މަސްވެރިންނަށް މިފްކޯ އިން ދޭން ޖެހޭ ހުރިހާ ފައިސާއެއް ދީ ނިންމާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ -- ޕީއެސްއެމްގެ 8:00ގެ ޚަބަރަށް މިރޭ ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ޝިޔާމް ވިދާޅުވީ މަސްވެރިންނަށް ނުދީ ހުރި ހުރިހާ ފައިސާއެއް ފިނޭންސް މިނިސްޓްރީން މިއަދު ދޫކޮށްފައިވާ ކަމަށެވެ. މަސް ދޯނިތަކުގެ ވެރިންގެ ތެރެއިން ބެންކް އޮފް މޯލްޑިވްސްގައި އެކައުންޓް ހުޅުވާފައިވާ އޮޑިވެރިންނަށް މިރެ އާއި މާދަމާ ފައިސާ ޖަމާވަމުންދާނެ ކަމަށާއި އެހެން ބޭންކެއްގައި އެކައުންޓް ހުޅުވާފައިވާނަމަ ފައިސާ ޖަމާވުމަށް އިތުރު ވަގުތު ނަގާފާނެ ކަމުގައިވެސް ވިދާޅުވި އެވެ.
"އަޅުގަނޑަށް މިއަދުވެސް މި ލިބޭ އުފަލަކީ ރައީސުލްޖުމްހޫރިއްޔާ އެމަނިކުފާނު ވާހަކަފުޅެއް ވިދާޅުވެއްޖެނަމަ އެކަމަށް އޮނަކުރައްވާކަން. އަދި އެކަން ކުރެވެން އޮތް އެންމެ ރަނގަޅަކަށް އެކަން ކޮށްދެއްވާކަން މިއަދުވެސް އަޅުގަނޑުމެންނަށް މި އެނގުނީ. މިއުދަނގޫ ހާލަތުގައިވެސް އެނގިވަޑައިގަންނަވާނެ ދައްކަމުން ދައްކަމުން އައިސް މިއަދު ފިނޭންސް މިނިސްޓްރީން މިފްކޯއަށް ހަމަ ހަވާލުކުރެއްވި ނޫނީ މިފްކޯއަށް މި ޖަމާކުރެއްވި އަދަދަކީ އެއީ މިހާރު މަސްވެރިންގެ ބެކްލޮގު އެއްކޮށް ހަމަކުލިއާ ވެެގެން އެ ދިޔައީއަހްމަދު ޝިޔާމް | މިނިސްޓާ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް
ޝިޔާމު ވިދާޅުވި ގޮތުގައި މިރެއިން ފެށިގެން މަސްވެރިންނަށް ޖަމާވަމުންދާ ފައިސާ އަކީ މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް މަސް ގަނެފައި ދޭންޖެހިފައި ހުރި ފައިސާ ކަމަށެވެ. މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ދޫކުރެވިފައިވާތީ ސަރުކާރުގެ މިހާރުގެ އަމާޒަކީ މަސް ކިރުމާ އެކު ވީހާވެސް އަވަހަށް ފައިސާ ދިނުން ކަމަށްވެސް ވިދާޅުވި އެވެ.
ރ. ދުވާފަރު ރައްޔިތުންނާ ބައްދަލުކުރައްވާ މިމަހުގެ ތިންވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ދިނުމަށްފަހު ނުވަތަ "ބެކް ލޮގް" ސާފުކުރުމަށްފަހު މަސްވެރިންނަށް ދޭންވާ ފައިސާ އެއްވެސް ވަރަކަށް ފަހަށް ނުބަހައްޓައި، 48 ގަޑިއިރު ތެރޭގައި ދެމުން ގެންދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އިގްތިސާދީ ގޮތުން ދަތި ހާލަތެއްގައި ގައުމު އޮތް އިރުވެސް މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ދީ ނިންމާލެވިފައިވާތީ މިނިސްޓަރު ޝިޔާމް ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގަށް ޝުކުރުވެސް އަދާކުރައްވާފަ އެވެ.
މަސްވެެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް މިރޭ ދޫކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި ނަމަވެސް އެއީ ކިހާ އަދަދެއްގެ ފައިސާ ކަމެއް ވިދާޅުވެފައެއް ނުވެ އެވެ. މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ނުލިބިގެން މަސްވެރިން މިދިޔަ މަހު މުޒާހަރާ ކުރުމުން ސަރުކާރުން ފުރަތަަމަ އެއްބަސްވީ މިމަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ހުރިގާ ފައިސާއެއް ޖަމާކުރުމަށެވެ. އެ ތާރީހަށް ފައިސާ ޖަމާކުރެވޭ ގޮތް ނުވުމުން ސަރުކާރުން އޭގެފަހުން ވައުދުވީ ރޯދަ މަސް ފެށުމުގެ ކުރިން މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ދިނުމަށެވެ.
މިނިސްޓަރު ޝިޔާމު މީގެކުރިން ވިދާޅުވީ މިސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ކުރީ ސަރުކާރުން ނުދީ ހުރި ފައިސާއާ އެކު ޖުމްލަ 650 މިލިއަނެއްހާ ރުފިޔާ މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށެވެ. އެކަމަކު އަދިވެސް މަސްވެރިންނަށް ނުދީ 147 މިލިއަން ރުފިޔާ އެބައޮތް ކަމަށް އެ ދުވަހު ޝިޔާމު ވިދާޅުވި އެވެ.
މިސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު މިދިޔަ މަހުގެ 11 ވަނަ ދުވަހު ވަނީ މިފްކޯއަށް މަސް ކިލޯއެއް ގަންނަ އަގު 20 ރުފިޔާއަށް ދަށްކޮށްފަ އެވެ.