އޭޑިކޭ ހޮސްޕިޓަލް

ރައްކާތެރިކަން އިސްކުރުމަށް އޭޑީކޭއިން އިލްތިމާސްކޮށްފި

މަސައްކަތުގެ މާހައުލުގައި އަމިއްލަ ނަފްސާއި އެހެން މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުވުމަށް ރާއްޖޭގެ އެންމެ ބޮޑު އެއް އަމިއްލަ ހޮސްޕިޓަލް -- އޭޑިކޭ އިން އިލްތިމާސްްކޮށްފި އެވެ.

އޭޑީކޭ އިން މިކަމަށް އިލްތިމާސް ކުރީ ހަދަމުން ދިޔަ އިމާރާތެއްގައި މަސައްކަތްކުރަމުން ދަނިކޮށް ދަގަނޑެއް ހެރިގެން އެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ބިދޭސީ މީހާގެ ހާލަތާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

އެޑީކޭގެ މެނޭޖިން ޑރެކްޓަރު އަހްމަދު އަފްއާލް ވިދާޅުވީ މަސައްކަތުގެ މާހައުލުން ބޮޑެތި އަނިޔާ ލިބިގެން ފަރުވާ ހޯދަން އަންނަ މީހުން އިތުރުވެފައިވާ ކަމަށެވެ. އެހެންކަމުން ރާއްޖޭގައި މަސައްކަތް ކުރާ މީހުންނާއި އާންމު އެހެން މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މިހާރަށް ވުރެ ބޮޑަށް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަން ފާހަގަކުރެވޭ ކަމަށެވެ.

"[މަސައްކަތް ހަވާލުކުރާ ކުންފުނިތަކުގެ] އިސްވެރިން، އެބޭފުޅުންގެ ދިރިއުޅުން ހޯދައިދޭން މަސައްކަތް ކުރާ މީހުންގެ ދިރިއުޅުން ދުޅަހެޔޮ، ރަނގަޅު އަނިޔާއިން ރައްކާތެރިވެގެންވާ ދިރިއުޅުމަކަށް ހައްދަވައިދެއްވަން މަސައްކަތް ކުރެއްވުން އަޅުގަނޑުގެ އިލްތިމާސަކީ،" އައްފާލް ދިވާޅުވި އެވެ.

އޭނާ ވިދާޅުވީ އިމާރާތްކުރުމުގެ ދާއިރާގެ މަސައްކަތްތައް ހިނގާ ތަންތަނުގެ ސަލާމަތީ ކަންކަން ހުންނަންޖެހޭނީ ވަރަށް ރަނގަޅު އުސޫލެއްގެ ތެރެއިން ހަމަޖެހިފައި ކަމަށެވެ. ސަލާމަތީ މިންގަނޑުތަކާއި އުސޫލުތައްކެއް ކަމާ ގުޅޭ އިދާރާތަކުން އެެކުލަވާލާފައިވީ ނަމަވެސް އެފަދަ އުސޫލުތަކަށް އަމަލު ނުކުރެވޭތީ ހިތާމަވެރި ހާދިސާތައް ހިނގަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

"ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ފަރާތްތައް ހިމެނޭ ޖަމިއްޔާއިން ވަރަށް ތަފްސީލް ސޭފްޓީ ސްޓޭންޑާޑްސްތަކެއް ގާއިމްކޮށް އެކަން ކުރުމަށް ހުރިހާ ކޮންސްްޓްރަކްޝަން ކުންފުނިތަކަށާއި އެފަދަ މަސައްކަތް ކުރާ ފަރާތްތަކަށް އަންގާފައިވާތާ މިހާރު އަށް ވަރަކަށް އަހަރުވެއްޖެ،" އަފްއާލް ވިދާޅުވި އެވެ.

އޭޑީކޭގެ ސްޕޯކްސްޕާސަން އަދި މަޝްހޫރު ޑޮކްޓަރު ޑރ. އަބްދުﷲ ނިޔާފް ވިދާޅުވީ އިންސާނުންގެ ފުރާނަ ރައްކާތެރިކުރުމުގެ މުހިންމު ކަމާއި މަސައްކަތްކުރާ ތަންތަނުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއި މެދު އާންމުން ހޭލުންތެރިކުރުން މުހިންމު ކަމަށެވެ.

"އަޅުގަނޑުމެން އިސްނަގައިގެން މިފަދަ ސަލާމަތާއި ރައްކާތެރިކަމުގެ ޓްރެއިނިން ތަކެއްވެސް އާންމުކޮށް ހިންގަން ތައްޔާރަށް މިތިބީ،" ނިޔާފް ވިދާޅުވި އެވެ.

ކޮންސްޓްރަކްޝަން ސައިޓުތަކުން އެއްޗެހި ވެއްޓި މީހުންނަށް އަނިޔާވުމާއި ފުރާނައަށް ނުރައްކާވުމާއި އެނޫންވެސް މަސައްކަތް ކުރާ ތަންތަނުގައި ބޮޑެތި ހާދިސާތައް ހިނގުމަކީ ރާއްޖޭގައި އާންމުކޮށް ހިނގަމުންދާ ކަމެކެވެ.