މެރިލީން މޮންރޯއަކީ 1950ގެ އަހަރުތަކުން ފެށިގެން 1962 ވަނަ އަހަރު މަރުވުމާ ހަމައަށް ހޮލީވުޑްގައި ވިދާލި އަލިގަދަ ތަރިއެކެވެ.
މެރިލީންގެ ފިލްމްތައް 1962 އާ ހަމައަށް 200 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިދާ ހޯދާފައިވެ އެވެ. އަދި މިއަދުވެސް އެންމެ މޮޅު އެކްޓަރުންގެ ލިސްޓުގައި ހިމެނުމުގެ އިތުރުން މެރެލީންއަކީ ސްޓްއިލް އައިކަންއެއްގެ ގޮތުގައި ބެލެވޭ އޮއްސިފައިވާ ތަރިއެކެވެ.
މެރިލީންގެ ހަޔާތަށް އެކި ޑޮކިއުމެންޓަރީތަކާއި ފިލްމްތައް ހަދާފައިވާއިރު މިމަހުގެ 28 ވަނަ ދުވަހު ނެޓްފްލިކްސްއަށް ރިލީޒްކުރާ "ބްލޮންޑް" އަކީ މިފަދަ އެންމެ ފަހު ފިލްމެވެ.
އެންޑްރޫ ޑޮމިނިކް ޑައިރެކްޓްކުރި "ބްލޮންޑް" ވެނިސް ފެސްޓިވަލްގައި އެޅުވިއިރު މި ފިލްމްގައި މެރިލީންގެ ރޯލް އަދާކުރި އަނާ ޑި އާމަސްގެ އެކްޓިން އަށް ތައުރީފް ލިބިފައިވެ އެވެ. އެކަމަކު މުޅި ފިލްމަށް ލިބިފައިވަނީ ތަފާތު ހިޔާލުތަކެކެވެ.
ބައެއް މީހުން ދެކޭ ގޮތުގައި މި ފިލްމުގައި ސަމާލުކަން ދީފައިވަނީ މެރިލީންގެ ހަޔާތުގައި ދިމާވި ނެގެޓިވް ކަންތައްތަކަށެވެ. މި ފިލްމުން ދޭހަވާ ގޮތުގައި މެރިލީންގެ ހަޔާތަކީ ހުސް ހިތާމައާއި ހަމަނުޖެހުމާއި މީހުން އޭނާގެ ބޭނުން އެކި ގޮތްގޮތުގައި ހިފާފައިވާ ހަޔާތެކެވެ. އަދި އެ ހުރިހާ ކަންތައްތަކާ ގުޅިގެން މާޔޫސްވެ، ބޭސްތަކެއް ކައިގެން އެކްސިޑެންޓަކުން މެރިލީން މަރުވީ ކަމަށް ފިލްމުގައި ބުނެ އެވެ.
ބައެއް ކްރިޓިކުން މި ފިލްމަށް ތައުރީފް ކުރި ނަމަވެސް ގިނަ ކްރިޓީކުން ބުނަނީ މި ފިލްމްގައި ސޮފްޓް އަދި ހާޑް ބެލެންސްކުރުމުގެ ބަދަލުގައި، ބޭނުންނުވާ ވަރަށްވުރެ ބޮޑަށް މާޔުސްކަމާއި ނެގެޓިވިޓީއާ އެކު މާކަންތައް ބޮޑުވެ، ބައެއް ސީންތައް ބަލާލަން ނުކެރެ އެވެ.