ޓޫރިޒަމް

ފަތުރުވެރިކަމުގައި ބައި ގަރުނު

Sep 22, 2022

ލިޔުނީ: އިބްރާހިމް ޒާދީ

ފަތުރުވެރި ކަމަކީ ރާއްޖޭގެ އެންމެ ބޮޑު އިގްތިސާދީ ސިނާއަތެވެ. ރާއްޖެއަށް ބޭނުންވާ ބޭރުފައިސާ ލިބުމުގައި އެންމެ އިސް ދައުރެއް އަދާ ކުރާ މިދާއިރާއަކީ، ގައުމީ އުފެއްދުން ތެރިކަމުގެ 75 އިންސައްތަ ސިދާ ގޮތުންނާއި ނުސީދާކޮށް، ހިއްސާ ކުރާ ދާއިރާވެސްމެއެވެ.

ފަތުރުވެރިކަން ފެށުނުއިރު އާބާދީގައި އެންމެ 90،000 ހިމެނޭ ދިވެހިރާއްޖޭގައި އިގްތިސާދީ ތަރައްގީއަށް ކުރެވިދާނެ ކަންތައް ބަލައި ދިރާސާ ކުރުމަށް ޔުނައިޓެޑް ނޭޝަންސް (އދ)ގެ ފެކްޓް ފައިންޑިން މިޝަނެއް 1960 ވަނަ އަހަރުގެ ފަހު ކޮޅު ރާއްޖެ އައެވެ. ތަޖުރިބާކާރުންގެ މިޓީމްގެ ދިރާސާއަށްފަހު އދ އަށް ހުށަހެޅި ރިޕޯޓްގައި ފާހަގަކޮށްފައިވަނީ ޓޫރިޒަމަކީ ރާއްޖޭގައި ކުރެވެން ނެތް ކަމެއްގެ ގޮތުގައެވެ.

އެހެންނަމަވެސް އޭގެ ބާރަ އަހަރު ފަހުން، އިޓަލީގެ ޓްއާ އޮޕަރޭޓަރަކާ އެކު ތިން ދިވެހިން އިސްވެތިބެ 60 އެނދުގެ ފުރަތަމަ ރިޒޯޓް "ކުރުނބާ މޯލްޑިވްސް" 1972 ހުޅުވުން ވެގެން ދިޔައީ ދިވެހި ފަތުރުވެރިކަމުގެ ބިންގަލަށެވެ. އެއަހަރު 1،000 ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްވެސް ކުރި އެވެ.

އެދުވަސްވަރު ފަތުރުވެރިން ރާއްޖެ ގެންނަމުން އައީ ޕެކޭޖް ހަދައިގެން ޝްރީލަންކާއާ އެކު ހިއްސާ ކުރާ ސަގާފީ ޓޫރިޒަމެއްގެ ގޮތުގަ އެވެ.

މާލަސްތަކެއް ނުވެ މާލެ އަތޮޅުގައި އިތުރު ރިޒޯޓްތައް ތަރައްގީކޮށް، އެނދުގެ އަދަދު އިތުރުކުރި އެވެ. ރާއްޖެގެ ކަނޑުއަޑީގެ ރީތި މަންޒަރު ތަކާއެކު، ރާއްޖޭގެ މޫސުމާއި، ސާފު ނޫވިލު ތަކާއި އަދި ހުދު ދޮންވެލީގެ އަމާން ގޮޑުދޮށްތައް ވެގެންދިޔައީ ހުޅަނގުގެ ފަތުރުވެރިންގެ ހިތްތައް ފަތަހަކޮށްލި މަންޒިލެއްގެ ގޮތުގައި ރާއްޖެ މަޝްހޫރުވެގެން ދިޔަ ސަބަބު ކަމަށެވެ.

އަހަރެއްގެ މައްޗަށް މިލިއަނަކަށް ވުރެން ގިނަ ފަތުރުވެރިން މިހާރު ރާއްޖެއަށް ޒިޔާރަތް ކުރެ އެވެ. 2019 ވަނަ އަހަރު 1،702،887 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވެ އެވެ. އެއީ ރާއްޖޭގެ މުޅި އާބާދީގެ 4.49 ގުނަ އިތުރު އަދަދަކެވެ.

