ފިނިޕޭޖް

ޑިޒްނީގެ "ޑިސްއެންޗާންޓަޑް"

2007 ވަނަ އަހަރު ނިކުތް "އެންޗާންޓަޑް" ފިލްމަކީ ވަރަށް ކާމިޔާބު ޑިޒްނީ ފިލްމެކެވެ.

އެނިމޭޝަނާއި ކޮމްޕިއުޓާ-ޖެނެރޭޓަޑް އިމޭޖަރީ އަދި ލައިވް އެކްޝަން އެކުލެވިގެންވާ މި ފިލްމުގެ ވާހަކައަކީ ގިނަ ފެއަރީ ޓޭލްސް އެއްކޮށްފައިވާ ޕެރޮޑީއެކެވެ.

މި ފިލްމުގެ "ދެޓްސް ހައު ޔު ނޯ" އާއި "ހެޕީ ވާކިން ސޯންގް" ފަދަ ލަވަތަކަކީ އަޑުއަހާލަން ހިތްގައިމު އަދި އެވޯޑްތަކަށް ނޮމިނޭޓްވެފައިވާ ލަވަތަކެކެވެ.

"ޑިސްއެންޗާންޓަޑް" ގައިވެސް މީގެ ފުރަތަމަ ފިލްމެކޭ އެއްފަދައިން ޖިޒެލްގެ ރޯލުގައި އެމީ އެޑަމްސް، ރޮބަޓްގެ ރޯލުގައި ޕެޓްރިކް ޑެމްޕްސީ، ޕްރިންސް އެޑްވަޑްގެ ރޯލުގައި ޖޭމްސް މާސްޑަން އަދި ނެންސީގެ ރޯލުގައި އައިޑީނާ މެންޒެލް ހިމެނެ އެވެ. މީގެ އިތުރުން ގެބްރިއެއްލާ ބަލްޑަޗީނޯ އާއި މާޔާ ރުޑޮލްފް މި ފިލްމުން ފެނިގެންދާނެ އެވެ.

މި ފިލްމުގެ ޓްރޭލާއިން ފެންނަނީ ފުރަތަމަ ފިލްމުގެ 10 އަހަރު ފަހުން، ޖިޒެލް، ރޮބަޓް، ރޮބަޓްގެ ދޮށީ ދަރި މޯގަން އަދި ފަހުން ލިބުނު ދަރިފުޅާއެކު މޮންރޯވިލްއަށް ބަދަލުވާ ތަނެވެ.

މޮންރޯވިލްގެ ކަންތައްތައް ބަލަހައްޓަނީ މެލްވީނާ މޮންރޯ އެވެ. އެޑްވަޑް އާއި ނޭންސީވެސް އެމީހުންގެ ދުނިޔެއިން ޖިޒެލް މެންނާ ބައްދަލުކުރަން އާދެ އެވެ. މެލްވީނާ ޖިޒެލްގެ އާއިލާއާ މެދު ނުބައި ނިޔަތުގައި ކަންތައްތައް ކުރާތީ، ޖިޒެލްގެ ހަޔާތް ފުރިހަމަ ފެއަރީ ޓޭލްއަކަށް ވުމަށް މެޖިކް ވޯންޑް ބޭނުންކޮށްގެން އެދޭ އެދުން މުޅިން އޮޅުން އަރައި ކޮންޓްރޯލުން ނައްޓަ އެވެ. ޖިޒެލްވެސް ބަދަލުވާން ފަށަ އެވެ.

ދެން ޖިޒެލް އާއިލާ ސަލާމަތްކުރަން ކަންތައްކުރާނެ ގޮތް ފިލްމް ރިލީޒްކުރުމުން ބަލާލާށެވެ. މި ފިލްމް ރިލީޒްކުރާނީ ނޮވެމްބަރު 24 ވަނަ ދުވަހު، މީގެ ފުރަތަމަ ފިލްމް ރިލީޒްކުރިތާ 15 އަހަރު ފަހުންނެވެ.