މަސްވެރިން

ބިން ހިއްކާތީ އެންވެރިކަން ހަލާކުވެއްޖެ: މަސްވެރިން

މާލެ ސަރަހައްދުގައި ކުރިއަށްދާ ބިން ހިއްކުމުގެ މަޝްރޫއުތަކާ އެކު އެންވެރިކަން ހަލާކުވެފައިވާ ކަމަށް ބުނެ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ އެކްސް އެކައުންޓްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ކަންނެލި މަސްވެރިން އެންމެ ރަނގަޅަށް އެންވެރިކަން ކުރަމުން އަންނަ އިހުރު ވައްބިންފަރު ކައިރިން ކޮންމެ ދުވަހަކު ބިން ހިއްކުމަށް ބޭނުންކުރާ އުޅަނދު -- މަހާޖައްރާފު ވެލިނަގަމުން ދާތީ އެންވެރިކަން ހަލާކުވެއްޖެ ކަމަށެވެ.

"މިކަން މިއަދުން މިއަދަށް ހުޓުވުމަށް ކަމާބެހޭ އެންމެހާ ފަރާތްތަކަށް ގޮވާލަން،" ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމާއި އީޕީއޭ ޓެގްކޮށް ކޮށްފައިވާ ޕޯސްޓްގައި ބުނެފައިވެ އެވެ.

މި ޕޯސްޓް ކޮށްފައިވަނީ މަހާޖައްރާފް ފަޅަކުން ވެލިނަގަމުންދާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއްވެސް ހިމަނައިގެންނެވެ.

މި ވީޑިއޯގައި ފެންނަ ޑްރެޖަރަކީ ބިން ހިއްކުމުގެ ކޮން މަޝްރޫއެއްގައި ބޭނުންކުރާ އުޅަނދެއް ކަމެއް އެނގިފައެއް ނުވެ އެވެ. އަދި މި ޑްރެޖަރުން ވެލި ނަގަމުން ދިޔަ ސީދާ ސަރަހައްދެއްވެސް ވީޑިއޯ އަކުން ސާފެއް ނޫނެވެ.

ބިން ހިއްކުމުގެ މަޝްރޫއުތަކަށް ބައެއް ސަރަހައްދުތަކުން ވެލި ނެގުމުންނާއި ބައެއް ފަޅުތައް ހިއްކަން ފެށުމުން އެންވެރިކަމަށް ވަރަށް ބޮޑު ގެއްލުމެއް ލިބޭ ކަމަށް އަބަދުވެސް މަސްވެރިން ބުނެ އެވެ.