ހޮލީވުޑް

ވިޓްނީ ހިއުސްޓަންގެ ހަޔާތަށް ފިލްމެއް ނެރެނީ

ވިޓްނީ ހިއުސްޓަންގެ ހަޔާތައް "އައި ވޮނަ ޑާންސް ވިތް ސަމްބޮޑީ"ގެ ނަމުގައި ފިލްމެއް އަންނަ ޑިސެމްބަރު މަހު ނެރޭނީއެވެ.

ކާސީ ލެމަންސް ޑައިރެކްޓް ކުރާ މި ފިލްމްގައި ވިޓްނީ ހިއުސްޓަންގެ ރިކޯޑް ޕްރޮޑިއުސަރުގެ އެހީތެރިކަން ހިމެނެ އެވެ.

މި ފިލްމްގެ ސްކްރިޕްޓް ލިޔެފައިވަނީ "ބޮހީމިއަން ރެޕްސޮޑީ"ގެ ލިޔުންތެރިޔާ އެންތަނީ މެކްކާޓަން އެވެ. މި ފިލްމުން އޭނާގެ ހަޔާތުގައި ކާމިޔާބުތަކާއި ކަޑައްތުކުރަން ޖެހުނު ހިތްދަތި ކަންތައްތައް ދައްކުވައިދޭނެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ނެރުނު މި ފިލްމްގެ ޓްރޭލާއިން ފެންނަ ގޮތުގައި ވިޓްނީގެ ރޯލްއަދާކުރަނީ ނެއޯމީ އެކީ އެވެ. މީގެ އިތުރުން ސްޓޭންލީ ޓޫޗީ އާއި އޭޝްޓަން ސޭންޑާސް އަދި ޓަމާރާ ޓިއުނީވެސް މި ފިލްމުން ފެނިގެންދާނެއެވެ.

ވިޓްނީ ހިއުސްޓަންއަކީ 1980 އިން ފެށިގެން 2012 ގައި މަރުވުމާ ހަމައަށް ކާމިޔާބު އެތައް ލަވައެއް ކިޔާ، ފިލްމް ކުޅެ އަދި ފިލްމް ޕްރޮޑިއުސްކޮށްފައިވާ ފަރާތެކެވެ.

ވިޓްނީގެ ލަވަތަކުންގެ ތެރެއިން "ސޭވިން އޯލް މައި ލަވް ފޯ ޔޫ"، "ވެޔާ ޑޫ ބްރޯކަން ހާޓްސް ގޯ"، "އައި ވޮނާ ޑާންސް ވިތް ސަމްބާޑީ"، "އައި ވިލް އޯލްވޭޒް ލަވް ޔޫ" ފަދަ ލަވަ ކިޔާ، އެތައް އެވޯޑެއް ހޯދާފައިވެ އެވެ.

ވިޓްނީގެ ޕްރޮފެޝަނަލް ކެރިއާ ކިތަންމެ ކާމިޔާބު ނަމަވެސް، އޭނާ އަކީ އަމިއްލަ ދިރިއުޅުމުގައި ނާކާމިޔާބުވި ތަރިއެކެވެ.

ވިޓްނީ އާއި ލަވަކިއުންތެރިޔާ ބޮބީ ބްރައުންގެ ކައިވެންޏަކީ ގިނަ ހަމަނުޖެހުންތަކެއް ހިނގި ކައިވެންޏެކެވެ. ވިޓްނީ ވަނީ 2012 ގައި ބާތްޓަބްގައި އެކްސިޑެންޓަކުން މަސްތުގެ ހާލުގައި މަރުވެފަ އެވެ.