ފިނިޕޭޖް

އަންހެނުންނަށް ބޭވަފާތެރިއެއް ނުވަން: އެޑަމް

މެރޫން 5ގެ ލީޑް ސިންގާ އަދި ވޮއިސްގެ ޖަޖް އެޑަމް ލެވީން، އޭނާގެ އަންހެނުން ބެހާޓީ ޕްރިންސްލޫއަށް ބޭވަފާތެރި ނުވާ ކަމަށް ބުނެފި އެވެ.

ސަމަ ސްޓްރޯ ކިޔާ އިންސްތަގްރާމް މޮޑެލްއެއް އާންމު ކުރި ޓިކްޓޮކް ވީޑިއޯއެއްގައި ބުނެފައިވަނީ އެޑަމް ލެވީންއާ އެކު އަހަރެއްހާ ދުވަހު ލޯބީގެ ނާޖައިޒް ގުޅުމެއް ބޭއްވި ކަމަށެވެ.

އޭނާ ޓިކްޓޮކް މެދުވެރިކޮށް މިކަން ހާމަކުރީ އޭނާގެ "ރައްޓެއްސެއް" އެޑަމް އާއި އޭނާއާ ދެމެދު ކޮށްފައިވާ ޓެކްސްޓް މެސެޖްތައް ނޫހަކަށް ވިއްކަން އުޅުނީމާ ކަމުގައި ބުނަފަ އެވެ.

ސަމަ ބުނީ އެޑަމްގެ ލިބެންއުޅޭ ދަރިފުޅަށް ނަންކިއުމާ މެދުވެސް އެޑަމް މެސެޖު ކޮށްފައިވާ ކަމަށެވެ.
އެޑަމްގެ އަންހެނުން ބެހާޓީ މިވަގުތު އިނީ ތިންވަނަ ދަރިއަކަށް ބަލިވެ އެވެ.

ސަމަގެ ވީޑީއޯގައި އެޑަމްއަށް ވަރަށް އެއްޗެތި ކިޔާފައިވެ އެވެ. އޭނާ ލޮސް އެންޖަލަސް އަށް އަލަށް ބަދަލުވުމާ ގުޅިގެން އަދި އޭނާ ޅަކަމުން ބައެއް ކަންތައްތައް ނޭގޭތީ އެޑަމް އޭނާގެ ފައިދާ ނަގާފައިވާ ކަމަށްވެސް ތުހުމަތުކޮށްފައިވެ އެވެ. އޭނާ ހީކުރީ އެޑަމްގެ ކައިވެނި ރޫޅިފައިވާ ކަމަށް ކަމުގައިވެސް ސަމަ ބުންޏެވެ.

މި ވީޑިއޯ ވައިރަލްވީ ނަމަވެސް އޭގެ ކޮމެންޓްތައް ހުރީ ސަމަ އަށް ހުސް ނެގެޓިވް ކޮށެވެ.

"ޕަބްލިސިޓީ ހޯދަން"، "ފޮލޮވާސް ގިނަ ކުރަން"، "މަޝްހޫރުވާން"، "ޅަ ކަމުން ނޭގިއެއް ނޫން، އެންމެނަށްވެސް އެނގޭ އެ ދެމީހުން ވަރިނުވާކަން"، "ބެހާޓީއަށް ވަކިން ގުޅާފައި މާފަށް އެދި މިކަން ހާމަނުކުރީ ކީއްވެ؟" މިފަދަ ތުހުތުމަތުތަކޮށް ބެހާޓީއާއި ދަރިންނާ މެދު ހަމްދަރްދީ ވާކަމަށް ބުނެ އެ ވީޑިއޯއަށް އެކި މީހުން ކޮމެންޓްކޮށްފައިވެ އެވެ.

އެޑަމް ރައްދުގައި ބުނެފައިވަނީ އޭނާއޭ ކިޔައިގެން ވަރަށް ގިނަ ވާހަކަތައް ދައުރުވަމުންދާ ކަމަށާއި އޭނާ އެކަން ސާފުކުރަން ބޭނުންވާ ކަމަށެވެ.

"އަހަރެންގެ އަންހެނުން ފިޔަވައި އެހެން މީހަކާ ފްލާޓްކުރާ ފާޑަށް ވާހަކަދެއްކުމަކީ އަހަރެންނަށް ހެނދުނު ގޯހެއް. އަހަރެން ލޯބީގެ ނާޒައިޒް ގުޅުމެއް ނުބާއްވަން. ނަމަވެސް އަހަރެން ކުރަން ނުވާނެކަމެއް ހަޔާތުގެ ވަކި ހިސާބެއްގައި ކުރެވުނު. ބައެއް ފަހަރު ލިމިޓުން ކައްސާލައިގެން ދިޔަ. އަހަރެން އެކަމާ ކުރިމަތިލައި، އާއިލާއާއެކު މިކަން ހައްލުކުރަނީ،" އެޑަމް ބުންޏެވެ.

އަދި އެޑަމްއަށް އެންމެ މުހިއްމީ އޭނާގެ އާއިލާ ކަމަށާއި އޭނާއަށް ހެދުނު ގޯހަކުން އެކަން ގެއްލިގެންދާނެ ފުރުސަތު އޮންނަ އެއްވެސް ކަމެއް ދެން ނުކުރާނެ ކަމަށް އެޑަމް ބުންޏެވެ. ދިމާވެގެން އުޅޭ ކަންކަމުގެ ފުރިހަމަ ޒިންމާ ނަގާ ކަމަށާއި އާއިލާއާ އެކު މުޅި އުމުރަށް ހުންނަން ބޭނުންވާ ކަމަށްވެސް އެޑަމް ބުންޏެވެ.

އެޑަމްގެ ސޯޝަލް މީޑިއާގައިވެސް ފޭނުން ވަނީ މިކަމާ ނުރުހުން ފާޅުކޮށް، ބެހާޓީއާ މެދު ހަމްދަރްދީވާ ކަމަށް ބުނެފަ އެވެ. އެޑަމް އާއި ބެހާޓީ ކައިވެނިކޮށްގެން އުޅޭތާ އަށް އަހަރުވެއްޖެ އެވެ.