ފިނިޕޭޖް

ބްރެޑް ޕިޓްގެ މުޅިން އާ ހުނަރެއް

އޮސްކާ އާއި އެހެނިހެން އެވޯޑް ލިބިފައިވާ ބްރެޑް ޕިޓް އާޓިސްޓެއްގެ ގޮތުގައި ތައާރަފްވެ، އޭނާ ސްކަލްޕްޓްކޮށްފައިވާ އެއްޗެހި ފިންލެންޑްގެ ސޭރާ ހިލްޑޭން އާޓް މިއުޒިއަމްގައި ދައްކާލައިފި އެވެ.

މި މިއުޒިއަމްގައި ބްރެޑް ޕިޓާއި ލަވަކިއުންތެރިޔާ ނިކް ކޭވް (ނިކް ކޭވް އެންޑް ދަ ބޭޑް ސީޑްސް)ގެ ސްކަލްޕްޗާ ތަކާއި ސެރަމިކް މަސައްކަތްތައް ފެންނަން ހުންނާނެ އެވެ. މީގެ ތެރެއިން ބްރެޑް ޕިޓްގެ ނުވަ އައިޓަމް ހިމެނޭއިރު އެއީ ސިލިކޯނުން މޯލްޑްކޮށްފައިވާ ގެއެއް ފާޑުގެ އިމާރާތެކެވެ. އެ އިމާރާތް ވަޒަނުގެ ނިޝާންތަކާއެކު ދައްކަނީ ޝޫޓިން ސީން އެކެވެ. ނިކް ކޭވް ހަދާފައިވާ 17 ސެރަމިކްސް އައިޓަމް ރަމްޒުކޮށްދެނީ ޝައިތޯނާއެވެ.

ބްރެޑް ޕިޓް މީހުންގެ ސަމާލުކަމެއް ނުހޯދާ، ޕްރޮމޯޝަނަކާ ނުލައި މަޑުމަޑުން ސްކަލްޕްޓްކުރަން ފަށައި، އެ ތަކެތި އެމެރިކާއަށް ވުރެއް މާދުރު ގައުމެއްގައި ދައްކާލުމަކީ މީހުން އޭނާއަށް ތައުރީފް ކުރި ކަމެކެވެ. ޖޮނަތަން ޖޯންސް ބުނީ ބްރެޑްގެ މަސައްކަތަކީ ވަރަށް އުފެއްދުންތެރި މަސައްކަތެއް ކަމަށެވެ.

ހޮލީވުޑްގައި އާދަލާހިލާފު، ފާޑުފާޑުގެ ހޮބީ ގެންގުޅުމަކީ އާކަމެއް ނޫނެވެ. އެގޮތުން 1970ގެ އަހަރުތަކުގެ ލަވަ ކިއުންތެރިޔާ ރޮޑް ސްޓުވާޓް ރެއިލްވޭ ޓްރޭންތައް އެއް ކުރާއިރު، އޭނާގެ މޮޑެލް އަނބިމީހާ ޕެނީ ލެންކާސްޓާ ހޮބީއެއްގެ ގޮތުން ޕޮލިހަށް ވޮލަންޓިއާ ކުރެ އެވެ. މައިކް ޓައިސަން ކޮތަރު ގެންގުޅެ އެވެ.