ހަތަރު ދާއިރާއަކުން 57،784 ޓޫރިސްޓް އެނދު މިއަދު ރާއްޖޭގައި އެބަހުއްޓެވެ. އެއީ 187 ރިޒޯޓްގައި 40،264 އެނދު، 13 ސިޓީ ހޮޓަލުގައި 1620 އެނދު، 805 ގެސްޓްހައުސް ގައި 13،488 އެނދު އަދި 146 ސަފާރީ އުޅަނދުގައި 2،412 އެނދެވެ.

ރަންޔޫބީލް

ރާއްޖޭގެ ފަތުރުވެރި ކަމަށް މިއީ 50 ވަނަ އަހަރެވެ. ފަތުރުވެރިކަމުގެ ރަންޔޫބީލް މިއަހަރު ފާހަގަކުރާއިރު ދިވެހިރާއްޖެ ވަނީ ފަތުރުވެރިކަމުގެ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ހޯދާފަ އެވެ. ބައިނަލްއަގްވާމީ އެތައް ވަނަ ތަކަކާއި، ޝަރަފުގެ އެތައް މެޑެލެކެވެ. ދުނިޔޭގެ މަޝްހޫރު ބްރޭންޑް ތަކުގެ ރިޒޯޓް ތަކާއެކު ރާއްޖެ ފާހަގަކުރެވެނީ ދުނިޔެމަތީގެ ސުވަރުގޭގެ ގޮތުގަ އެވެ. މުއްސަނދީންގެ އަރާމްހާނާގެ ގޮތުގަ އެވެ.

އެހެންނަމަވެސް ޓޫރިޒަމްގެ ސީދާ މަންފާ ރާއްޖޭގެ އެކި ސަރަހައްދުތަކަށާއި ޖުމްލަ ދިވެހި ރައްޔިތުންނަށް ނުކުރާކަމުގެ ޝަކުވާ އަދިވެސް އެބައޮތެވެ. ހާއްސަކޮށް ރާއްޖޭގެ އެންމެ އުތުރާއި އެންމެ ދެކުނުގައި ޓޫރިޒަމްގެ ހަރަކާތް އާލާވާ ތަނެއް އަދިވެސް ނުފެނެ އެވެ. ރާއްޖޭގެ ޓޫރިޒަމްގެ އުމުރުން ބައި ގަރުނުވެ ސިނާއަތުގައި ބައިލައްކައަށް ވުރެ ގިނަ ވަޒީފާ އުފެދިއްޖެ އެވެ. އެކަމަކު ރާއްޖޭގެ 379،220 މީހުންގެ އާބާދީގެ ތެރެއިން 5.20 އިންސައްތައަކީ އަދާކުރާނެ ވަޒީފާއެއް ނުލިބި ތިބި މީހުންނެވެ. ފަތުރުވެރިކަމުގެ ދާއިރާގައި 25،000 އަށް ވުރެ ގިނަ ބިދޭސީން މަސައްކަތް ކުރާ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ހިސާބުތަކުން ދައްކަ އެވެ.

ފަތުރު ވެރިކަމުގެ ކުރީކޮޅު

ޓޫރިޒަމްގެ ވިޔަފާރި ކުރިން އޮތީ ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްފަ އެވެ. ދެމެެހެއްޓެނިވި ފަތުރުވެރިކަމެއް ތަރައްގީކުރުމުގެ ސިޔާސަތުގެ ދަށުން، ކުރިމަގު ތަރުތީބު ކުރެވިފައި އޮތީ، އަހަރަކު 200 އެނދަށް ވުރެ އިތުރު ނުވާނޭހެން ކުރިއަށް ގެންދާ ގޮތަށެވެ. އެއީވެސް މާލެ ސަރަހައްދާއި ދުރަށް ނުފެތުރޭ ގޮތަށެވެ.

