މަސްވެރިންނަށް ނުދީ ހުރި ފައިސާގެ ތެރެއިން މިރޭ 106 މިލިއަން ރުފިޔާ ދޫކުރާނެ ކަމަސް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު މަސްވެރިންނަށް ނުދީ 200 މިލިއަނެއްހާ ރުފިޔާ ނުދީ ކަމަށް އޮތް މިނިސްޓަރު ޝިޔާމު ކުރިން ވިދާޅުވެފަ އެވެ.
އެހެންވެ މިސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު މަސްވެރިންނަށް މީގެކުރިން 30 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.
ޝިޔާމު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިވަގުތު މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މަސްކިރާފައި ނުލިބި ހުރި ފައިސާ ލަސްވާ ލަސްވުން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ފައިސާ ލިބުން ލަސްވާތީ މަސްވެެރި އާއިލާތަކުގެ ޒަރޫރީ އެތައް ކަމަކަށް ވަރަށް ބޮޑަށް އުނދަގޫވާ ކަމަށާއި ރައީސް މުއިއްޒުގެ ވިސްނުންފުޅަކީ މި މައްސަލައަށް ދާއިމީ ހައްލެއް ގެނެވޭނެ ގޮތަށް ކަންކަން ތަރުތީބު ކުރުން ކަމަށެވެ.
"އެކަމަށް ހުރި ހިރާސްތައް ނައްތާލެއްވުމުގެ މަސައްކަތްޕުޅު ބާރަށް ކުރިއަށް އެބަގެންދަވާ. 106 މިލިއަން ރުފިޔާ މިރޭ މަސްވެރިންނަށް ދެވޭނެ އިންތިޒާމުވެސް މިހާރު ވަނީ ރައީސް ހަމަޖައްސަވާފައި. އަމާޒަކީ ދާއިމީ ޖުމްލަ ހައްލެއް ހޯދުން،" ޝިޔާމު ވިދާޅުވި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މިފްކޯ ބަނގުރޫޓްވުމާ ހަމައަށް ދިއުމާ ގުޅިގެން އެ ކުންފުނި މިސަރުކާރު ވެރިކަމާ ހަވާލުވުމާ ހަމައަށްވެސް އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައެވެ. ނަމަވެސް މިމަހުގެ ފަސްވަނަ ދުވަހު ރައީސް ވަނީ މިފްކޯ އަކީ އެސްޓީއޯ އާއި ވަކިން ހިންގާ ވަކި ކުންފުންޏެއްގެ ގޮތުގައި ކަނޑައަޅުއްވާފަ އެވެ.