ފިނިޕޭޖް

ޖެސިކާ ޗެސްޓެއިންގެ "ދަ ގުޑް ނާސް" ކަމުދޭތަ؟

ޖެސިކާ ޗެސްޓެއިންނާއި އެޑީ ރެޑްމޭންގެ ސަސްޕެންސް ފިލްމު "ދަ ގުޑް ނާސް" ވަނީ މިމަހުގެ 11 ވަނަ ދުވަހު ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލްގައި ރިލީޒްކޮށްފަ އެވެ.

މި ސަސްޕެންސް ފިލްމުގައި ޖެސިކާ ޗެސްޓެއިން އާއި އެޑީ ރެޑްމޭން އަދާކުރަނީ ދެ ނަރުހުންގެ ރޯލެވެ.

އެމީ ލޯރެން (ޖެސިކާ) އަކީ ނަރުހެއް އަދި އެކަނިވެރި މައެކެވެ. އެމީއަށް ވަރަށް އަވަހަށް ހިތުގެ ޓްރާންސްޕްލާންޓެއް ބޭނުންވެ އެވެ.

ޗާލްސް ކަލަން (އެޑީ) އެ ހޮސްޕިޓަލާ ގުޅުމަށްފަހު، އެމީއާ ރަހްމަތްތެރިކަމުގެ ގުޅުން ބަދަހިކޮށް، އެމީއަށް އެކި ކަންކަމުގައި ވަރަށް އެހީތެރިވެދެ އެވެ. އެމީގެ ޕޭޝަންޓެއް ކުއްލިއަކަށް މަރުވިއިރު، އިންސިއުލިންގެ ޑަބަލް ޑޯޒެއް ދީފައިވާކަން ފާހަގަކުރެވެ އެވެ. އިސްވެސްޓިގޭޝަން ފެށުމުން، އެކަމަށް ޝައްކުކުރެވެނީ ޗާލްސް އަށެވެ. އަނެއް ޕޭޝަންޓް މަރުވެ އެވެ. މި ސީރިއަލް ކިލަ އަކީ ހަމަ ޗާލްސްތޯ އެމީއަށް ޝައްކުކުރެވެން ފަށަ އެވެ.

މި ފިލްމް ކުރިއަށް އޮތް އޮކްޓޫބަރުގައި ބައެއް ސިނަމާތަކާއި ނެޓްފްލިކްސްގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާއިރު، މި ފިލްމާ މެދު ކްރިޓިކްސްގެ ހިޔާލުތައް ވަނީ ބައިބައިވެފަ އެވެ.

ފިލްމާ މެދު ކްރިޓިކްސްގެ ހިޔާލު

ބައެއް ކްރިޓިކްސް އިން މި ފިލްމްގައި ހޮސްޕިޓަލް ސިސްޓަމާ ހިލާފަށް އެމީ ހަނގުރާމަ ނުކޮށް، އޭނާގެ ޒާތީ މައްސަލަތަކާ އެކުވެސް ޗާލްސްގެ ހަގީގަތް ހޯދައި ސީރިއަލް ކިލަ އެއް ހުއްޓުވަން މަސައްކަތްކުރާތީ އެކަމަށް ތައުރީފް ކުރި އެވެ.

މިފިލްމުގެ ދުވުން އަވަސް ނުވެ، އަނިޔާވެރި، ރަހުމުކުޑަކޮށް މަރާ ސީރިއަލް ކިލައެއްގެ ބަދަލުގައި އެމީގެ ޖަޒްބާތީ ކަންތައްތަކަށް ސަމާލުކަން ދިނުމުން، އޭނާގެ މޮޅު އެކްޓިން މަޑުމައިތިރިކަމާއެކު ފެނިގެންދާ ކަމަށާއި އެޑީ ރެޑްމޭންގެ އެކްޓިންއަށް ތައުރީފްކޮށްފައިވެ އެވެ.

މި ފިލްމުގެ ބެކްގްރައުންޑް މިއުޒިކުން ފިލްމުގެ ސަސްޕެންސް ދަމަހައްޓާތީ އެކަމަށް އެއް ކްރިޓިކް ތައުރީފްކޮށްފައިވެ އެވެ.

މި ފިލްމް ކަމުނުދިޔަ ކްރިޓިކުން ބުނީ ފިލްމްގެ ސްކްރިޕްޓް ކަމުނުދާ ކަމަށާއި އަސަރު ކުޑަކޮށް، ތިލަކޮށް ގެނެސްދީފައިވާ ކަމަށެވެ. އަދި މަޑުމައިތިރިކަމާއި "ސަޓަލް"ކޮށް ގެނެސްދެމުން އައި ފިލްމެއް ކުއްލިއަކަށް ކެރެކްޓަރުން ރުޅިގަދަވެގެން ހަޅޭއްލަވައި، މޭޒުގައި ތަޅައި "އޯވަޑްރެމެޓިކް" ވުމުން ފިލްމުގެ ފްލޯ ގެއްލޭ ކަމަށްވެސް އެއް ކްރިޓިކް ބުންޏެވެ.

ދެ ގަޑިއިރުގެ ފިލްމަކަށް މީގެ ސްކްރިޕްޓާއި ފިލްމުގެ މިސްރާބުގެ ސަބަބުން ސަމާލުކަން ގެއްލިގެންދާ ކަމަށް އެހެން ކްރިޓިކްއެއް ބުނެފައިވެ އެވެ. މި ފިލްމަށް އެއް ރިވިއުގައި ބީ މައިނަސް ދީފައިވެ އެވެ.

ޖެސިކާ ޗެސްޓެއިން އަކީ "ޒީރޯ ޑާކް ތާޓީ"، "ޖުރޭސިކް ޕާކް"، "ދި އައިޒް އޮފް ޓެމީ ފޭ"، ދަ ހެލްޕް" ފަދަ ފިލްމްތައް ކުޅެފައިވާ ތަރިއެކެވެ.

އެޑީ ރެޑްމޭން އަކީވެސް "ދަ ފެންޓާސްޓިކް ބީސްޓްސް" ފިލްމް ސީރީޒް އާއި "ދަ ތިއަރީ އޮފް އެވްރިތިން"، "ދަ ޑެނިޝް ގާލް"، "ލޭ މިސަރާބް" ފަދަ ފިލްމުތައް ކުޅެފައިވާ އެކްޓަރެކެވެ. މި ދެ ތަރިންވެސް ވަނީ އޮސްކާ އަދި ގޯލްޑަން ގްލޯބް ފަދަ ގިނަ އެވޯޑްތަކެއް ހާސިލްކޮށްފަ އެވެ.