ސިނާއަތް ވިލަރެސްކޮށް، ކުރިއަށް ގެންދިއުމުގެ މަގުޗާޓް ކުރެހުމުގެ އިސް މޭސްތިރިންނަކީ، ފަތުރުވެރިކަން ރާއްޖެއަށް ތައާރަފްކޮށް އަދި އެވިޔާފާރީގެ އެންމެ ކުރީސަފުގައި ދެމިތިބި ފަރާތްތަކެވެ. ޓޫރިޒަމާއި ގުޅިގެން އެންމެ ފިޔަވަޅެއްވެސް ކުރިއަށް އެޅެންއޮތީ އެވެރިންގެ ރުހުން ލިބުނު މިންވަރަކަށެވެ.

ސިނާއަތް ތަރައްގީކުރުން

ގައުމަށް ލިބެން އޮތް ކުރިއެރުމާއި އިތުރު މަންފާގެ މަގުފުޅާވާނޭހެން ދިވެހިރާއްޖޭގެ ޓޫޒަމާ ބެހޭ ގާނޫނު ފުރަތަމަ ފަހަރަށް ތަސްދީގް ކުރެއްވީ 1999 ވަނަ އަހަރު އެވެ.

ފަތުރުވެރިކަން ރާއްޖެއަށް ތައާރަފް ވީތާ 27 އަހަރު ފަހުން ފުރަތަމަ ފަހަރަށް ހެދި، ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ރާއްޖޭގައި ރިޒޯޓް، ސިޓީހޮޓާ، ސަފާރީ އުޅަނދު އަދި ގެސްޓްހައުސް ވިޔަފާރި ޓޫރިޒަމް މިނިސްޓްރީގެ ހުއްދައާއިއެކު، ވަކިސަރަހައްދެއް އިސްތިސްނާ ވުމެއްނެތި ކުރުމުގެ ގާނުނީ ހައްގު ކަށަވަރު ކޮށްދެ އެވެ.

އެހެންނަމަވެސް ދާދި ފަހަކާ ޖެހެންދެންވެސް އަތޮޅު ތެރޭގައި ގެސްޓް ހައުސް ވިޔަފާރި ކުރުން، ވެރިކަމުގެ ފަރާތުން އޮތީ ހިފަހައްޓާފަ އެވެ. އެކަމަކު ޓޫރިޒަމްގެ ގާނޫނު އުފަންވުމާއެކު، ދުނިޔޭގެ ކުރިއަރާފައިވާ މަޝްހޫރު ހޮޓެލް ބްރޭންޑްތަކުން ރާއްޖޭގައި އިންވެސްޓް ކުރަން ފެށި އެވެ. ރާއްޖޭގެ ޓޫރިޒަމް ކުރިއަރައި އެތައް ގުނައެއް މަތިވެ، ލަގްޒަރީ ޑެސްޓިނޭޝަނެއްގެ ސިއްކަ ޖެހުނެވެ.

މުވައްޒަފުން ބިނާކުރުން

ރިޒޯޓް ދާއިރާތަކަށް މީހުން ބިނާ ކުރުމަކީ ރާއްޖޭގައި އާންމުކޮށް ކުރާ ކަމެއް ނޫނެވެ. އެހެންކަމުން ވަޒީފާއަށް އެދޭ މީހާ އާއި ވަޒީފާ ދޭފަރާތާއި ދެމެދުވެސް ފެންވަރާއި ސެޓްފިކެޓްގެ ވާހަކައަކީ އޮންނަ އެއްޗެއް ނޫނެވެ.

ރާއްޖޭގެ ރިޒޯޓްތަކުގެ އިސް މަގާމުތަކުގައި ދިވެހިން މަދުކަންވެސއް ފާހަގަކުރެވެ އެވެ. ހާއްސަކޮށް ޖެނެރަލް މެނޭޖަރުންނާއި ހެޑް ޝެފުން ފަދަ ބޮޑެތި މުސާރަ ލިބޭ މަގާމުތަކެވެ. ފަތުރުވެރިކަމުގެ ސިނާއަތުގެ އެކި މަގާމުތަކަށް މީހުން ބިނާކުރާ ވަކިހާއްސަ މަރުކަޒެއް (ހޮޓެލްސްކޫލް) ރާއްޖޭގައި ނެތުމަކީ، މިފަދަ މަގާމުތައް ދިވެހިންނަށް ލިބުމުގައި އޮންނަ ހުރަހަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. އެފަދަ ފަންނީ މަގާމުތަކަށް މީހުން ބިނާކުރެވިފައި ނެތީމަ އެވެ. ޔޫއެންޑީޕީ އާއި، ޔޫރަޕިއަން އިކޮނޮމިކް ކޮމިއުނިޓީގެ އެހީތެރިކަމާއެކު ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސް ގައި ޓޫރިޒަމާއި ގުޅުންހުރި ކުދި ކޯސްތައް ހިންގަ އެވެ.

