ފިނިޕޭޖް

"ދި އައިޑިއާ އޮފް ޔޫ"ގައި އޭން ހެތަވޭއާ އެކު ނިކޮލަސް ގަލިޓްޒިން

ވެލް އެންޓަޓެއިންމަންޓާއި އެމެޒޯން ޕްރައިމް ވީޑިއޯގެ ފިލްމް "ދި އައިޑިއާ އޮފް ޔޫ"ގައި އޭން ހެތަވޭ އާއި ނިކޮލަސް ގަލިޓްޒިން ލީޑް ރޯލް ކުޅޭގޮތަށް ހަމަޖެހިއްޖެ އެވެ.

މައިކަލް ޝޮވެލްޓާ ޑައިރެކްޓްކުރާ "ދި އައިޑިއާ އޮފް ޔޫ" އަކީ ރޮބިން މިލާގެ ބެސްޓްސެލިން ވާހަކައަށް ބިނާކޮށްފައިވާ ލޯބީގެ ފިލްމެކެވެ.

މި ފިލްމްގައި އޭން ކުޅެނީ 40 އަހަރުގެ ސޯފީ ނަމަކަށް ކިޔާ ވަރިކޮށްފައިވާ މަންމައެއްގެ ރޯލެވެ. ސޯފީގެ ފިރިމީހާ ޑޭން ވަނީ ސޯފީއަށް ވުރެއް އުމުރުން ހަގު އަންހެނަކަށްޓަކައި ސޯފީ ދޫކޮށްލާފަ އެވެ. ޑޭން އާއި ސޯފީގެ 15 އަހަރުގެ އަންހެން ދަރިފުޅާއެކު ކޯޗެލާއަށް ރާވާފައިވާ ދަތުރެއް ކެންސަލްކުރުމުން، ޑޭންގެ ބަދަލުގައި ސޯފީ ދަރިފުޅު ގޮވައިގެން ކޯޗެއްލާއަށް ދެއެވެ. އެތަނުން އޮގަސްޓް މޫން ކިޔާ ބޯއިބޭންޑެއްގެ ލީޑް ސިންގާ، 24 އަހަރުގެ ހޭޒް (ނިކޮލަސް)އާ ދިމާވެ އެވެ.

މި ފިލްމްގެ ޕްރޮޑަކްޝަން އޮކްޓޯބަރު މަހު ފަށާނެ އެވެ.

އޮސްކާ އާއި އެހެނިހެން އެވޯޑް ލިބިފައިވާ އޭން ހެތަވޭ އަކީ ތަފާތު ރޯލްކުޅޭ ހުނަރުވެރި އެކްޓްރެސް އެކެވެ.

އޭންގެ ފާހަގަކޮށްލެވޭ ފިލްމްތަކުގެ ތެރޭގައި "ދަ ޕްރިންސަސް ޑައަރީޒް"ގެ ދެ ފިލްމް، "ލޭ މިސަރާބް"، "ގެޓް ސްމާޓް"، "ލަވް އެންޑް އަދާ ޑްރަގްސް"، "އެލާ އެންޗާންޓަޑް"، "ނިކޮލަސް ނިކްލްބީ"، "ރޭޗަލް ގެޓިން މެރިޑް"، "ދަ ޑާކް ނައިޓް ރައިޒަސް"، "ރިއޯ" އަދި "ރިއޯ 2"، "އެލިސް އިން ވޮންޑާލޭންޑް"ގެ ދެ ފިލްމް، "ދި އިންޓާން"، "ދަ ބްރައިޓް ވޯޒް" ފަދަ ފިލްމް ހިމެނެ އެވެ.

ނިކޮލަސް ގަލިޓްޒިންއަށް ބަލާއިރު އޭނާ ވަނީ "ޕާޕަލް ހާޓްސް"، "ސިންދަރެއްލާ"، "ދަ ކްރާފްޓް: ލެގަސީ"، "ޗެމްބާސް" ފަދަ ފިލްމް ކުޅެފަ އެވެ.