ފިނިޕޭޖް

ޓޮމް ހާޑީ މާޝަލް އާޓްސް މުބާރާތެއް ކާމިޔާބުކޮށްފި

ފިލްމީ ތަރި ޓޮމް ހާޑީ "ބްރެޒިލް ޖުޖިޓްސޫ އޯޕަން ޗެމްޕިއަންޝިޕް"ގައި އެހެން ނަމެއްގައި ބައިވެރިވެ، އެ މުބާރާތް ކާމިޔާބުކޮށްފި އެވެ.

މާޝްލް އާޓްސްއަށް ހާއްސަ މި މުބާރާތުގައި 45 އަހަރުގެ ޓޮމް ހާޑީ ބައިވެރިވީ އޭނާގެ ފުރަތަމަ ނަން، އެޑްވަޑް، ބޭނުންކޮށްގެންނެވެ.

ނަން ގޮވުމުން، ވާދަކުރަން ރިންގަށް ޓޮމް ހާޑީ ވަނުމުން އެ ތަނުގައި ތިބި އެންމެން ދިޔައީ ސިއްސައިގެންނެވެ.

ޓޮމް ހާޑީ ވަނީ މުބާރާތުގައި އޭނާއާ ވާދަކުރި ހުރިހާ އެންމެން ބަލިކޮށް، ގޯލްޑް މެޑަލް ކާމިޔާބުކޮށްފަ އެވެ.

ޓޮމް ފެނިގެންދާ މުބާރާތުގެ ފޮޓޯތައް ވަނީ އިންޓަނެޓްގައި އާންމުކުރުމުން އޭނާގެ ފޭނުންނަށް ވެސް ލިބުނީ ހައިރާން ކަމެކެވެ.

އޭނާއަކީ ފިލްމުތަކުގައި އެކްޓްކުރުމުގެ އިތުރުން ހަގީގަތުގައިވެސް މާޝަލް އާޓްސްއަށް ކުޅަދާނަ މީހެއްކަން ކަށަވަރުކޮށްދީފި އެވެ. އޭނާ ވަނީ މާޝަލް އާޓްސް އިން ބްލޫ ބެލްޓް ހޯދާފަ އެވެ.

މު މުބާރާތުގެ ތަރުޖަމާން ދަ ގާޑިއަންއަށް މައުލޫމާތު ދެމުން ބުނީ ޓޮމް ހާޑީއަކީ ހިތްތިރި އަދި ރަނގަޅު މީހެއް ކަމަށެވެ.

މުބާރާތަށް ފަހު ޓޮމް ވަނީ ފޭނުންނާ އެކު ފޮޓޯ ނެގުމަށް ވަގުތުވެސް ހޭދަކޮށްފަ އެވެ. ޓޮމްއާ ވާދަކުރި ޑެނީ އެޕަލްބީ ބުނީ ޓޮމް ފެނުމާއެކު އެއީ ކާކުކަން އެނގިއްޖެ ކަމަށާއި ޓޮމްއާ އެކު ވާދަކުރަންޖެހުމުން މުޅިން ސިހުނު ކަމަށެވެ.

ޓޮމް ހާޑީ އަކީ "ދަ ޑާކް ނައިޓް ރައިޒަސް"، "އިންސެޕްޝަން"، "މޭޑް މެކްސް: ފިއުރީ ރޯޑް"، "ވޮރިއާ" އަދި "ވެނަމް" ފަދަ ފިލްމްތައް ކުޅެފައިވާ ތަރިއެކެވެ.