުރި ދެ އުޅަނދެއްގެ މައްސަލަ ބެލުމަށްފަހު ޖޫރިމަނާކޮށްފި އެވެ.
ފިޝަރީސް މިނިސްޓްރީ އިން މިއަދު ބުނީ މި ދެ އުޅަނދަކީ މިދިޔަ މަހުގެ 13 ވަނަ ދުވަހު އެމްއެންޑީއެފް ކޯސްޓްގާޑުން އަތުލައިގަތް ސްރީލަންކާއަށް ނިސްބަތްވާ ދެ އުޅަނދު ކަމަށެވެ. މި ދެ އުޅަނދު ޖޫރިމަނާކޮށްފައިވަނީ ޖުމްލަ ހަތްލައްކަ ރުފިޔާ އިންނެވެ.
މިނިސްޓްރީ އިން ބުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސްވެރިކަން ކޮށްފައިވާތީ އެއް އުޅަނދު ފަސްލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް މިނިސްޓްރީގެ ހުއްދައާ ނުލައި ވަނުމުން އެ އުޅަނދު ވަނީ އިތުރު އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފަ އެވެ. އެ އުޅަނދުގައި ތިން ޓަނުގެ ކަނޑުމަހުގެ ބާވަތް ހުރި ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
ދެވަނަ އުޅަނދު ޖޫރިމަނާކޮށްފައިވަނީ އެއްލައްކަ ރުފިޔާއިންނެވެ. މި އުޅަނދުގައި މަސް ނެތުމުން ހަމައެކަނި ޖޫރިމަނާކޮށްފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ހުއްދަ ނުހޯދާ ވަތްކަމުގެ ކުށުގަ އެވެ.
"މަސްވެރިކަމުގެ ގާނޫނުގެ 80 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެ ޤާނޫނުގެ ދަށުން އަދަބު ކަނޑައެޅުމުގެ ކުރިން ތުހުމަތުކުރެވޭ ފަރާތަށް ޖަވާބު ދާރީވުމަށް އަޑުއެހުމެއް ބާއްވަން ޖެހޭ. މަސްވެރިކަމުގެ ގާނޫނުގެ ދަށުން އިދާރީ ފިޔަވަޅު އެޅުމުގެ ކުރިން އުޅަނދުގެ މާސްޓަރު އަދި ވެރިފަރާތަށް ޖަވާބުދާރީވުމުގެ ފުރުސަތު ދެވިފައިވޭ. ވެރިފަރާތަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އަޑުއެހުމެއް ބާއްވައިގެން،" މިނިސްޓްރީ އިން ބުންޏެވެ.
ފިޝަރީޒް މިނިސްޓްރީ އިން ބުނި ގޮތުގައި މި ދެ އުޅަނދުން ޖޫރިމަނާގެ ފައިސާ ދެއްކުމުން މިހާރު ފުރުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.
މީގެ ކުރިންވެސް މަސްވެރިކަމުގެ ގާނޫނާއި ހިލާފުވެގެން ބޭރުގެ އުޅަނދުތަކެއް މިނިސްޓްރީން ވަނީ ޖޫރިމަނާކޮށްފަ އެވެ. އެގޮތުން ޖޫރިމަނާ ދެއްކި އުޅަނދުތައް ފުރައިގެން ދިއުމުގެ ހުއްދަ ދީފައިވާއިރު، ޖޫރިމަނާ ނުދައްކާ ހަތަރު އުޅަނދެއް ދައުލަތަށް ނެގުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށް ފިޝަރީޒް މިނިސްޓްރީ އިން މައުލޫމާތުދެ އެވެ.