މިނިމަމް ވޭޖް

މުއްދަތެއް ނެތް ގޮތަށް ބިދޭސީންގެ މިނިމަމް ވޭޖު ފަސްކޮށްފި

Sep 21, 2022

ބިދޭސީންނަށް މިނިމަމް ވޭޖު ދިނުން ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކުރަން ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ތަސްދީގު ކުރައްވައިފި އެވެ.

ސަރުކާރުން ހުށަހެޅި މިއިސްލާހު މަޖިލީހުން މިއަދު ފާސްކުރިތާ މަދުވަގުތު ކޮޅެއްގެ ތެރޭގައި ރައީސް ސޯލިހް މިއަދު ވަނީ މިއިސްލާހު ތަސްދީގު ކުރައްވާފަ އެވެ.

މިނިމަމް ވޭޖު ދޭން މަޖުރޫބުވާ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނު 2020 ވަނަ އަހަރު އިސްލާހުކޮށް މިނިމަމް ވޭޖު އިއުލާންކުރީ މަސައްކަތްތެރިންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރައިގެ ގޮތުގައި މިނިސްޓަރު ކަނޑައަޅާ އަދަދު ކޮންމެ ދެ އަހަރަކުން މުރާޖައާ ކުރާ ގޮތަށެވެ. މިނިމަމް ވޭޖުގެ އިސްލާހަށް އަމަލުކުރަން ފެށީ މިދިޔަ އަހަރުގެ ޖެނުއަރީގަ އެވެ.

މިނިމަމް ވޭޖު ދިނުމަށް ސަރުކާރުން ގާނޫނު އިސްލާހު ކުރިއިރު އޮތީ ގާނޫނަށް އަމަލުކުރަން ފަށާތާ ދެ އަހަރުގެ ތެރޭގައި މިނިމަމް ވޭޖު ބިދޭސީންނަށް ވެސް ދޭން ޖެހޭ ގޮތަށެވެ. އަދި އެ އިސްލާހު ކުރިން އޮތްގޮތުން މާދަމާ އިން ފެށިގެން ބިދޭސީންނަށް މިނިމަމް ވޭޖު ދޭން ޖެހެ އެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިމަހުގެ ހަތްވަނަ ދުވަހު ހުށަހެޅި އިސްލާހުގައި ބުނެފައިވަނީ ބިދޭސީއެއް ނަމަ މިނިމަމް ވޭޖް ދޭން ޖެހޭނީ ރާއްޖޭގެ އިގްތިސާދީ ހާލަތަށާއި ގައުމުގެ ފުދުންތެރިކަމާއި އުފެއްދުންތެރިކަމަށް ރިއާޔަތްކުރުމަށްފަހު އެޑްވައިޒަރީ ބޯޑުން ދޭ ލަފާގެ މަތިން ސަރުކާރުން ކަނޑައަޅާ ތާރީހެއްގައި ކަމަށެވެ.

މިއިސްލާހު މަޖިލީހުން މިއަދު ފާސްކުރީ ވޯޓުގައި ބައިވެރިވި 49 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. އިސްލާހާ ދެކޮޅަށް އެއް މެމްބަރަކު ވޯޓު ދެއްވި އެވެ. އިސްލާހު މިއަދު ފާސްވުމާ ގުޅިގެން ބިދޭސީންނަށް މިނިމަމް ވޭޖު ދިނުން ސަރުކާރުން ބޭނުންވާ ދުވަހަކަށް ފަސްކުރެވިދާނެ އެވެ.