މަސްވެރިން

ޝިޔާމު އެދެނީ މަސްވެރިން މުޒާހަރާ ހުއްޓާލުމަށް

ކޫއްޑޫ އާއި އައްޑޫގައި މުޒާހަރާކުރަމުންދާ މަސްވެރިން މުޒާހަރާ ހުއްޓާލުމަށްފަހު މަސްވެރިކަމުގެ މަސައްކަތަށް އެނބުރި ދިއުމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމު އެދިވަޑައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝިޔާމު ވިދާޅުވީ މަސްވެރިންނަށް ނުދީ ހުރި ފައިސާ ދޭނެ ގޮތުގެ މައުލޫމާތު މަސްވެރިންނާ މިހާރު ވާނީ ހިއްސާކުރެވިފައި ކަމަށެވެ.

"އަޅުގަނޑު މިއެދެނީ އެންމެ ދުވަހެއްގެ އާމްދަނީ ވެސް މަދުނުކޮށް މުޒާހަރާ ހުއްޓާލާފައި މަސްވެރިން އާމްދަނީ ހޯދުމަށް މަހަށް ވަޑައިގަންނަވާށޭ،" ޝިޔާމް ވިދާޅުވި އެވެ.

މަސްވެރިން މުޒާހަރާ ހުއްޓާލުމަށް ޝިޔާމު އެދިވަޑައިގެންނެވި ނަމަވެސް މަސްވެރިންނަށް ނުދީ ހުރި ފައިސާ ނުދެނީސް މުޒާހަރާ ހުއްޓާ ނުލާނެ ކަމަށް މަސްވެރިން ދަނީ ބުނަމުންނެވެ.

މަސްވެރިންނަށް ނުދީ ހުރި ފައިސާ ހަމަޖެއްސުމަށް ސަރުކާރުން ވަނީ މަސްވެރިންނަށް ހުށަހެޅުމެއް ހުށަހަޅާފަ އެވެ. އެއީ މިމަހުގެ 26 ވަނަ ދުވަހުގެ ކުރިން 100 މިލިއަން ރުފިޔާ ދިނުމަށާއި ބާކީ ހުރި ހުރިހާ ފައިސާއެއް އަންނަ މަހުގެ ފަސްވަނަ ދުވަހުގެ ކުރިން މަސްވެރިންނަށް ދިނުމެވެ.

މަސްވެރިންނަށް 310 މިލިއަން ރުފިޔާ ނުދީ އޮތް އިރު އެ ފައިސާ ލިބޭނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް ސަރުކާރަށް އިތުބާރު ނުކުރާ ކަމަށް މަސްވެރިން ދަނީ ބުނަމުންނެވެ. އެހެންވެ މަސްވެރިން ތިބީ ފައިސާ ނުދެނީސް މުޒާހަރާ ހުއްޓާނުލުމަށް ނިންމައިގެންނެވެ.