ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީ

ނުވަ ރަށެއްގައި އައިސްޕްލާންޓް އަޅަނީ

ރާއްޖޭގެ ނުވަ ރަށެއްގައި އައިސްޕްލާންޓް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސް އިން ބުނެފި އެވެ.

ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުއްތަލިބު ވިދާޅުވީ މަހުގެ ކޮލިޓީ ހިފަހައްޓައި މަސްވެރިން ބާނާ މަހަށް ރަނގަޅު އަގެއް ހޯދައިދިނުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގެ ނުވަ ރަށެއްގައި އައިސްޕްލާންޓް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މި މަސައްކަތް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރިއަށް އޮތް ހަމަ މަހެއްހައި ދުވަހުގެ ތެރޭގައި ނިންމާލެވޭތޯ މަސައްކަތް ކުރަމުން މިދަނީ،" މުއްތަލިބު ވިދާޅުވި އެވެ.

އައިސްޕްލާންޓް އަޅަން ހަމަޖެހިފައިވާ ނުވަ ރަށް

  • ހއ. ދިއްދޫ
  • އއ. ރަސްދޫ
  • ލ. މާމެންދޫ
  • ދ. މީދޫ
  • ގދ. ރަތަފަންދޫ
  • ޅ. ނައިފަރު
  • މ. ވޭވައް
  • ގދ. ފިޔޯރީ
  • ލ. މާވަށް

މުއްތަލިބު އިތުރަށް ވިދާޅުވީ މީގެތެރޭގައި ސައުދީ ފަންޑުން ހިންގާ ފަސް ޕްރޮޖެކްޓަކާއި، 2023 ވަނަ އަހަރު ފެނަކައާއި ހަވާލުކޮށް ލަސްވާތީ އެއްބަސްވުން ބާތިލް ކުރި ހަތަރު ޕްރޮޖެކްޓެއްވެސް ހިމެނޭ ކަމަށެވެ.

އައިސް ޕްލާންޓްތައް އެޅުމުގެ އިތުރުން މަހުގެ ކޮލިޓީ ހިފެހެއްޓުމަށް ދޯނިތަކުގައި އާރުއެސްޑަބްލިއު ސިސްޓަމް ހަރުކުރުމަށް 200 ފުރުސަތު ހުޅުވާލާނެ ކަމަށްވެސް މުއްތަލިބް ވިދާޅުވިއެވެ. އަދި މި ފުރުސަތުގައި މަސް ދޯނިތަކުގެ ވެރިންނަށް ބޭންކް މެދުވެރިކޮށް ފަސޭހައިން ލޯނު ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ.