ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ބޯޓެއްގެ ވެރިފަރާތް ހަތަރު ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.
ފިޝަރީޒް މިނިސްޓްރީން ޖޫރިމަނާ ކޮށްފައިވަނީ ލަންކާއަށް ނިސްބަތްވާ ބޯޓެއްގެ ވެރިފަރާތް ކަމަށް އެނގިފައިވެ އެވެ.
މި ބޯޓާ ގުޅޭ މައުލޫމާތުތައް ކަމާ ގުޅުންހުރި އެއްވެސް އިދާރާ އަކުން އަދި ހާމައެއް ނުކުރެ އެވެ.
ފިޝަރީޒް މިނިސްޓްރީން ޖޫރިމަނާ ކުރި ބޯޓު އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންދިޔައީ މިދިޔަ ޖޫން މަހުގެ 19 ވަނަ ދުވަހު އެވެ.
މި ބޯޓު އެންމެ ފުރަތަމަ ފެނުނީ ލ. އަތޮޅުގެ އިރުން 45 މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅުން "ސީލައިން-03" ނަމަކަށް ކިޔާ ދޯންޏަކަށެވެ.
މި ބޯޓު ކޯސްޓްގާޑް ޝިޕް ހުރަވީގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ލ. އަތޮޅުގެ އިރުން 139 ނޯޓިކަލް މޭލު ބޭރުންނެވެ.
ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ގެނެވުނު އިރު ބޯޓުގައި ފަސް ފަޅުވެރިން ތިބި ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދީފައިވެ އެވެ.