ދުނިޔޭގެ އެންމެ މަތީ ފަންތީގެ ހޮޓާތައް ރާއްޖޭގައި އެބަހުއްޓެވެ. އެހެންނަމަވެސް އެފެންވަރުގެ މެހުމާންދާރީ އެރުވޭނީ، ކަމުގެ އިލްމާއި ތަމްރީން ލިބިފައިވާ ބަޔަކަށް ކަން ކަށަވަރެވެ. އެންމެ މަގުބޫލު މަންޒިލްގެ އިނާމު އެތައްފަހަރަކު ހާސިލުކޮށްފައިވާ، ދިވެހިރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް ބޭނުންވާ ހިދުމަތްތެރިން ބިނާކުރާނެ ރަގަޅު ފެންވަރުގެ މަރުކަޒެއް ގާއިމުވެފައި ނެތުމަކީ މި ސިނާއަތުގެ އެންމެ ބޮޑު ބަލިފައި ކަމުގައި ގަބޫލުކުރަން ޖެހެ އެވެ.

ދާއިރާ ވިލަރެސްކޮށް ރާއްޖެއިން ދެވޭ ހިދުމަތުގެ ފެންވަރު ޔަގީން ކުރުމަކީ އަބަދު ކުރުން ބޭނުންތެރި ކަމެކެވެ. ހަމައެއާއެކު ޓޫރިޒަމްގެ އެންމެ މަތީ މަގާމުތައް ދިވެހިންނަށް ކަށަވަރު ވުމަކީވެސް އެހާމެ ބޭނުންތެރި ކަމެކެވެ.

ޑުބާއީގެ ސަރުކާރުން އެތަނުގައި "ދި އެމިރޭޓްސް އެކެޑަމީ އޮފް ހޮސްޕިޓަލިޓީ މެނޭޖްމަންޓް"ގެ ނަމުގައި މުއައްސަސާއެއް އުފެއްދީ ދާއިރާއިން ދުނިޔޭގެ އެންމެ ފެންވަރު ރަގަޅު ހިދުމަތްތަކަށް މުވައްޒަފުން ބިނާކޮށް، ޑުބާއީގައި ދެވޭ ހިދުމަތުގެ ފެންވަރު ކަށަވަރު ކުރުމާއި އެކު އެއް މިންގަޑެއްގައި ހިފެހެއްޓުމުގެ ބޭނުމުގަ އެވެ.

މިއުސޫލުން ދިވެހިރާއްޖޭގައިވެސް ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާނެ މީހުން ތަމްރީން ކުރުމަށް ހާއްސަ މުއައްސަސާއެއް ބިނާކޮށް ހިންގުމަކީ، ފަތުރުވެރިކަމުގެ ސިނާއަތް ފުރިހަމަވުމަށް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ރާއްޖޭގެ އިތުރުން ދުނިޔޭގެ ފަތުރުވެރި ކަމުގެ ދާއިރާއަށް އަމާޒުކޮށް ތަމްރީންދެވޭ ފެންވަރަށް މުއައްސަސާ ތަރައްގީކޮށް ހިންގުމަކީ، ރާއްޖޭގެ ނަމާއި ޝަރަފު އެތައް ގުނަޔަކަށް އިތުރުވެ، ދިވެހިންގެ ފަތުރުވެރިކަން، މާބޮޑަށް އިޝްތިހާރު ކުރުމަށް މަގު ފަހިވާނެ ވަސީލަތަކަށް ވެގެންދާނެ އެވެ.