ހޮލީވުޑްގެ ތަޖުރިބާކާރު އަދި ހުނަރުވެރި އެކްޓަރެއް ކަމުގައިވާ ޖޮނީ ޑެޕްއާއި އޭނާގެ ކުރީގެ އަންހެނުންގެ ހަ ހަފްތާއަށް ދިގުދެމިގެން ދިޔަ މަޝްހޫރު ކޯޓްކޭސްއަށް ފިލްމެއް ހަދަނީ އެވެ.
ސޭރާ ލޯމޭން ޑައިރެކްޓް ކުރާ މި ފިލްމްގެ ނަމަކީ "ހޮޓް ޓޭކް: ދަ ޑެޕް/ހާޑް ޓްރަޔަލް" އެވެ.
މި ފިލްމްގައި ޖޮނީ ޑެޕްގެ ރޯލް އަދާކުރާނީ މާކް ހެޕްކާ އަދި އެމްބާ ހާޑްގެ ރޯލް އަދާކުރާނީ މޭގަން ޑޭވިސްއެވެ.
ޖޮނީ ޑެޕްގެ ވަކީލް ކެމިލް ވަސްކޭޒްގެ ރޯލް މެލިސާ މާޓީ އަދާކުރުމަށް ހަމަޖެހިފައިވާއިރު، އެމްބާ ހާޑްގެ ވަކީލް އިލޭން ބްރޭޑްހޯފްޓްގެ ރޯލް އަދާކުރާނީ މޭރީ ކެރިގް އެވެ.
މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ވަރަށް އަވަހަށް ޓިއުބީގަ އެވެ. ބައެއް މީހުން ދެކޭ ގޮތުގައި މި ކޯޓްކޭސްގެ މައްސަލަ ނިމުނުތާ މާގިނަ ދުވަހެއް ނުވަނީސް އަވަސް އަރުވާލައިގެން ފިލްމެއް ހެދުމުން، މައްސަލައިގެ ފުންމިނަށް ނުވަދެ، ތިލަތިލަ ފިލްމެއް ގެނެސްދެވިދާނެވެ.
ކޯޓް ކޭސް ފެށުނީ ކިހިނެތް؟
ޖޮނީ ޑެޕްއާއި އެމްބާ ހާޑްގެ މި ކޯޓްކޭސް އިން ވަނީ އެތައް ސުވާލެއް އުފައްދައި، ދެފަރާތްވެސް ބޭޒާރުވެފަ އެވެ.
މައްސަލައިގެ ފެށުމަށް ބަލާއިރު، ޖޮނީ ޑެޕްއާއި އެމްބާ ހާޑް 2011 ގައި "ރަމް ޑަޔަރީ" ފިލްމް ކުޅުމުގެ ތެރެއިން ލޯބީގެ ގޮތުން ގުޅި، 2015 ގައި ކައިވެނި ކުރިއެވެ. 2017 ގައި ވަރިވުމަށްފަހު، 2018 ގައި އެމްބާ ވަނީ ވޮޝިންގްޓަން ޕޯސްޓްގައި އޯޕަން-އެޑް އެއް ގެވެށި އަނިޔާގައި އޭނާގެ ތަޖުރިބާއާ ބެހޭގޮތުން ލިޔެފަ އެވެ. އޭގައި ސީދާ ޖޮނީގެ ނަން ނުގަނެ އެކަމަކު އެއީ ޖޮނީކަން މާނަ ނެގޭ ގޮތަކަށް ގެވެށި އަނިޔާކުރާކަމަށް ތުހުމަތުތަކެއް ކޮށްފައިވެ އެވެ.
މިކަމާ ގުޅިގެން ޖޮނީ ވަނީ އެމްބާ އަށް އަބުރުގެ ދައުވާ ކޮށްފަ އެވެ. އެމްބާ ވަނީ ރައްދުގައި ޖޮނީ އަށް ދައުވާކޮށްފަ އެވެ. މީގެ ކުރިން އިނގިރޭސި ވިލާތުގެ ނޫހަކުން ޖޮނީ އަކީ އަނބިމީހާ ގައިގައި ތަޅާ "ވައިފް ބީޓާ" އެކޭ ބުނުމުން ޖޮނީ ވަނީ އެ ނޫހާ ދެކޮޅަށް ވެސް ދައުވާކޮށްފަ އެވެ. އެކަމަކު ޖޮނީއަށް އެ މައްސަލަ ކާމިޔާބެއް ނުކުރެވުނެވެ.
މައްސަލަ ކުރިއަށް ދިޔައިރު، ޖޮނީގެވެސް މައްސަލަތަކެއް ހުރި ނަމަވެސް ޖޮނީގެ ވަކީލުގެ ހުޝިޔާރުކަމުން ގިނަ ކަންތައްތަކަށް އެމްބާ ދޮގު ހަދާކަން އެންމެންގެ ތެރޭގައި ސާބިތުވަމުން ދިޔަ އެވެ. ކޯޓްގައި އެމްބާ ކުޅުނު ޑްރާމާއަށް ސޯޝަލް މީޑިއާގައި ވަރަށް ގިނަ މަލާމަތްކޮށް، މީހުން މީމްސް ހަދައި، ފުރައްސާރަ ކުރި އެވެ. އަދި މި ކޭސް ކާމިޔާބުކޮށްފައިވަނީ ޖޮނީ އެވެ.
ޖޮނީގެ ކުރީގެ ވަކީލު ދެއްކި ވާހަކައަކާ ގުޅިގެން އެމްބާ ކުރި ދައުވާ އޭނާ ކާމިޔާބުކޮށް ޖޮނީ، އެމްބާ އަށް ދެ މިލިއަން ދޭންޖެހޭ ހިނދު، އޭނާ ޖޮނީއަށް އަށް މިލިއަން ދޭންޖެހެ އެވެ.