މާޑާ މިސްޓްރީސް ބެލުންތެރިންގެ ސަމާލުކަން އަތުލައިގަނެ ދެމެހެއްޓުމުގެ އިތުރުން ބައެއް ފަހަރު ބިރުގަންނަވާލާ، އޮޅުން އަރުވާލައި، ހާސްކޮށްލައި އަދި ހިތް ތަޅުވާލަ އެވެ.
ސަސްޕެންސް އިން ފުރިފައިވާ ވާހަކައަކަށް ސަމާލުކަން ދިނުމަށްވުރެ ނުބައި މީހާ ނޫނީ ފިލްމް ނިމޭ ގޮތް އަންދާޒާކުރާ މީހުން ގިނަ އެވެ. އަދި މިފަދަ ފިލްމެއް ބެލުމަށްފަހު ވީގޮތާ މެދު ބަހުސްތައް ކުރިއަށްދާލެއް ވެސް މަދެއް ނޫނެވެ.
މިގޮތުން އިންޓަނެޓް މޫވީ ޑޭޓާ ބޭސް (އައިއެމްޑީބީ) އިން ބުނާ ގޮތުގައި ތިރީގައި އެވަނީ މާޑާ މިސްޓްރީސްގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ފިލްމްތަކެވެ.
ޝާލޮކް
2010 އިން 2017 އަށް ކުރިއަށް ދިޔަ "ޝާލޮކް" އަކީ އާތާ ކޮނަން ޑޮއިލް ލިޔުނު ޝާލޮކް ހޯމްސް ފޮތްތަކާ ކެރެކްޓަރުގެ މައްޗަށް ބިނާކޮށްފައިވާ އިނގިރޭސި ވިލާތުގެ މިނި ސީރީޒްއެކެވެ.
މިނީ ސީރީޒްގައި ޝާލޮކްގެ ރޯލް އަދާކޮށްފައިވަނީ "ޑރ. ސްޓްރޭންޖް" ބެނެޑިކްޓް ކަމްބާބެޗް އެވެ. އަދި ޑރ. ވޮޓްސަންގެ ރޯލް އަދާކޮށްފައިވަނީ "ދަ ހޮބިޓް"ގެ މާޓިން ފްރީމަން އެވެ.
މި މިނި ސީރީޒަށް ނުވަ ޕްރައިމްޓައިމް އެމީ އެވޯޑް ލިބިފައިވާއިރު، އައިއެމްޑީބީގެ 10 އިން 9.1 ގެ ސްކޯއެއް ލިބިފައިވެ އެވެ.
ޓްރޫ ޑިޓެކްޓިވް
މެތިއު މެކޮނޯއީ، ވުޑީ ހެރެލްސަން، ކޮލިން ފެރެލް، ވިންސް ވޯން އަދި ރޭޗަލް މެކްއެޑަމްސް ފަދަ ތަރިން ހިމެނޭ "ޓްރޫ ޑިޓެކްޓިވް" ސީރީޒަކީ 2014 އިން 2019 އަށް ކުރިއަށް ދިޔަ ސީރީޒެކެވެ.
މި ސީރީޒްގެ ކޮންމެ ސީޒަނެއްގައި ވަކި ކާސްޓެއް ތަހުގީގުކުރަނީ އެ ސީޒަނެއްގެ ކޭސް އެކެވެ. މި ސީރީޒަށް ފަސް ޕްރައިމްޓައިމް އެމީ އެވޯޑް ލިބިފައިވެ އެވެ.
ޑެކްސްޓާ
މަތީގައިވާ ދެ ސީރީޒާ ހިލާފަށް "ޑެކްސްޓާ" ބިނާކޮށްފައިވަނީ އެންމެންގެ ތެރޭގައި ފޮރެންސިކް ޓެކްނީޝަނެއްގެ ގޮތުގައި ޕޮލިހަށް މަސައްކަތްކުރާ ސީރިއަލް ކިލާ އެއްގެ މައްޗަށެވެ.
މައިކަލް ސީ ހޯލް، ޖޫލީ ބެންޒް، ޖެނިފާ ކާޕެންޓާ އަދި ޑޭވިޑް ޒަޔާސް ފަދަ ތަރިން ހިމެނޭ މި ސީރީޒް 2006 ގައި ފަށައި، ނިންމާލާފައިވަނީ 2013 ގައެވެ. މި ސީރީޒަށް ހަތަރު ޕްރައިމްޓައިމް އެމީ އެވޯޑް ލިބިފައިވެ އެވެ.
