ފިނިޕޭޖް

ޝޫޓިންގައި އުޅެނިކޮށް ކޭޓް ވިންސްލެޓަށް އަނިޔާވެއްޖެ

ކޭޓް ވިންސްލެޓް ކްރޮއޭޝިއާގައި ފިލްމް "ލީ"ގެ ޝޫޓިން ކުރިއަށް ގެންދަނިކޮށް ވެއްޓި، ހޮސްޕިޓަލުން ފަރުވާ ދީފި އެވެ.

ކޭޓްގެ ޓީމުން ބުނީ ޝޫޓިންގައި ކޭޓް ކައްސާލައިގެން ވެއްޓުމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި ކޭޓްގެ ހާލު ރަނގަޅު ކަމަށެވެ. އަދި ރޭވިފައިވާގޮތަށް މި ހަފްތާގައި ޝޫޓިން ފަށާނެ ކަމަށެވެ.

މި ފިލްމްގައި ކޭޓް ވިންސްލެޓް އަދާކުރަނީ ފޮޓޯގްރާފާ ލީ މިލާގެ ރޯލެވެ.

ލީ މިލާއަކީ ދެވަނަ ބޮޑު ހަނގުރާމައިގައި ވޯގް މެގަޒިންނަށް ހަނގުރާމައިގެ ކަވަރޭޖް ގެނެސްދިން ފޮޓޯގްރާފާއެކެވެ.

ލީ މިލާގެ ހަޔާތުގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުގައި ޖޫޑް ލޯ، މާރިއަން ކޮޓިއާޑް، އެންޑްރިއާ ރައިޒްބަރާ އަދި ޖޯޝް އޯ، ކޮނޯ ހިމެނެ އެވެ.

އޮސްކޯ އެވޯޑާއި އެހެނިހެން ބައެއް އެވޯޑްތައް ވެސް ލިބިފައިވާ ކޭޓް ވިންސްލެޓް އެންމެ ފަހުން ފެނިގެންދިޔައީ "މެއާ އޮފް އީސްޓްޓައުން" ޝޯއިންނެވެ. އޭގައި ކޭޓް ކުޅުނު ރޯލުން އޭނާއަށް ވަނީ އެމީ އެވޯޑެއް ލިބިފަ އެވެ. ދެން ކޭޓް ފެނިގެންދާނީ ޖޭމްސް ކެމަރަންގެ ކުރިއަށް އޮތް "އެވެޓާ: ދަ ވޭ އޮފް ވޯޓާ" އިންނެވެ.