ހަބަރު

އެއާ ޗައިނާގެ ދަތުރުތައް ރާއްޖެއަށް ފަށަނީ

ޗައިނާގެ އެންމެ ބޮޑު އެއް އެއާލައިން ކަމަށްވާ "އެއާ ޗައިނާ" ގެ ދަތުރުތައް ރާއްޖެ އަށް ފަށަން ނިންމައިފި އެވެ.

ޗައިނާގެ ޒިންހުއާ ނޫސް އެޖެންސީން ބުނެފައިވާ ގޮތުގައި އެގައުމުގެ އެންމެ ބޮޑު އެއް އެއާލައިން ކަމަށްވާ އެއާ ޗައިނާގެ ދަތުރުތައް ރާއްޖެއަށް ވަރަށް އަވަހަށް ފަށާނެ ކަމަށާއި އެއާ ޗައިނާ އިން ދަތުރުތަށް ކުރާނީ އެގައުމުގެ ހުޅަނގު ދެކުނުގައި އޮންނަ އަވަށެއް ކަމަށްވާ ޗޮންޖިން އާ ރާއްޖެއާ ދެމެދު ކަމަށެވެ.

އެއާ ޗައިނާގެ ދަތުރުތައް ރާއްޖެއަށް ފަށާނެ ވަކި ތާރީހެއް ބުނެފައެއް ނުވެއެވެ.

އެއާ ޗައިނާގެ ސީދާ ދަތުރުތަށް ރާއްޖެއަށް ފަށާ އިރު މިހާރުވެސް އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން އަންނަނީ ޗައިނާ އިންނެވެ. އެގޮތުން ގާތްގަނޑަކަށް 323,000 ޗައިނާ ޓޫރިސްޓުން މިދިޔަ އަހަރު ފުރަތަމަ 10 މަސް ތެރޭގައި ވެސް ރާއްޖެ ޒިޔާރަތް ކުރި އެވެ.

ޒިންހުއާއިން ބުނެފައި ވަނީ އަންނަ މަހު އެކަކުން ފެށިގެން ރާއްޖޭގެ އެއާލައިންއެއް ކަމަށްވާ މެގާ މޯލްޑިވްސް އެއާލައިންސް އިން ޗައިނާގެ ޗިންޒޯއަށް ދަތުރުތައް ފަށާނެ ކަމަށެވެ. މެގަ މޯލްޑިވްސް އިން މިހާރު ވެސް ޗައިނާގެ ބެއިޖިން، ޝެންހާއި އަދި މަކައު އަށް ދަތުރުތައް ކުރެއެވެ.