ފިނިޕޭޖް

ޖޮނީ ޑެޕް އާ ލޯބިވެރިޔެއް ހޯދީތަ؟

ޖޮނީ ޑެޕް އާ ލޯބިވެރިޔަކު ހޯދިކަމަށް މީޑިއާތަކުން ރިޕޯޓްކުރަން ފަށައިފި އެވެ.

އީ ނިއުސްއިން ރިޕޯޓްކުރާ ގޮތުގައި ޖޮނީ ޑެޕް ލަންޑަންގައި ޓެބްލޮއިޑް ނޫހަކާ އިދިކޮޅަށް ކުރިއަށްދިޔަ ދައުވާގައި އޭނާ ތަމްސީލުކޮށްދިން ވަކީލުންގެ ޓީމުގެ މެމްބަރެއް ކަމުގައިވާ ޖޮއެލް ރިޗް އާއި ޖޮނީ ލޯބީގެ ގޮތުން ގުޅިފައިވާ ކަމަށެވެ.

ޖޮނީ އާއި ޖޮއެލް ލޯބީގެ ގޮތުން ގުޅިފައިވާ ކަމަށް ބޮޑަށް އަޑުފެތުރުނީ ލަންޑަންގައި ދިރިއުޅޭ ޖޮއެލް، އެމެރިކާގައި އެންމެ ފަހުްނ ކުރިއަށް ދިޔަ ޖޮނީ ކުރި އަބުރުގެ ދައުވާގެ ޝަރީއަތް ހިނގަމުންދިޔައިރު ކޯޓްރޫމްގެ އޯޑިއަންސް ތެރޭގައި އިން ކަމަށް ފާހަގަކުރެވިގެންނެވެ. އަދި ޖަޖު ބްރޭކް ދޭ ގަޑީގައި ދެމީހުން ކޯޓުގެ ބޭރުގައި ސިނގިރޭޓު ބޯން ތިބޭކަންވެސް މީޑިއާތަކުން ފާހަގަކުރި އެވެ.

ޖޮއެލްގެ ފިރިމީހާއާ ވަކިވެ، ވަރިވުމުގެ ކޭސް އެ ރަށުގައި ކުރިއަށް އެބަދެ އެވެ. އެ ދެމަފިރިންގެ ދެ ކުދިން ތިބެ އެވެ. ގާނޫނީ ދާއިރާގެ 10 އަހަރުގެ ތަޖުރިބާއާ އެކު ޖޮއެލް އަކީ ލަންޑަންގެ ޝިލިންސް ލޯ ފާމްގެ ޕާޓްނަރެކެވެ.

މީގެ ކުރިން މީޑިއާ އަދި ސޯޝަލް މީޑިއާ ގައި ޖޮނީ އާއި އޭނާގެ އެމެރިކާގެ ވަކީލުންގެ ޓީމުގެ ކެމިލް ވެސްކޭޒްއާ ލޯބީގެ ގުޅުމެއްވާ ކަމަށްވެސް ވާހަކަ ދެކެވުނެވެ.

މިކަމާ ގުޅިގެން ކެމިލް ވަނީ ޖޮނީ އަކީ ރަހްމަތްތެރިއެއް ކަމަށް ބުނެފަ އެވެ. ހަތަރު އަހަރަށް ވުރެ ގިނަ ދުވަހު ޖޮނީގެ ކޭސްއަށް ވަކާލާތުކުރިއިރު، އޭނާ އެފަދަ އަންޕްރޮފެޝަނަލް ކަމެއް ކޮށްފައި ނުވާނެ ކަމަށާއި އެކަހަލަ ތުހުމަތެއް ކުރަނީ އޭނާ އަންހެނަކަށް ވީމާ ކަމަށް ބުނެ ހިތާމަފާޅުކޮށްފައިވެ އެވެ.

ޖޮނީގެ ކުރީގެ އަންހެނުން އެމްބާ ހާޑް ވޮޝިންޓަން ޕޯސްޓްގައި ޝާއިއުކުރި އޯޕަން-އެޑްގައި ޖޮނީ އަށް ނިސްބަތްވާ ގޮތަށް ގެވެށި އަނިޔާކުރުމާއި ބާރުގެ ބޭނުންކުރާކަމަށް ލިޔުމުން، ޖޮނީ ވަނީ އެމްބާއަށް އަބުރުގެ ދައުވާކޮށް އެ ކޭސް ކާމިޔާބުކޮށްފަ އެވެ. މި ކޭސްގެ މައްޗަށް ފިލްމެއްވެސް ހަދަމުން އެބަދެ އެވެ.