ލޭޑީ ގާގާގެ ވޯލްޑް ޓުއާގެ ފަހު ޝޯ މަޔާމީގައި ކުރިއަށް ގެންދަނިކޮށް މޫސުމް ގޯސްވެގެން މެދުކަނޑާލަން ޖެހިއްޖެ އެވެ.
މަޔާމީގައި ހޮނިހިރު ދުވަހު ބޭއްވި މި ކޮންސެޓް ތޫފާނާ ގުޅިގެން އެންމެންގެ ސަލާމަތަށްޓަކާ މެދުކަނޑާލުމަށްފަހު، ލޭޑީ ގާގާ ވަނީ އިންސްތަގްރާމްގައި ފޭނުންނަށް މައާފަށް އެދި، ޖަޒްބާތީ އަދި އަސަރުގަދަ ވީޑިއޯ މެސެޖެއް ޕޯސްޓުކޮށްފަ އެވެ.
\
"ކްރޮމެޓިކާ ބޯލްއަށް އައި އެންމެނަށް ޝުކުރިއްޔާ. މިރޭގެ ޝޯ ނިންމުމަށް ވަރަށް މަސައްކަތްކުރިން، އެކަމަކު ވާރޭ ހުއްޓި ނަމަވެސް އަހަރުމެންނާ ވަރަށް ގާތުގައި ބިންމައްޗަށް ވިދާތީ ހުއްޓާލީ. އަހަރެން ޒަމާން ވަންދެން ވަރަށް ބިޒީ މީހަކަށް ވީނަމަވެސް، އަހަރެން ބޭނުން ޒިންމާދާރު، ލޯބިވާ މީހަކަށް ވާންވެސް. އޯޑިއަންސްގެ މީހަކަށް، އަހަރެންގެ ކްރޫ، ބޭންޑް އަދި ޑާންސަރަކަށް ކަމެއް ވީނަމަ އަހަރެންނަކަށް ނޭނގޭ ކިހިނެތް ކަމެއް ހަދާނީ،" ލޭޑީ ގާގާ ވީޑިއޯގައި ބުންޏެވެ.
ލޭޑީ ގާގާ އިތުރަށް ބުނި ގޮތުގައި އޭނާ މިހާރު ސިއްހީގޮތުން ރަނގަޅު ހާލަތެއްގައި ހުރި ކަމަށާއި އަލުން ޕާފޯމްކުރުމަށް ކުރިމަތިވި ގޮންޖެހުންތަކާއެކު، އޭނާއަށް ފެނުނީ އެންމެންގެ ރައްކަލަށްޓަކައި ޝޯ މެނދުކަނޑާލުން ކަމަށެވެ. އަދި ވޯލްޑް ޓުއާގެ އެންމެ ފަހުގެ ޝޯ ނިމުމުން ލޭޑީ ގާގާ ހިތްހަމަޖެހި، ފުދިފައިވާ ކަމަށާއި މި ވަގުތުކޮޅު އޭނާ އަބަދުވެސް އަގުވަޒަންކުރާނެ ކަމަށް ލޭޑީ ގާގާ ބުންޏެވެ.
"އަ ސްޓާ އިސް ބޯން" އަދި "ހައުސް އޮފް ގުޗީ" ފަދަ ފިލްމްތަކުގެ ތަރި އަދި ލަވަކިއުންތެރިޔާ ލޭޑީ ގާގާ ވަނީ ކުރިއަށް އޮތް "ޖޯކާ" ފިލްމުގެ ދެވަނަ ބައި "ޖޯކާ: ފޮލީ އަ ޑޫ" ގައި ހާލީ ކުއިންގެ ރޯލް އަދާކުރުމަށް ހަމަޖެހިފަ އެވެ.