ފިނިޕޭޖް

ސްޓާ ވޯޒްގެ "އެންޑޯ" ސީރީޒް

ސްޓާ ވޯޒް ފްރެންޗައިޒްގެ "އެންޑޯ" ސީރީޒްއިން ދައްކަނީ އެމްޕަޔާގެ ދަށުގައި މީހުންގެ އާންމު ދިރިއުޅުމެވެ. މީގެ ތެރެއިން ބައެއް މީހުން ދުރު ގެލެކްސީގައި ހިނގަމުންދާ ހަނގުރާމައިގައި ބަތަލުންނަށް ފަހުންވެ އެވެ.

"އެންޑޯ" އަކީ 2016 ގައި ނިކުތް ހިޓް ފިލްމް "ރޯގް ވަން: އަ ސްޓާ ވޯޒް ސްޓޯރީ"ގެ ޕްރީކުއެލް އެވެ.

މި ސީރީޒްގެ މައި ކެރެކްޓާ ކެޝިއަން އެންޑޯގެ ރޯލް އަދާކުރަނީ ޑިއެގޯ ލޫނާ އެވެ.

ޑިއެގޯ ލޫނާ ރޮއިޓާސްއަށް މައުލޫމާތު ދެމުން ބުނީ މި ސީރީޒްގައި އެކްޝަން، އެޑްވެންޗާ އަދި ސްޓާ ވޯޒްގެ އެހެން ފިލްމްތައް ފަދައިން ސައިންސް ފިކްޝަން އެކުލެވިގެންވިޔަސް ތަފާތުވާނެ ފުރުސަތު އެބައޮތް ކަމަށެވެ.

"މި ސީރީޒްއިން ދައްކައިދެނީ ކަމަކަށްޓަކައި ހަނގުރާމަކޮށް ގުރުބާންވާން ތައްޔާރުވީ މީހުން. އެމީހުން އެހިސާބަށް ދިޔުމުގެ ކުރިން އެމްޕަޔަ ދަށުގައި އެމީހުންގެ އާންމު ދިރިއުޅުން. ކީއްވެތޯ އެމީހުން ހަނގުރާމައާ ހިސާބަށް ދިޔައީ. އަހަރެންނަކަށް ހިޔެއް ނުވޭ އަދި އެކަންތައްތައް ފެނިފައިވާ ހެނެއް،" ޑިއޭގޯ ބުންޏެވެ.

"އެންޑޯ" އިން ފެންނަނީ "ރޯގް ވަން"ގެ ފަސް އަހަރު ކުރި އެވެ. "ރޯގް ވަން" ގައި ޑިއެގޯގެ ކެރެކްޓާ އެންޑޯ ވަނީ އެންމެންގެ ސަލާމަތަށްޓަކައި އަމިއްލައަށް ގުރުބާންވެފަ އެވެ.