ސެވަން
ބްރެޑް ޕިޓް، މޯގަން ފްރީމަން، ގްވިނިތް ޕަލްޓްރޯ އަދި ކެވިން ސްޕޭސީ ކުޅުނު "ސެވަން" ބިނާކޮށްފައިވަނީ ސީރިއަލް ކިލާއެއް ހޯދަން އުޅޭ ދެ ޑިޓެކްޓިވްއަށެވެ. ޑޭވިޑް ފިންޗާ ޑައިރެކްޓްކޮށް 1995 ގައި ނިކުތް މި ފިލްމް ވަނީ އެއް އޮސްކާއަށް ނޮމިނޭޓްވެފައެވެ.
މައިންޑްހަންޓާ
ޖޯ ޕެންހޯލް ޑައިރެކްޓްކޮށް ޖޮނަތަން ގްރޮފް، އަނާ ޓޯވް އަދި ހޯލްޓް މެކްކެލާނީ ހިމެނޭ "މައިންޑްހަންޓާ" އަކީ އެފްބީއައިގެ ބިހޭވިއަރަލް ސައިންސް ޔުނިޓް އުފެއްދުމާއި އެ ޔުނިޓްގެ މަސައްކަތްތަކުގެ މައްޗަށް ލިޔެފައިވާ ފޮތަކަށް ބިނާކޮށްފައިވާ ސީރީޒެކެވެ. 2017 އިން 2019 އަށް ކުރިއަށް ދިޔަ މި ސީރީޒް ވަނީ ދެ ޕްރައިމްޓައިމް އެމީ އެވޯޑަށް ނިމިނޭޓްވެފަ އެވެ.
ސައިލެންސް އޮފް ދަ ލޭމްބްސް
މިއީ ޖޮނަތަން ޑެމް ޑައިރެކްޓްކޮށްފައިވާ 1991 ގައި ނިކުތް ފިލްމެކެވެ. މި ފިލްމްގެ މުހިއްމު ތަރިންނަކީ އެންތަނީ ހޮޕްކިންސް އަދި ޖޯޑީ ފޯސްޓާއެވެ.
މި ފިލްމްގައި މިނިމަސް ކެއުމަށް ޝައުގުވެރިވާ ސައިކިއެޓްރިސްޓެއް -- ޑރ ހެނިބަލް ލެކްޓާ، ޖަލުގައި ހުރެގެން އަމިއްލަ އެދުމުގައި އެފްބީއައިގެ އަލަށް ޓްރޭނިން ހަދާ ކްލެރީސް ސްޓާލިން އަށް އެހެން ސީރިއަލް ކިލާއެއް ހޯދުމަށް އެހީތެރިވެދެ އެވެ. މި ފިލްމަށް ވަނީ ފަސް އޮސްކާ އެވޯޑް ލިބިފަ އެވެ.
ދަ ބްރިޖް
"ދަ ބްރިޖް" އަކީ ސްވިޑަން އަދި ޑެންމާކްގެ ސީރީޒެކެވެ. މި ސީރީޒްގައި ސްވިޑަން-ޑެނިޝް ބޯޑަރުގައި ބުރިކޮށްފައި އޮތް ދެ ގައުމުގެ ދެ އަންހެނުންގެ ހަށިގަނޑު ފެނުމުން، ޖޮއިންޓް އިންވެސްޓިގޭޝަން ކުރިއަށް ގެންދެ އެވެ. 2011 އިން 2018 އަށް ކުރިއަށް ދިޔަ މި ސީރީޒްގައި ކޮންމެ ސީޒަނެއްގައި އައު ކޭސްއެއް ތަހުގީގުކުރެ އެވެ.
ސައިކޯ
1960 ގައި ނިކުތް "ސައިކޯ" އަކީ "މާސްޓާ އޮފް ސަސްޕެންސް"ގެ ލަގަބު ލިބިފައިވާ އަލްފްރެޑް ހިޗްކޮކްގެ ފިލްމެކެވެ.
އެންތަނީ ޕާކިންސް، ޖެނެޓް ލީ އަދި ވީރާ މައިލްސް ފަދަ ތަރިން ހިމެނޭ މި ފިލްމްގައި ސަމާލުކަން ދީފައިވަނީ މަކަރާއި ހީލަތުން ފައިސާ އަތުލައިގެން ފިލި މާރިއޮން ކްރޭން، ދުރު ހިސާބެއްގައި ހުރި ބޭޓްސް މޮޓެލް އަށް ޗެކިން ކޮށް، އެ މޮޓެލްގެ ވެރިޔާގެ ނޯމަން ބޭޓްސް އާ ދިމާވެ، ކުރިއަށްދާ ކަންތައްތަކަށެވެ. މި ފިލްމުގެ މިއުޒިކާއި ފެންވަރަން ހުންނަ ސީންއަކީ ސީދާ އަނިޔާވެރިކަން ނުދައްކާ، އެފަދަ އިހްސާސެއް އުފައްދާ ސީންއެއްގެ ގޮތުގައި މަޝްހޫރު ސީންއެކެވެ.