ފިނިޕޭޖް

"ޑޯންޓް ވޮރީ ޑާލިން" އަށް ތިން ދުވަހުން 30 މިލިއަން

ގިނަ މައްސަލަތަކަކާއެކު ހަދައި އަދި ރިލީޒްކުރި އޮލީވިއާ ވައިލްޑްގެ ސަސްޕެންސް ތްރިލާ "ޑޯންޓް ވޮރީ ޑާލިން" އަށް ބޮކްސް އޮފީހުގައި ތިން ދުވަހުން 30 މިލިއަން ޑޮލަރު ލިބިއްޖެ އެވެ.

ވަން ޑައިރެކްޝަންގެ ކުރީގެ ލަވަކިޔުންތެރިޔާ ހެރީ ސްޓައިލްސް އާއި "ބްލެކް ވިޑޯ"ގެ ފްލޮރެންސް ޕިޔު ލީޑް ރޯލް އަދާކުރާ މި ފިލްމްގެ މުޅި ބަޖެޓަކީ 35 މިލިއަން ޑޮލަރެވެ. ލަފާކުރެވޭ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި މި ފިލްމު ފައިދާވި ލިސްޓަށް ދާނެ އެވެ.

މި ފިލްމްގައި ޑައިރެކްޓަރު އަދި އެކްޓްރެސް އޮލީވިއާ ސަޕޯޓިން ރޯލެއް އަދާކޮށްފައިވާއިރު، މި ފިލްމްގައި ކްރިސް ޕައިން އަދި ޖެމާ ޗެން ވެސް އުޅެއެވެ.

"ޑޯންޓް ވޮރީ ޑާލިން"ގައި ފެންނަނީ 1950ގެ އަހަރުތަކުގައި، އެލިސް (ފްލޮރެންސް) އަދި ޖެކް (ހެރީ) ކެލިފޯނިއާގެ ވިކްޓްރީ ކިޔާ ރަށެއްގައި އުޅެމުންދާ ތަނެވެ. ޖެކް މަސައްކަތްކުރާ ކުންފުނި، ވިކްޓަރީ އަކީ އެ ރަށުގައި ކަންތައްތައް ބަލަހައްޓާ ކުންފުންޏެވެ. ޖެކް ފަދަ ވިކްޓަރީ ކުންފުނީގައި މަސައްކަތްކުރާ ބައިވަރު ޒުވާނުން އެމީހުންގެ އަނބިންނާއެކު އެ ރަށުގައި ދިރިއުޅެމުން ގެންދެ އެވެ. އެލިސްގެ ރަހްމެތްތެރިއެއް ކަމުގައިވާ މާގަރެޓްއަށް ދިމާވާ ކަމަކުން އެލިސްގެ މުޅި ދުނިޔެ ބަދަލުވެ، ހަގީގަތާއި ހިޔާލީ ކަންތައްތައް އޮޅެން ފަށައެވެ. އެލިސް އަށް ފެންނަ ކަންތައްތައް އެހެން މީހުން ދޮގުކުރެއެވެ. ދެން ފިލްމުގައި ފެންނަނީ އެލިސް ހަގީގަތް ހޯދާ، ސަލާމަތްވާން މަސައްކަތްކުރާ ތަނެވެ.

"ޑޯންޓް ވޮރީ ޑާލިންގ" ރިލީޒްކޮށްފައިވަނީ މި ފިލްމް ހެދުމުގެ ފަހަތުގައި ގިނަ މައްސަލަތަކަކާއި ޑްރާމާ އަދި ނެގަޓިވް ޕަބްލިސިޓީގެ ތެރޭގަ އެވެ. މި ފިލްމުގެ ފުރަތަމަ ލީޑް އެކްޓާ ޝަޔާ ލަބޫފް، އޮލީވިއާ އާ ޖެހުނު މައްސަލައެއްގައި ވަކިކޮށް، ހެރީ ސްޓައިލްސް އެ ރޯލަށް ގެނަ އެވެ. މީޑިއާތަކުގައި މި ފިލްމާ ގުޅޭގޮތުން އެކި ވާހަކަތައް ފެތުރި، ޝަޔާ ވެސް އޮލީވިއާއަށް ތުހުމަތުތަކެއް ކޮށްފައިވެ އެވެ.

އެފަދަ ތުހުމަތުތަކަކަށްފަހު، ދެން ނިކުތީ މުސާރައިގެ ތަފާތުގެ މައްސަލަތަކެވެ. ޑައިރެކްޓަރު އޮލީވިއާ ވައިލްޑް، ހެރީ ސްޓައިލްސްއާ ލޯބީގެ ގޮތުން ގުޅުނުކަން ސަމާލުކަމަށް އަޔެވެ. ފިލްމްގެ ލީޑް ތަރި ފްލޮރެންސް ޕިޔު އާއި އޮލީވިއާ ދެބަސްވެ، ބޮޑު ޒުވާބަކަށް ދިޔަކަމުގެ އަޑު ފެތުރުނެވެ. ފިލްމް އެޑިޓްކޮށް ސިނަމާތަކުގައި އެޅުވިއިރު ކިކީ ލޭން އާއި އާރިއަލް ސްޓެޗެލްގެ ރޯލް ވަރަށް ބޮޑަށް ކުޑަކޮށްލާ، ކަނޑާފައިވާ ކަމަށް އާރިއަލް އިންސްތަގްރާމްގައި ޕޯސްޓްކުރި އެވެ. ވެނިސް ފެސްޓިވަލްގައި ހެރީ ސްޓައިލްސް، ކްރިސް ޕައިންގެ އަތަށް ކުޅުޖެހި ކަމަށް ފޯޓޯ އަދި ވީޑިއޯ ފެތުރުނެވެ. މި ކަންތައްތައް އޮލީވިއާ އާއި ފިލްމުގެ އެހެން މީހުން ދޮގުކުރަމުން ދިޔަ އެވެ. ނަމަވެސް ފިލްމްގެ ގިނަ ޕްރޮމޯޝަނަލް އިވެންޓްތަކުގައި ފްލޮރެންސް ޕިޔު ނުފެނެ އެވެ.

މިހެންގޮސް ގޮސް ބައިވަރު ކަންތައްތަކަކަށްފަހު މި ފިލްމް ރިލީޒްކުރިއިރު ކްރިޓީކުންގެ ފާޑު ކިޔުމާއެކު ވެސް، މި ފިލްމުގެ ނަން ލިޔަންޖެހެނީ ކާމިޔާބު ފިލްމުތަކުގެ ލިސްޓުގަ އެވެ. ގިނަ ކްރިޓީކުން ފްލޮރެންސް ޕިޔުގެ އެކްޓިންއަށާއި ސިނެމެޓޮގްރަފީ އަދި ޕްރޮޑަކްޝަން ޑިޒައިންއަށް ތައުރީފްކޮށްފައިވާއިރު، ފިލްމުގެ ޑައިރެކްޝަނަށާއި ސްކްރިޕްޓަށް ފާޑުކިޔާފައިވެ އެވެ.