ފިނިޕޭޖް

މަންމަ މަރާލިކަން ސާބިތުވެ ރަޔާން އުމުރަށް ޖަލަށް

ރަޔާން ގްރެންތަމްގެ މަންމަ ބާބަރާ ވެއިޓް 2020 ގައި މަރާލި ކަމަށް އެއްބަސްވުމުން އޭނާ އުމުރަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.

ކެނެޑާގެ ވެންކޫވާގެ ބްރިޓިޝް ކޮލަމްބިއާ ސުޕްރީމް ކޯޓުން ރަޔާން ގްރެންތަމްއަށް ފަސްޓް ޑިގްރީ މާޑާގެ ދައުވާ ކޮށްފައިވާއިރު، އޭނާ އިއުތިރާފްވެފައިވަނީ ސެކަންޑް ޑިގްރީ މާޑާ އަށެވެ. އެހެންކަމުން ގާޒީ ކޮށްފައިވާ ހުކުމަކީ އުމުރަށް ޖަލަށްލުމާއި ދުވަހަކުވެސް ބަޑިފަދަ ތަކެތި ނުގެންގުޅެވޭ ގޮތް ހެދުމެވެ.

ރަޔާންގެ ބަޔާނުގައި ބުނީ އޭނާގެ މަންމަ މަރާލީ ޕިއާނޯ ކުޅެން އިންދާ، ބޮލަށް ފަހަތުން ބަޑިޖަހައިގެން ކަމަށެވެ. އަދި މަންމަ މަރާލުމަށްފަހު މަސްތުވެގެން ހުރި ހާލަތުގައި އޭނާގެ ގޯ-ޕްރޯ ބޭނުންކޮށްގެން ވީޑިއޯ ނަގާފައިވެ އެވެ. އަދި އެ ވީޑިއޯގައި މަންމަ މަރާލި ކަމަށާއި މަރާލި ގޮތް ކިޔައިދީފައިވެ އެވެ.

ޕްރޮސެކިއުޓަރުން ބުނި ގޮތުގައި ރަޔާން މަންމަ މަރާލުމަށްފަހު، ތިން ބަޑި، ވަޒަން އަދި 12 މޮލޮޓޮވް ކޮކަޓެއިލާއި ކޭމްޕް ކުރާ ސާމާނު ކާރަކަށް ލައިގެން ކެނެޑާގެ ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑޯގެ ރިޑޯ ކޮޓެޖް އަށް ދާނެގޮތް ހޯދައި، ޖަސްޓިން ޓްރޫޑޯ މަރާލަން ވެސް ރަޔާން ރާވާފައިވެ އެވެ.

މީގެ އިތުރުން ރަޔާންގެ ހައި ސްކޫލާއި ކޮލެޖަށް ގޮސް އެތައް ބަޔަކު މަރާލުމަށް ބަޑީގެ ހަމަލާތަކެއް ދިނުމަށް އޭނާ ވިސްނާފައިވާ ކަމަށްވެސް ވަކީލުން ކޯޓުގައި ފާހަގަކޮށްފައިވ ެ އެވެ. އެކަމަކު ޖަސްޓިން ޓްރޫޑޯގެ ކޮޓެޖަށް ދިޔަ މަގުމަތީގައި އޭނާގެ ހިޔާލު ބަދަލުވެ، ޕޮލިސް ސްޓޭޝަނަކަށް އަމިއްލައަށް ގޮސް މަންމަ މަރާލިކަމަށް ރަޔާން އިއުތިރާފްވީ އެވެ. އެދުވަހުން ފެށިގެން ރަޔާން ހުރީ ޖަލުގަ އެވެ.

ރަޔާން ގްރެންތަމްއަކީ ރިވާޑޭލް، ސުޕަނެޗުރަލް އަދި ޑަޔަރީ އޮފް އަ ވިމްޕީ ކިޑް ފަދަ ސީރީޒް އަދި ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ އެކްޓަރެކެވެ. ރަޔާންގެ ދިފާއުގައި ވަކީލް ބުނީ ރަޔާން އަކީ އޭނާގެ މަންމަ މަރާލުމުގެ ކުރިން އެންޒައިޓީ އަދި ކްލިނިކަލް ޑިޕްރެޝަން ހުރި މީހެއް ކަމަށާއި އޭނާ އަމިއްލައަށް މަރުވާން އަދި އެހެން މީހުންނަށް އަނިޔާކުރަން ބޭނުންވާ ކަމަށެވެ. ރަޔާންގެ އެއްބަޑުއެއްބަފާ އަންހެނެއް ބުނީ ރަޔާންއަކީ ވަރަށް ނުރައްކާތެރި މީހެއް ކަމަށެވެ.

ރަޔާން އަށް ޕެރޯލަށް ކުރިމަތިލެވޭނީ 14 އަހަރު ފަހުންނެވެ.