މިނިމަމް ވޭޖް

ބިދޭސީންނަށް މިނިމަމް ވޭޖު ދޭން ގޮވާލައިފި

ބިދޭސީންނަށް މިނިމަމް ވޭޖް ދިނުން ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކުރުމާ ގުޅިގެން އެސޯސިއޭޝަން ފޯ ޑިމޮކްރަސީ އިން ދަ މޯލްޑިވްސް (އޭޑީއެމް) އިން ބިދޭސީންނާއި އެމީހުންގެ އާއިލާތަކުގެ ހައްގުތައް ހިމާޔަތްކުރުމާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާ (އައިސީއާރްއެމްޑަބްލިއު)ގައި ލަސްނުކޮށް ސޮއިކުރުމަށް ސަރުކާރަށް ގޮވާލާއިފި އެވެ.

އޭޑީއެމް އިން ނެރެފައިވާ ނޫސްބަޔާނެއްގައި ވަނީ ސަރުކާރުގެ މި ނިންމުން ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ.

ބިދޭސީންނަށް މިނިމަމް ވޭޖު ދިނުން ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކުރުމަށް ސަރުކާރުން ނިންމުމަކީ ވަކި ގައުމުތަކެއްގެ މަސައްކަތްތެރިންނާއި ވަޒީފާތަކާއި ކުރާ މަސައްކަތް ތަފާތުކުރުން ކަމަށްވެސް އޭޑީއެމް އިން ދެކެ އެވެ.

އޭޑީއެމް އިން ބުނީ ރާއްޖޭގައި މަސައްކަތް ކުރާ އެންމެންނަށް މިނިމަމް ވޭޖް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދަކަށްވީތީ ބިދޭސީ މަސައްކަތްތެރިންނަށް އެމީހުންގެ ހައްގު ހޯދައިދޭން ވަކިން ބޮޑަށް މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ.

ބިދޭސީ މަސައްކަތްތެރިންނަށް މިނިމަމް ވޭޖް ތަންފީޒުކުރުން މުއްދަތެއް ނެތް ގޮތަށް ފަސްކުރުމަށް ނިންމި ނިންމުން ބާތިލްކޮށް، ރާއްޖޭގެ ގާނޫނު އަސާސީ ދަމަހައްޓައި، ބައިނަލްއަގްވާމީ މުއާހަދާތަކާއި، މުއާހަދާތަކުގައި ދައުލަތުން ކުރަންޖެހޭ ކަންކަން ކުރުމަށްވެސް ގޮވާލާފައިވެ އެވެ.

ބިދޭސީންނަށް މިނިމަމް ވޭޖު ދިނުން ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކުރަން ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހެޅި އިސްލާހު މަޖިލީހުން މިމަހުގެ 21 ވަނަ ދުވަހު ފާސްކުރިތާ މަދުވަގުތު ކޮޅެއްގެ ތެރޭގައި ރައީސް ސޯލިހް ވަނީ އެއިސްލާހު ތަސްދީގު ކުރައްވާފަ އެވެ.

މިނިމަމް ވޭޖު ދިނުމަށް ސަރުކާރުން ފުރަތަމަ ގާނޫނު އިސްލާހު ކުރިއިރު އޮތީ ގާނޫނަށް އަމަލުކުރަން ފަށާތާ ދެ އަހަރުގެ ތެރޭގައި މިނިމަމް ވޭޖު ބިދޭސީންނަށް ވެސް ދޭން ޖެހޭ ގޮތަށެވެ. ނަމަވެސް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިމަހުގެ ހަތްވަނަ ދުވަހު ހުށަހެޅި އިސްލާހުގައި ބުނެފައިވަނީ ބިދޭސީއެއް ނަމަ މިނިމަމް ވޭޖް ދޭން ޖެހޭނީ ރާއްޖޭގެ އިގްތިސާދީ ހާލަތަށާއި ގައުމުގެ ފުދުންތެރިކަމާއި އުފެއްދުންތެރިކަމަށް ރިއާޔަތްކުރުމަށްފަހު އެޑްވައިޒަރީ ބޯޑުން ދޭ ލަފާގެ މަތިން ސަރުކާރުން ކަނޑައަޅާ ތާރީހެއްގައި ކަމަށެވެ. އެހެންކަމުން ސަރުކާރުން ބޭނުންވާ ދުވަހަކު ބިދޭސީންނަށް މިނިމަމް ވޭޖު ދިނުން ފަސްކުރެވިދާނެ އެވެ.