ހޮލީވުޑް

ގަލް ގަދޮތް "ސްނޯ ވައިޓް"ގެ އީވަލް ކުއީންގެ ރޯލަށް

"ވޮންޑާވުމަން" ފިލްމްތަކުން މަޝްހޫރުވި ގަލް ގަދޮތް ޑިޒްނީގެ "ސްނޯ ވައިޓް"ގެ ދޮންމަންމަ އަދި އީވަލް ކުއީންގެ ރޯލުން ފެނިގެންދާނެ ކަމަށް ޑީ23 އެކްސްޕޯގައި އިއުލާންކޮށް، ކުރު ޓީޒާ އެއް ދައްކާލައިފި އެވެ.

2024 ވަނަ އަހަރު ރިލީޒްކުރަން ހަމަޖެހިފައިވާ "ސްނޯ ވައިޓް"ގެ ލައިވް އެކްޝަން ރީމޭކްގައި ސްނޯ ވައިޓްގެ ރޯލް އަދާކުރާނީ 2021 ގައި "ވެސްޓްސައިޑް ސްޓޯރީ" މިއުޒިކަލްގެ މަރާޔާގެ ރޯލް އަދާކުރި ރޭޗަލް ޒީގްލާ އެވެ.

އެ ޓީޒާގައި ފެންނަނީ އީވަލް ކުއީންގެ މަޝްހޫރު ސުވާލު "މިރަ މިރަ އޮން ދަ ވޯލް، ހޫ އިޒް ދަ ފެއަރަސްޓް ވަން އޮފް އޯލް؟" ސުވާލު ކުރާ ތަނެވެ.

ދެން ފެންނަނީ ސްނޯ ވައިޓް އޭނާގެ ކާޓޫނުގައި މަޝްހޫރުވެފައިވާ ހެދުންލައިގެން ހުރެ، ވިހަ އާފަލު ވައްޓާލާ ތަނެވެ.

ޓީޒާ ދެއްކުމަށްފަހު މި ދެތަރިން ވަނީ މި ފިލްމާއި އަދާކުރާ ރޯލްތަކުގެ ވާހަކަ ދައްކާފަ އެވެ. ގަލް ގަދޮތް ބުނި ގޮތުގައި މިއީ އޭނާގެ ކެރިއަރުގައި މިހާތަނަށް ކުޅުނު ހުރިހާ ރޯލުތަކާ ތަފާތު ރޯލެއް ކަމަށެވެ.

ރޭޗަލް ބުނީ މި ރޯލު ލައިވްއެކްޝަން ރީމޭކްގައި ކުޅޭނެ ފުރުސަތު ލިބުމަކީ ބޮޑު ޝަރަފެއް ކަމަށާއި މި ފިލްމުގައި އެ ކެރެކްޓާގެ ސިފައަށް އެކަނި ސަމާލުކަން ދިނުމުގެ ބަދަލުގައި ސްނޯ ވައިޓްގެ އަސްލު ޕޮޓެންޝަލް ހޯދައި، މޮޅު ރާނީއަކަށް ވެވޭނެކަން ދެނެގަނެވޭ ތަން ފެންނާނެ އެވެ.

1937 ގައި ނިކުތް "ސްނޯ ވައިޓް އެންޑް ދަ ސެވަން ޑްވޯވްސް" އަކީ ޑިޒްނީ އިން އެންމެ ފުރަތަމަ ހެދި ފިލްމެވެ.

މި ފިލްމުގެ ގިނަ ފިލްމްތައް ސިނަމާތަކުގައި އަދި ޓީވީން ފެނިފައިވާއިރު، މިއީ ޑިޒްނީ އިން ތައްޔާރުކުރާ މި ކާޓޫނުގެ ފުރަތަމަ ލައިވް އެކްޝަން ފިލްމެވެ.