ހޮލީވުޑް

35 އަހަރަށްފަހު "ފެންޓަމް އޮފް އޮޕެރާ" ހުއްޓާލަނީ

ދުނިޔޭގައި އެންމެ ދުވަސްވީ މިއުޒިކަލް ޝޯ ތަކުގެ ތެރޭގައި ހިމެނޭ "ފެންޓަމް އޮފް އޮޕެރާ" ހުއްޓާލުމަށް ނިންމައިފި އެވެ.

އިނގިރޭސިވިލާތުގެ ލަންޑަންގައި މީގެ 35 އަހަރު ކުރިން އޮކްޓޫބަރު 9، 1986 ވަނަ އަހަރު ފެށި މިއުޒިކަލް ހުއްޓާލުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ 18 ވަނަ ދުވަހު އެވެ.

އެންޑްރޫ ލޮއިޑް ވެބާ ކޮމްޕޯޒްކޮށްފައިވާ "ފެންޓަމް އޮފް އޮޕެރާ" ހުއްޓާލަން ނިންމީ ކޮވިޑަށްފަހު ތިއޭޓަރުތަކަށް މީހުން ވަނުން މަދުވެ، ވިޔަފާރި ވަރަށް ބޮޑަށް ދަށްވުމާ ގުޅިގެންނެވެ.

ދުނިޔޭގެ 35 ގައުމެއްގެ 140 މިލިއަނަށް ވުރެ ގިނަ މީހުންނަށް "ފެންޓަމް އޮފް އޮޕެރާ" މިހާތަނަށް ކުޅެދީފައިވެ އެވެ. މި މިއުޒިކަލްއަށް ހަތް ޓޯނީ އެވޯޑް ލިބިފައިވެ އެވެ.

ހަލް ޕްރިންސް ޑައިރެކްޓްކުރި މި މިއުޒިކަލްގެ ވާހަކައިގައި ޕެރިސް އޮޕެރާ ހައުސްގައި ހިނގާ ބައެއް ހާދިސާތަކުން އެ ތަނަކީ ނާމަން އަދި ފެންޓަމްއެއް އަވަލާފައިވާ ތަނެއް ކަމުގައި ބެލެވެ އެވެ.

މި ފެންޓަމް އަކީ މާސްކެއް އަޅައިގެން ޕެރިސް އޮޕެރާ ހައުސްގައި މީހުންނަށް ނުފެނި ދިރިއުޅޭ އޭރިކް ކިޔާ މީހެކެވެ. އޭނާ އެތަނުގައި މަސައްކަތްކުރާ ސޮޕްރާނޯ ކިޔާ މައުސޫމް ކްރިސްޓީންއާ ގަޔާވެ އޭނާ ހާސިލްކުރަން ބޭނުންވެ އެވެ.

އޭރިކް ކްރިސްޓީންއަށް ނޭގި ޝޯގެ ލީޑް ރޯލް ހޯދައިދޭން ކަންތައްތައް ކުރަމުންދާއިރު ކްރިސްޓީން ރައުލްއާ ދިމާވެ، ދެމީހުން ލޯބިވެ އެވެ. ރައުލްއަކީ ކްރިސްޓީންގެ ކުޑައިރުގެ އެކުވެރިއެކެވެ. އެރިކް ކްރިސްޓީން ހާސިލްކުރުމަށް ކުރާ ކަންތައް ފެނިގެންދާނެ އެވެ.

މި ޝޯއަށް 2004 ގައި ޖެރާޑް ބަޓްލާ އާއި އެމީ ރޮސަމް އަދި ޕެޓްރިކް ވިލްސަންއާ އެކު ޖޮއެލް ޝޫމާކާ ވަނީ ފިލްމެއްވެސް ހަދާފަ އެވެ.