އަހުމަދު ޝިޔާމް

މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް ގޮވާލައި ކުއްލި މައްސަލައެއް

Sep 26, 2022

މަސްވެރިންނަށް ދިމާވެފައި ހުރި ގިނަ މައްސަލަތަކެއް ފާހަގަކޮށް އެ މައްސަލަތަކަށް ހައްލު ހޯދުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލަ ހުށަހެޅުއްވީ އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވާ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް އެވެ.

ކުއްލި މައްސަލައިގައި ބުނެފައިވަނީ މަސްވެރިން ބާނާ މަސް ކިރޭނެ ގޮތެއް ނެތުމާއި މަހުގެ އަގު ކޮންޓްރޯލް ކުރުމާއި އެކަށީގެންވާ ގޮތަކަށް އައިސް ލިބޭނެ ގޮތެއް ނެތުމާއި ބާނާ މަސް ކިރާނުލެވޭތީ ބަހާލަންޖެހުމަކީ މަސްވެރިންގެ ކަންބޮޑުވުން ހުރި މައްސަލަތައް ކަމަށެވެ.

މަސްވެރިކަން ރަނގަޅު މިދުވަސްވަރު ވެސް މަސްވެރިން ބާނާ މަސް ކިރޭނެ ގޮތެއް ނެތި އެކި ހިދުމަތްތައް ހޯދުމަށް އެކި ނަންނަމުގައި ތިން ހަތަރު ދުވަހު ކިޔުގައި މަޑުކުރަންޖެހުމާއި ކިޔޫގައި ތިބެ ހިދުމަތް ނުލިބި އަދި މަހަށްވެސް ނުފުރި ދިއުމަކީ މަސްވެރިންނަށް ލިބޭ އާމްދަނީ ގެއްލޭ ކަމެއް ކަމަށްވެސް މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ.

"99 އިންސައްތަ ދޯންޏަށް [ބާނާ މަހުގެ] ހަމަ އަގު އަދި އައިސް ނުލިބޭ،" ކުއްލި މައްސަލައިގައިވެ އެވެ.

ކުއްލި މައްސަލައިގައި ބުނެފައިވަނީ މަސްވެރިން ބާނާ މަސް ގަތުމަށްޓަކައި މިފްކޯ އިން ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތް ކުރަމުން ނުދާ ކަމަށާއި އަދި ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ފުއްދަވަން ވައުދުވެވަޑައިގެންނެވި ވައުދުތައް ނުފުއްދަވާ ކަމަށެވެ. އަދި ރިޔާސީ މެނިފެސްޓޯގައި ހިމަނާފައިވާ ސިޔާސަތުތައް ތަންފީޒު ކުރަމުން ނުދާ ކަމަށްވެސް ބުނެ އެވެ.

މައްސަލައިގައި އިތުރަށް ބުނެފައިވަނީ ރާއްޖޭގެ ސަރަހައްދަށް ގާނޫނާއި ގަވައިދުތަކާއި ހިލާފަށް ބޭރުގެ މަސް ބޯޓުތައް ވަނުން ވަރަށް ބޮޑަށް އިތުރުވެ ދާއަޅައިގެން މަސް ނެގުމަކީ މަސްވެރިންގެ ކަންބޮޑުވުން ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. ނަމަވެސް ބޭރުގެ އެފަދަ ބޯޓުތަކުގެ ތެރެއިން އިންޑިއާގެ ބޯޓުތަކަށް ފިޔަވަޅު އެޅުމަށް ފަސްޖެހުމަކީ ވަކިން ބޮޑަށް ކަންބޮޑުވާ މައްސަލައެއް ކަމުގައިވެސް ބުނެފައިވެ އެވެ.

ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސްކުރުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެެއްވުމަށް ރިޔާސަތުން ފުރުސަތު ހުޅުވާލުމުން މައްސަލަ ބަލައިގަތުމަށް 25 މެންބަރުން ވޯޓު ދެއްވާފައިވެ އެވެ. އަދި ހަތަރު މެންބަރުން ދެކޮޅަށް ވޯޓު ދެއްވާފައިވާއިރު ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެއް މެންބަރު އިންނެވި އެވެ.

ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަތުމާ ގުޅިގެން ކުއްލި މައްސަލައިގެ ބަހުސް މިހާރު ވަނީ ފަށާފަ އެވެ.